އެމްޑީޕީގެ ސީދާ ހަރަކާތް މިއަދު ވެސް ކުރިއަށް

ބާޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިހާރު ފަށައިގެން ކުރިޔަށް ގެންދާ ސީދާ ހަރަކާތް މިއަދު ހަވީރު 4 ޖެހިއިރު، އުސްފަސްގަނޑުން ފެށިއްޖެއެވެ.

އެމްޑީޕީން އިއްޔެ މެންދުރުފަހުން ފެށިގެން ރޭ ވަރަށް ދަންވަންދެން ކުރިޔަށް ގެންދިޔަ ހަރަކާތް ރޫޅާލާފައިވަނީ އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ބާރު ސްޕީޑްގައި ވެހިކަލްތަކުގައި ވަދެއެވެ.

އިއްޔެ އާއި ރޭގެ ހަރަކާތްތަކުގައި ވެސް ފުލުހުން އާންމުންނާ މެދު އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް މާލެ އާއި އައްޑޫ ސިޓީން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ރައީސާ އާމިނަތު ޝައުނާ އާއި، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު މިރުޒާދު ވެސް ހިމެނެއެވެ.

އަވަސް އިންތިޚާބަކަށް ތާއީދުކުރުމުގެ ގޮތުން ގޭގޭގައި ރީނދޫ ކުލައިގެ ދިދަ ނެގުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި މިއަދު ހަވީރު 4 ން ފެށިގެން އުސްފަސްގަނޑުން ރީނދޫ ކުލައިގެ ފޮތި ލިބެން ހުންނާނޭ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.