ކޮންމެ ޝަރުއީ މަޖިލިސް އަކަށް ވެސް ގޮސް ސާބިތު ކަމާއެކު ހުންނަވަން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑުގައި އެ ޕާޓީގެ މެންބަރުންނާ މުޚާތަބުކުރައްވައި ރައީސް ނަޝީދު މިރޭ ވަނީ ޖޯޝުން ފުރިގެންވާ ތަގުރީރެއް ދެއްވާފައެވެ. އެ ތަގުރީރުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އެއްވެސް ދައުވާއެއް އަނބުރާ ގެންދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި، އެ މަނިކުފާނުގެ ސަރުކާރުގައި ކުރެއްވި ކޮންމެ ކަމަކީ ވެސް ރައްޔިތުންގެ ދިފާއުގައި ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ގާނޫނާއި ގަވައިދާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބަޣާވާތުގެ އަޑީގައި ހުންނެވީ ކުރީގެ ޚުދުމުޚްތާރުވެރިޔާ މައުމޫން އަބްދުލްޤައްޔޫމް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ ރައީސް ނަޝީދާ އެކު އެއް މޭޒު ދޮށަށް ވަޑައިނުގަންނަވާނޭ ކަމަށް މައުމޫން ވިދާޅުވަމުން ދާތީ އެކަމަށް ރައްދުދެއްވައި، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުވާއެއް ކުރައްވާތީ ވަކި މީހަކާ ވާހަކަ ނުދައްކަވައި ނުހުންނަވާނޭ ކަމަށެވެ.
ރައީސް ނަޝީދު މިރޭ ދެއްވި ތަގުރީރުގައި އެމްޑީޕީގެ އަމާޒަކީ އަވަސް އިންތިޚާބެއް ހޯދުން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި “ޖަންގަލީގެ އުސޫލުން މުލައްދަނޑީގެ ބާރުން ބާޣީންގެ ސަރުކާރެއް” އުފައްދާފައިވާ ކަމަށާއި، އެ ބާޣީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ހުރަސްއެޅުމަށްޓަކައި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެމްޑީޕީގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނާންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިރޭ އުސްފަސްގަނޑަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާ އިރު، އުސްފަސްގަނޑަށް ހާޒިރުވި އެތައްހާސް ބަޔަކު ވަނީ މިރޭގެ ބައްދަލުވުން ނިމުމުން ރައީސް ނަޝީދާ އެކު އުސްފަސްގަނޑުން ފެށިގެން ބޮޑިތަކުރުފާނު މަގުން، މަޖީދީ މަގުން ގޮސް ޗާންދަނީ މަގު ރީފްސައިޑް ކައިރީގައި ހިނގަމުންދާ އެމްޑީޕީގެ އިހުތިޖާޖާ ގުޅިފައެވެ. ނަމަވެސް ފުލުހުން ވަނީ ވަރަށް އަނިޔާވެރިކަމާ އެކު އެ އިހުތިޖާޖުގެ ބައިވެރިންނާ ކުރިމަތިލައި، ކުރީސަފުގައި ތިބި ގިނަ ބަޔަކަށް އަނިޔާކޮށް އޭގެ ތެރެއިން 10 ވަރަކަށް މީހުން ހައްޔަރުކޮށްފައެވެ.