މި ޕާޓީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެ ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރަމުންދަނިކޮށް މި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު، އެމްޑީޕީ މަތި އުތުރު ޕުރޮވިންސްގެ ރައީސް އާދަމް ނަސީރު ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބެހެއްޓުމަށް ފަހު ކޯރާޑިއެއް ހިފައިގެން އައިސް އޭނާ މަރާލާނެ ކަމަށްބުނެ އިންޒާރުދީ ހަމަލާ ދިނުމަށްޓަކައި ކޯރާޑިން ޖަލުގެ ތޭރިތަކުގައި އެތަކެއް ފަހަރު ޖެހުމަށްފަހު ބޭއަދަބީ ބަހުން މުއާމަލާތުކޮށް މަރުގެ އިންޒާރުން ބިރުދައްކައި ދަށު ދަރަޖައިގެ ނަޕުސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ދީފައިވާތީ އެކަން މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
އާދަމް ނަސީރުގެ އިތުރުން އެގޮޅީގައި ހައްޔަރު ކޮށްފައި ތިބި އިތުރު އެތަކެއް ބަޔަކަށް ނަފުސާނީ ގޮތުން ބިރުދައްކައި “އެމްޑީޕީ މީހުން މަރާނެ” ކަމަށްބުނެ ފާޅުގައި ޕޮލިސް އޮފިސަރު ވަނީ އިންޒާރުދީފައެވެ. އެވަގުތު ޑިއުޓީގައި ހުރި އެހެން ޕޮލިސް އޮފިސަރެއް ކަމަށްވާ “އަލީ އިބުރާހިމް ހ.އ ތުރާކުނު ކަނީރުމާގެ” އައިސް ކޯރާޑި ހިފައިގެން ހުރި ޕޮލިސް އޮފިސަރު ދުރު ނުކުރި ނަމަ ބޮޑެތި އަނިޔާތަކެއް ނުވެ ނުދާނެ ކަން ކަށަވަރެވެ. ސަބަބަކީ ހައްޔަރުގައި ތިބި، އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭނެ ބަޔަކަށް އަމާޒުކޮށް ހަމަލާ ދޭން މަސައްކަތް ކޮށްފައި ވުމެވެ.
އެހެން ކަމުން އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށް މި ޕާޓީގެ މަތި އުތުރު ޕުރޮވިންސްގެ ރައީސް އާދަމް ނަސީރުއާއި އަދި އެހެން ވެސް ހައްޔަރު ގައި ތިބި ހުރިހާ ފަރާތް ތަކަށް ޖަލުގައި ދެމުންދާ ލާއިންސާނީ އަނިޔާތަކާއި އަދި ނަފުސާނީ ގޮތުން ބިރުދެއްކުމަށްޓަކައި ކުރަމުންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ޕާޓީން ގޮވާލަމެވެ. އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނުން މިކަން ތަހުގީގުކުރުމަށް ގޮވާލަމެވެ.