ސުލްހަވެރިކަމާއި އެކު މުޒާހަރާކުރަމުންދިޔަ ރައްޔިތުންނާއި ދެކޮޅަށް މިހިނގާޖުލައި 12-13 ވަނަދުވަހުގެ ރޭ ފުލުހުންނާއި ސިފައިން ނިކުމެ އަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 240ވަނަ މާއްދާއާ ހިލާފަށެވެ.
ޤާނޫނުއަސާސީގެ 240ވަނަ މާއްދާއާ ހިލާފްވުމަކީ ގާނޫނުއަސާސީގެ ބާރުކަނޑުވާލައި، 7ފެބުރުއަރީގައި ބަޣާވަތް ހިންގި ފަދައިން ބައިނަލްއަގުވާމީ މުއާހަދާތަކާ އަދި “ހޭގް ކޮންވެންޝަނާއި ޖެނީވާކޮންވެންޝަނާ ހިލާފަށް މިލިޓަރީ ސިފައިންނާ ފުލުހުން އެކުވެ ޕިކަޕާ ލޮރީތަކުގައި މަގުތަކަށް ނުކުމެ ގަލާއި ފުޅިފަދަތަކެތި އުކައި ރައްޔިތުންނާއި ދިމާކޮށް މުޒާހަރާގެ ތެރެއަށް ބާރު ސްޕީޑް ގައި ދުއްވާފައި އައިސް ސީދާ ރައްޔިތުންގެ ތެރެއަށް ވަދެގަތުން ސިފަވެގެންދަނީ ބިރުދައްކާ ރައްޔިތުންގެ ފުރާނަދުއްވާލަން ހިންގި އަމަލެއްކަމުގައެވެ. ވީމާ މިކަން ޕޮލިސްއިންޓަރގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލް ބަލައި، ތަހުގީގު ކުރުމަށްވެސް ގޮވާލަމެވެ. އަދި މި އަމަލުތަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.
މީގެ އިތުރުން ހިއުމަންރައިޓްސް އެމްބެސަޑަރ މުހަންމަދު ލަތީފަށް ޖޫން 12ވަނަ ދުވަހުގެރޭ އަނިޔާކޮށް ހައްޔަރު ކުރި މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ރިޒާއަށް ޖިސްމާނީގޮތުން ފުލުހުން ދީފައިވާ އަނިޔާ ހިއުމަންރައިޓްސް ކޮމިޝަނުން ބަލައިދިނުމަށްވެސް ގޮވާލަމެވެ. ގާނޫނުއަސާސީގެ 40ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮއްފައިވަނީ މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ ތަކެއްޗެއް ނޫންކަމަށެވެ. އަދި އާންމުވެގެންވާ މަންފާއަށްޓަކައި ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި އަތުލައިގެން ނުވާނޭކަމަށެވެ. އަދި މީހެއްގެ މުދަލެއް ނަގާންވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރިބަދަލެއް ދީފައި ކަމުގައި ގާނޫނުއަސާއީގައި ބަޔާންކޮއްފައިވީނަމަވެސް ސުލްހަވެރި މުޒާހަރާތަކުގެ ތެރޭން ހައްޔަރުކުރަމުންދާ މީހުންގެ އަތުގައިހުންނަ ފޯނާ އަތުކުރީ ގަޑި އަދި ޖީބުގައި އޮންނަ “ވޮލަޓު” ފަދަތަކެތި ފުލުހުން އަތުލައި ފޭރަމުންދާ މައްސަލަ ޕޮލިސް އިންޓަރގުރިޓީ ކޮމިސަނާ ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން ހުއްޓުވައިދީ ބަލާތަހުގީގު ކުރުމަށްވެސް ގޮވާލަމެވެ.
14 ޖުލައި 2012
ބަޔާން ނެރުނީ : މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު
:ތިނަދޫ ދާއިރާގެ މެނަބަރު މުހައްމަދު ޤަސަމް
:ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު
:ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
:މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިޤު
:މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު