ނޫސްބަޔާން: ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބާޣީ ފުލުހުން ރޭގައި ދިން ޕެޕަރ ސްޕްރޭގެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 65
ތާރީޚް: 15 ޖުލައި 2012 (އާދީއްތަ)

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބާޣީ ފުލުހުން ރޭގައި ދިން ޕެޕަރ ސްޕްރޭގެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުން

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބާޣީ ފުލުހުން ރޭގައި ދިން ޕެޕަރ ސްޕްރޭގެ ފިނޑި ހަމަލަ މި ޕާރޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ދިވެހި ރައްޔިތުން ފުރަތަމަ ފަހަރަށް ވާދަވެރި ރިޔާސީ އިންތިޚާބަކުން އިންތިޚާބުކުރެއްވި، އަދި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ނުހަނު މަތިވެރި ދަރަޖައަކަށް ލިބިވަޑައިގެން ހުންނެވި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، ރޭގައި ރައްޔިތުން އަވަސް އިންތިޚާބަކަށް ގޮވާލާ ސުލްޙަވެރިކަމާއެކު ކުރަމުން ގެންދިއަ އިޙްތިޖާޖުގައި ބައިވެރިވެވަޑައިގެން ހުންނަވަނިކޮށް، ބާޣީ ފުލުހުންގެ ތެރެއިން ސްޕެޝަލް އޮޕަރޭޝަން ޕޮލިސްގެ ޔުނިފޯރމްގައި ތިބި ބަޔަކު، ބެރެކޭޑްގެ އެތެރެއިން ރައްޔިތުންގެ ތެރެއަށްވަދެގަނެ، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ހޯދާ، އެމަނިކުފާނުގެ ދެލޯފުޅަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާކަމަށްވެފައި، އަދި ސަލާމަތީ ޚިދުމަތްތަކުން އެމަނިކުފާނުގެ ހަށިކޮޅުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ޤާނޫނީގޮތުން ލާޒިމުކޮށްފައިވާ ބޭފުޅަކަށް ވެފައި، އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން ސަލާމަތީ ޚިދުމަތްތަކުން އެވާޖިބު އަދާކުރޭތޯ ބަލަންޖެހިފައިވާ ގޮތަށް އޮންނަ ކަމަކަށް އެކަން ވެފައި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވެފައި، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދިވެހިންނަށް ހޯދައިދިނުމުގައި އެންމެ މަތިވެރި ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅަކަށްވެފައި، އަދި މިގޮތުން ބައިނަލްއަޤުވާމީ ދުނިޔޭގައި ނުހަނު މަގުބޫލުކަން ހޯއްދަވައި، ބައިނަލް އަޤްވާމީ އެތަކެއް ޝަރަފުވެރި އިނާމުތަކެއް ލިބިވަޑައިގެން ހުންނެވި ޝަހުސިއްޔަތަށްވީއިރު، އެމަނިކުފާނަށް އެފަދަ ނާތަހުޒީބީ ފިނޑި ހަމަލާއެއް ބާޣީ ފުލުހުން ދިނުމަކީ ބާޣީ ފުލުހުންގެ ދަރަޖަ އެތައް ގުނައެއް ދަށަށް ވެއްޓިގެންދިއަކަމެކެވެ. އަދި އެމަލަކީ މިމާހައުލު ހަލަބޮލި ކޮށްލައި ހަމަނުޖެހުމުގެތެރެއަށް ވައްޓާލުމަށް ބާޣީ ފުލުހުން ހިންގި އަމަލެއްކަމަށް ދެކެމެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ބާޣީ ފުލުހުން ރޭގައި ޕެޕަރ ސްޕްރޭގެ ހަމަލާ ދިނުމުންވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން އެނބުރިވަޑައިގެން ރައްޔިތުން ކުރަމުންގެންދިއަ އިޙްތިޖާޖުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވީތީ އެމަނިކުފާނުގެ ހިތްވަރުފުޅު ގަދަކަމާއި އަޒުމުފުޅުގެ ވަރުގަދަ ކަމަށްޓަކައި މި ޕާރޓީން އެމަނިކުފާނަށް ތައުރީފުކޮށް ޝުކުރުދަންނަވަމެވެ. އަދި މި ޕާރޓީ މިއޮތީ ރައީސް ނަޝީދާއެކުގައި ކަމާއި ރައީސް ނަޝީދުކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތްޕުޅަށް އެއްބާރުލުން އަރުވައި ރޭވުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު ކާމިޔާބަށް ވާސިލުވުމަށް އަމަލުކުރާނޭކަމުގެ ޔަޤީންކަން ރައީސް ނަޝީދަށް މިހިނދުގައި އަރުވަމެވެ.

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބާޣީ ފުލުހުން ރޭގަ ދިން ޕެޕަރ ސްޕްރޭގެ ހަމަލާ ތަޙްޤީޤުކުރައްވައި ފިޔަވަޅު އެޅުއްވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށާއި ހިޔުމަން ރައިޓްސް ކޮމިޝަނަށް ވެސް މިދަނޑިވަޅުގައި ގޮވާލަމެވެ.

ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ
ސްޕޯކްސްޕާސަން
7777852