ފުލުހުންގެ އަނިޔާވެރިކަން އިތުރުވާން ފެށުމުން އެމްޑީޕީގެ ސީދާ ހަރަކާތް މެކުހަށް ޖަހައިފި

މިނިވަން ނޫހުގެ ކުރީގެ ޖާނަލިސްޓް ރިފްހާން ހައްޔަރުކުރަނީ .. ފޮޓޯ: ރަންރީނދޫ

އެމްޑީޕީން މިދިޔަ އާދީއްތަ ދުވަހު ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް އަނިޔާކުރަން ފެށުމުން އެ ހަރަކާތް އިތުރަށް ވަރުގަދަކޮށް މެކުހަށް ޖަހައިފިއެވެ.

އެ ގޮތުން އިއްޔެ މެންދުރުފަހުން ފެށިގެން ޗާންދަނީ މަގާއި އޯކިޑް މަގު ގުޅުނު ހިސާބުގައި އެމްޑީޕީން ފެށި ސުލަހްވެރި އިހުތިޖާޖު ރޭ ދަންވަރު ބާޣީ ސަރުކާރުގެ ފުލުހުން ވަނީ ވަރަށް އަނިޔާވެރިކަމާއެކު ރޫޅާލާފައެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންނާއި ބަޣާވާތާއި ދެކޮޅު އިންސާފަށް ލޯބިކުރާ ގިނަ އަދަދެއްގެ ރައްޔިތުން ދިޔައީ މާލޭގެ މަގުތަކަށް ޖަމާވަމުންނެވެ. އެ ގޮތުން މާވެޔޮ މަގާއި، ނިކަގަސް މަގާއި، މަޖީދީ މަގާއި، ޗާންދަނީ މަގު ހަތަރުއަނގޮޅިއާއި، މާލެ ސިޓީ ހޯލު ކުރިމައްޗާއި، ބަންޑާރަ މިސްކިތް ކައިރިއާއި، ލިލީ މަގަށް ވެސް މީހުން ޖަމާވެ ބާޣީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފައި ވެއެވެ.

ރޭގެ ސީދާ ހަރަކާތް ކޮންޓްރޯލް ކުރަން ނުކުތް ސްޓާރ ފޯސްގެ ފުލުހުން ވަނީ ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އެމްސީ ހަމީދުއާ ދިލްކުޝާ މަގުން ދިމާކޮށް، ފަހަތުން އަޅުވާލައި، ބާޣީ އޭ ގޮވައި ތަފާތު އިންޒާރުތައްދީ ހަޑިއހުތުރު ބަހުން އޭނާ އާއި މުޚާތަބުކޮށްފައެވެ. މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ އަށް ވެސް ބަޔަކު މަރުގެ އިންޒާރުދީފައިވެއެވެ. އަދި މާލޭގެ މޭޔަރު މައިޒާން އަލިބެ އާއި ރައީސް ނަޝީދުގެ ހިއުމަން ރައިޓްސް އެމްބެސެޑަރ ގޯގޯ ލަތީފް ގައިގައި ފުލުހުން ތަޅައި އަނިޔާކުރި ކަމުގެ ރިޕޯޓެއް ވެސް އެމްޑީޕީ ވެބްސައިޓަށް ވަނީ ލިބިފައެވެ. ހަމަ އެއާއެކު ފިލްމީ ތަރީ އާސިމް އަށް ވެސް ފުލުހުން އަނިޔާކުރުމުގެ ސަބަބުން އޭނާ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރޭގެ އެއްވުން ޗާންދަނީ މަގުން ރޫޅާލުމަށް ފަހު ފުލުހުން ވަނީ އާންމުންގެ ފަހަތުން ދުވެ، މުގުރުން ތަޅައި އަނިޔާކޮށްފައެވެ. އަދި ގޭގެއާއި އިމާރާތްތަކަށް ފުލުހުން ވަދެ މީހުން ހައްޔަރުކުރުމުގެ ސަބަބުން ރައްޔިތުން ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި ރޭގެ އެއްވުން ކަވަރުކުރަމުން ދިޔަ މިނިވަން އާއި ރާއްޖެޓީވީގެ ނޫސް ވެރިންނަށް ފުލުހުން ވަނީ ބިރުދައްކައި، ރާއްޖެޓީވީގެ ޖާރނަލިސްޓް ޝަބީން އަށް އަނިޔާކޮށްފައެވެ.

ފުލުހުން އާންމުންނާ މެދު އަނިޔާވެރިވަމުންދާ ވަރަކަށް އެމްޑީޕީގެ ސީދާ ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. އަދި މިއަދު މެންދުރުފަހާއި ހަވީރުވެސް މާލޭގެ އެކި ސަރަހައްދުގައި އެމްޑީޕީގެ ސީދާ ހަރަކާތް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.