ފުލުހުން އެމްޑީޕީ ފޭދޫ އޮފީހަށް ގެއްލުންދީ މިރުޒާދު ހައްޔަރުކޮށްފި

ފުލުހުން އެމްޑީޕީ ފޭދޫ އޮފީހަށް އަރައިގަނެ، އެ އޮފީހަށް ވަރަށް ބޮޑަށް ގެއްލުންދީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު މިރުޒާދު ހައްޔަރުކޮށްފި އެވެ.

ރޭ އައްޑޫ ސިޓީގެ އެމްޑީޕީ ފޭދޫ އޮފީހުގެ ކުރިމަތީގައި އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު ރާއްޖެ ޓީވީ ބަލަން ތިއްބައި ފުލުހުން އެ ސަރަހައްދަށް އަރައިގަނެ އެ ތަނުގައި ހުރި ގޮނޑިތައް ނަގައި ބިން މައްޗަށް ވައްޓާލައި، ޕްރޮޖެކްޓަރަށާއި، ލެޕްޓޮޕަށް ގެއްލުންދީފައިވާ ކަމަށާއި، އެމްޑީޕީ ފޭދޫ އޮފީހުގެ ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީ ފޭދޫ ދާއިރާ އިން މައުލޫމާތު ދެއެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެމުން އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ އިސް އޮފިޝަލަކު ވިދާޅުވީ ފުލުހުން އަމަލުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި، ސުލްހަވެރިކަމާ އެކު ޓީވީ ބަލަން ތިބި ބައެއްގެ ތެރެއަށް އަރައިގަނެ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު މިރުޒާދާއި، އޭނާގެ ބައްޕައާއި ބޮޑު ބޭބެގެ އިތުރުން 3 މީހަކު ވަރަށް އަނިޔާވެރިކޮށް ފަހަތަށް ބިޑިއަޅުވައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މި އަނިޔާވެރި އަމަލު ހިންގީ ޕީޕީއެމްގެ 4 އެކްޓިވިސްޓަކާ އެކު ގޮސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޭ ހައްޔަރުކުރި ފަރާތްތައް ހައްޔަރުކުރަން މަސައްކަތްކުރި އިރު، އެކަމާ ދެކޮޅު ހެދި އެ ފަރާތްތަކުގެ އާއިލާތަކުގެ އަންހެނުން ވެސް ކޮއްޕައި، ބިންމައްޗަށް ވައްޓާލައި، އެ މީހުންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ވެސް އެމްޑީޕީ ފޭދޫ ދާއިރާ އިން ބުނެއެވެ.

ރަށްރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ހަރަކާތްތެރިން ހައްޔަރުކުރުމުގައި ފުލުހުން މިހާރަކަށް އައިސް އަމަލުކުރަމުން ދަނީ ޕީޕީއެމް ގެ އެކްޓިވިސްޓުން ބުނާ ގޮތަށް، އެ މީހުންދޭ ލިސްޓެއްގެ މައްޗަށް ބިނާކޮށް ކަން ވަނީ ފާހަގަކުރެވިފައެވެ.