ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 67
ތާރީޚް: 15 ޖުލައި 2012 (އާދީއްތަ)
އައްޑޫ ސިޓީ ފޭދޫ ދާއިރާގެ އޮފީހަށް ފުލުހުން ގެއްލުންދީ އެ ދާއިރާގެ އައްޑޫ ސިޓީ ކައުންސިލް މެންބަރު މިރުޒާދު އާއި އެމްޑީޕީގެ ބައެއް މެންބަރުން ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކުރުން
އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސެލަރު އަޙްމަދު މިރުޒާދު އާއި އެމްޑީޕީގެ ބައެއް އެހެން މެމްބަރުން ޚަބަރު ބަލަން އެމްޑީޕީ ފޭދޫ ދާއިރާގެ އޮފީސް ކައިރީގައި ތިއްބާ ފުލުހުން އެ ސަރަހައްދަށް ގޮސް އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް، އެމްޑީޕީ ފޭދޫ އޮފީހަށް ގެއްލުންދީ، ވަރަށް އަނިޔާވެރިކަމާ އެކު މިރުޒާދު އާއި އޭނާގެ ބައްޕައާއި، ބޭބެ ހިމެނޭ ގޮތުން އިތުރު 5 މެންބަރަކު ހިފައި ހައްޔަރުކޮށް، ބައެއް މެމްބަރުންގެ ގަޔަށް ވަރަށް ކައިރިން ޕެޕަރ ސްޕްރޭ ޖަހައި، އަދި ބައެއް މެމްބަރުންގެ ގައިގައި ކަޓަރު އަޅުވައި، އިދިފުށަށް ބިޑި އަޅުވައި، ފުލުހުންގެ ވެހިކަލްތަކުގެ ތެރެއަށް އެއްލާލައި، މީގެ އިތުރުން އަންހެނުންނަށް އަނިޔާކޮށް، އެމީހުންގެ ލޮލަށް ޕެޕަރސްޕްރޭކޮށްފައިވާތީ، މި ރަހުމްކުޑަ، ލާއިންސާނީ ޢަމަލުތައް މި ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
ވީމާ، ފުލުހުން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހައްޔަރުކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަހުމަދު މިރުޒާދާއި އައްޑޫސީޓީންނާއި މާލެ ސިޓީން ގާނޫނާއި ގަވައިދާއި ޚިލާފަށް ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ސީދާ ހަރަކާތުގެ ބައިވެރިން ވަގުތުން ދޫކޮށްލުމަށް މި ޕާޓީން ގޮވާލަމެވެ.
ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް
3340044