ލަންކާގައި ވެސް ސީދާ ހަރަކާތް ފެށިއްޖެ

އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ވެސް އެމްޑީޕީގެ ސީދާ ހަރަކާތް ފެށިއްޖެއެވެ.

މާލޭގައި އެމްޑީޕީން ފަށާފައިވާ ސީދާކުއްލި ހަރަކާތާއި އެއްބައިވުމުގެ ގޮތުން ލަންކާގައި ދިރިއުޅޭ އެމްޑީޕީގެ ސަޕޯޓަރުން މިހާރު ދަނީ ލަންކާގައި ހުންނަ ދިވެހިރާއްހޭގެ އެމްބަސީ ކައިރިއަށް އެއްވެ ބާޣީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމުގެ އިތުރުން ބާޣީ ސަރުކާރުގެ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ވެސް އަޑުއުފުލަމުންނެވެ.

އެމްޑީޕީގެ ސީދާ ހަރަކާތާއި ގުޅުމަށް ރަށްރަށުން މީހުން އައުމަށާއި، މާލޭގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ވެސް އެމީހަކަށް ފަސޭހަ ހިސާބަކުން އެމްޑީޕީގެ ސީދާ ހަރަކާތާއި ގުޅުމަށާއި، އަދި އަވަސް އިންތިޚާބަކަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން ގޭގޭގައި ރީނދޫ ދިދަ ނެގުމަށް އެމްޑީޕީން ދަނީ ގޮވާލަމުން ނެވެ.

އެމްޑީޕީން މިހާރު ފަށާފައި މިވާ ސީދާ ހަރަކާތަކީ ބަޣާވާތަކުން ގެނެސްފައިވާ ސަރުކާރު ނިމުމަކަށް ގެނެސް، ރައްޔިތުންގެ ވެރިކަމެއް އަލުން ގާއިމްކުރުމުގެ މަސައްކަތް ކަމަށާއި، މި ހަރަކާތް ހުއްޓުވުމަށް ބަޣާވާތުގެ ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތްކޮށް، ކިތަންމެ ވަރަކަށް ބިރުދައްކައި ރައްޔިތުންނަށް އަނިޔާކުރަމުން ދިޔަ ނަމަވެސް މި މަސައްކަތަށް ކުޑަވެސް ލޮޅުމެއް އަދި މަޑުޖެހުމެއް ނައިސް ދިވެހި ލޮބުވެތި ރައްޔިތުން އެދޭފަދަ ރައްޔިތުންގެ ވެރިކަމެއް ގާއިމްވުމުގެ މަގު ފަހިވުމުން ނޫނީ، އެ ހަރަކާތް ހުއްޓާނުލާނޭ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

އެމްޑީޕީން މިހެން ބުނެފައިވާ އިރު، ފުލުހުންގެ އަނިޔާވެރިކަން އިތުރުވަމުން ދިޔަ ނަމަވެސް އެމްޑީޕީގެ ސީދާ ހަރަކާތާއި ގުޅެމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ އެ ހަރަކާތުގެ ފޯރި މާލެ އާއި އަތޮޅުތަކުގައި ގަދަވަމުންދާ ކަން ފާހަގަކުރެވެއެވެ.