ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް
ގ. ކެނެރީގެ
މާލެ، ދިވެހިރާއްޖެ
ނޫސް ބަޔާން
7 ފެބްރުއަރީ 2012 ގައި މިރާއްޖޭގައިއޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށް ހިންގި ބަޣާވާތާއި ގުޅިގެން އަޅުގަނޑު މިބަޣާވާތުގެ އަޑީގައި ވަނީ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ކަމަށް ބުނެފައިފައިވަނީ ރައީސް މައުމޫނު ބަޣާވާތުގެ ކުރިން، އެންމެފަހުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަމުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ ހައިޞިއްޔަތުން ހަވާލުވެހުރި ސަރުކާރު ނިމުމަކަށް ގެންނަންވެއްޖެކަމާއި މިކަން ކުރަން ލަސްވެއްޖެކަމަށް ވިދާޅުވެފައިވުމާއި، މިކަންކުރީ ޕީ.ޕީ.އެމް.ގެ ނައިބު ރައީސް ޢުމަރު ނަޞީރު ކޮމާންޑް ސެންޓަރގައި އިންދެގެންކަމަށް އޭނާ އަމިއްލައަށް އެތައްތަނެއްގައި ބުނާތީއާއި އަދި ބަޣާވަތްކޮށް އަޅުގަނޑު އިސްތިޢުފާދޭން ޖެހުމާއި ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ ގެމަނަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރ އަދި ޕީ.ޕީ.އެމްގެ ނައިބު ރައީސް އިލްހާމް އަޙުމަދު އާއި ރައްޔިތުންގެ މަޖްލީހުގެ ވިލުފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރ ރިޔާޒް ރަޝީދު އެދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިކަމުގައި (ބަޣާވާތްކޮށް ސަރުކާރު ބަދަލުކުރުމުގައި) ހުރިހާ ޝުކުރެއްއޮތީ ރައީސް މައުމޫނާއި އޭނާގެ އާޢިލާއަށްކަމަށާއި އަދި ޚާއްޞަގޮތެއްގައި ރައީސް މައުމޫނުގެ ދަރިކަލުން ފާރިޝް މައުމޫނު މުޅި ރޭ އެކަމުގައި (ބަޣާވާތްކޮށް ސަރުކާރު ބަދަލުކުރުމުގައި) އުޅުއްވިކަމަށެވެ. އަދި މިބަޣާވާތުގެ ސަރުކާރުގައި މައުމޫނުގެ ދެ ދަރިކަލުންނާއި އާޢިލާގެ ބޭފުޅުން ބައިވެރިވެ މަތީ މަޤާމުތަކުގައި ތިއްބަވާތީއެވެ. އަދި ޕީ.ޕީ.އެމް ޕޯޑިއަމްތަކުގައި އެޕާޓީގެ ނައިބު ރައީސް ޢުމަރު ނަޞީރު މިބަޣާވަތް ހިނގީ އޭނާގެ ބެލުމުގެ ދަށުންކަމާއި އަދި ބަޣާވާތުގެ ކުރިއަށް 23 ޑިސެމްބަރ އިއްތިހާދުގެ ހުރިހާ ޕާޓީތަކުން އަޅުގަނޑުގެ ނައިބު ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު އާއި ބައްދަލުކޮށް ރައީސުލްޖުމްހޫރިއްޔާ ކަމާއި ޙަވާލުވާން ބުނެ ހަމައެކަނި ޝަރުތަކީ އިސްތިޢުފާ ނުދިނުންކަމަށް މީޑިޔާގައި ބުނެފާއިވާއިރުވެސް މިއިން އެއްވެސްކަމެއް އޭނާކުރީ ޕާޓީގެ ޙައްޞިއްޔަތުންނޫންކަމާއި އަދި މިއިން ކަމެއް ކުއްވެރިކުރައްވާފައި ނުވާތީއެވެ.
ނަމަވެސް، ދިވެހިން މިހާ ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައިވެސް ރައީސް މައުމޫނު އަޅުގަނޑާއި އެއްމޭޒުދޮށުގައި އިށީދެވަޑައިގަންނަވާނީ އަޅުގަނޑު މިބަޢާވާތުގެ އަޑީގައި ހުންނެވީ ރައީސް މަޢުމޫނޭ ބުނެފައިވުމުން އެކަމަށް މަޢާފަށް އެދުނީމާކަމަށް ވިދާޅުވާކަމަށް އަޅުގަނޑަށް އެނގިފައިވާތީވެ، އަޅުގަނޑަކީ ދިވެހި ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށް ނުހަނު ޤަބޫލުކުރާ މީހެއްކަމުން އަދި ރާއްޖޭގެ ރައްޔިތުންގެ ވެރިއަކަށް ރާއްޖޭގެ ރައްޔިތުން އިންތިޙާބުކޮށްފައި ނުވާ މީހެއް ހުރުމީ އަޅުގަނޑު އެންމެ ހިނދުކޮޅަކަށްވެސް އެދޭކަމަކަށް ނުވާތީ އަދި މިވަގުތަކީ އަޅުގަނޑުމެން ދެމީހުންގެ މަސްލަޙަތު އެއްފަރާތަށްލާ ޤަޢުމީ މަޞްލަޙަތު ކުރިއަށް ނެރެންޖެހޭ ދަނޑިވަޅެއްކަމަށް އަޅުގަނޑު ޤަބޫލުކުރާތީ، ރައީސް މައުމޫނު މިބަޢާވަތުގައި ބައިވެރިވަޑައިގަނެފައި ނުވާކަމަށްވާނަމަ މިބަޣާވާތުގެ އަޑީގައިވަނީ ރައީސް މައުމޫނުކަމަށް އަޅުގަޑު ބުނެފައިވާ ބުނުމަށް މަޢާފަށް އެދެމެވެ.
މިފުރުޞަތުގައި ގިނަ ޕާޓީ ހިމެނޭ ވާހަކަތައް ކުރިއަށް ގެންދެވުމުގައި ވިލަރެސްވެރިއެއްގެ ހައިޞިއްޔަތުން އައްސައްޔިދު އަޙްމަދު މުޖުތަބާ ކުރައްވަމުން ގެންދާވާ މަސައްކަތްޕުޅަށް އަޅުގަނޑު ތަޢުރީފްކޮށް ޝުކުރު ދަންނަވަމެވެ.
15 ޖުލައި 2012
މުޙައްމަދު ނަޝީދު