އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން (6)

މިހިނގާ ޖުލައި 15ވީ އާދީއްތަ ދުވަހުގެ ރޭ ޗާންދަނީމަގާއި ފަރީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީ ރައްޔިތުން ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމުގައި ބައިވެރިވެ، އެސަރަހައްދު ގައި އަވަސް އިންތިހާބު ބޭއްވުމަށް ގޮވާލައްވައި އިހްތިޖާޖް ކުރަމުން ގެންދެވި ރާއްޖޭގައި ފުރަތަމަ ގާއިމު ކުރެވުނު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތުފީ އަށް އެއްވެސް އިންޒާރެއް ދިނުމެއްނެތި އެމަނިކުފާނުގެ ގައިކޮޅަށް އަތްލައި، އެމަނިކުފާނަށް ގާނޫނުއަސާސީން ލިބިދޭ ހައްގަށް އަރައިގަތް މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި މި އަމަލު ސިފަކުރެވެނީ ދިވެހިރާއްޖޭގެ ޒަމާނީ ތައުލީމީ ދަންމަރަށް ފުލުހުންގެ މުއައްސަސާއިން ގަސްތުގައި ދިން ހަމާލާ އެއްކަމުގައެވެ. އަދި މިއަމަލަކީ މަތީ ތައުލީމު ހާސިލް ކުރަމުންއަންނަ ދިވެހި ޒުވާން ދަރިވަރުންނަށް ކުރި ބޭ އިހްތިރާމެއް ކަމުގައިވެސް ދެކެމެވެ.

ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެންއަންނަނީ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ކިބައިން ކަމަށް ވީހިނދު އަދި އެބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ވީހިނދު ރައްޔިތުން އެއްވާ ސުލްހަވެރި އެއްވުންތައް ހަލަބޮލި ނުކުރުމަށް ފުލުހުންގެ މުއައްސަސާއަށް ތަކުރާރުކޮށް ގޮވާލާ އަދި ފުލުހުންގެ ވަކިވަކި ފަރުދުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމެވެ މީގެ އިތުރުން ގާނޫނުއަސާސީން ލިބިދޭ ހުރިހާ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބައިދިނުމާއި އެ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ މުއައްސަސާގެ ގެއްލިފައިވާ ގަދަރާއި އިހްތިރާމް އަނބުރާ ހޯދުމަށް ގަދައަޅައި، މަސަތްކަތް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ޑިފެންސް ފޯސްއަށް ތަކުރާރު ކޮށް ހަނދުމަކޮށްދީ ނަސޭހަތްތެރިވަމެވެ. އަދި ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދޭ ހައްގުތަކަށް ހުރަސް ނޭޅުމަށް ވެސް ތަކުރާރުކޮށް ގޮވާލާލަމެވެ.


16 ޖުލައި 2012

ބަޔާން ނެރުނީ: މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
: އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
: މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)
:އަލީ ރިޒާ (މިލަންދޫ ދާއިރާގެ މެންބަރ)