ފުލުހުންނަކީ ހަގީގަތާ ޚިލާފް ވާހަކަދައްކާ އަނިޔާވެރި ބައެއް – އިންތި

ފުލުހުންނަކީ ހަގީގަތާ ޚިލާފް ވާހަކަދައްކާ އަނިޔާވެރި ބައެއް ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވިއެވެ.

އެމްޑީޕީގެ ސީދާ ހަރަކާތަކީ ފުލުހުންނާ ދިމާކުރުމަށް ފަށާފައިވާ ހަރަކާތެއް ކަމަށް ފުލުހުން ބުނުމާ ގުޅިގެން އެއަށް ރައްދުދެއްވަމުން، އެމްޑީޕީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އިންތި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުން ވެގެން މިއުޅެނީ ފުލުހުންނާ ދިމާކުރާކަށް ނޫން ކަމަށާއި، ރައްޔިތުން ބޭނުން ވެގެން އުޅެނީ އެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިކަން ބަޣާވާތްކޮށްގެން ފޭރިގަނެފައިވާތީ އެވެރިކަން އަލުން އަނބުރާ ގެނައުމަށް ކަމަށް އިންތި ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ކަނޑައެޅިގެން ދޮގުހަދާ އަނިޔާވެރި ބައެއް ކަމަށާއި، އެމްޑީޕީއަކީ އަނިޔާވެރިވެ، އަތްއިސްކުރާ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު ބޭއްވި މި ނޫސް ކޮންފަރެންސްގައި އިންތި ވިދާޅުވީ ފެބްރުއަރީ 7 ގައި ބަޣާވާތް ގެނައުމަށް ވާގިވެރިވި ފުލުހުންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި، ނޫސްވެރިންނަށް ވެސް މިހާރު ހަމަލާ ދެމުންދާ ކަމަށެވެ. އަދި ޖުމްހޫރީ މައިދާނުގެ ވަށައިގެން ވެސް އެއްވެ އުޅެވޭނޭ ކަމަށް ހައިކޯޓުން އަމުރު ނެރެފައިވަނިކޮށް، އެއްވެ އުޅުން ހުއްދަ ސަރަހައްދުގައި ވެސް ބެރިކޭޑް ޖަހައި، ބެރިކޭޑުން ބޭރަށް ނިކުމެ އާންމުންގެ ތެރެއަށް ވަދެ، ކުށެއްނެތް އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ރޭގެ ހަރަކާތުގައި އާންމުންނާ ދިމާލަށް ފުލުހުން ގާ އުކައި، ރަބަރު ވަޒަން ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ބެރިކޭޑް ތެރެއަށް ވަދެ އާންމުން ހައްޔަރުކުރުމުގައި ފުލުހުންނަށް ލިބޭ އަނިޔާއަށް އެމްޑީޕީން ޒިންމާ ނުވާނޭ ކަމަށް ވެސް އިންތި ވި ދާޅުވިއެވެ. މީގެ އިތުރުން ރޭ އެކަނި ވެސް 40 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

އޯލްޕާޓީ ޓޯކްސް ގައި އެމްޑީޕީން ބައިވެރިވާން ތައްޔާރަށް އޮތް ނަމަވެސް ޕީޕީއެމުން ދަނީ ކުރީގެ ޚުދުމުޚްތާރު ވެރިޔާ މައުމޫން ޢަބްދުލް ގައްޔޫމަކީ ބަޣާވާތުގެ އެންމެ އަޑީގައި ހުންނެވި ފަރާތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެފައިވާތީ އޯލްޕާޓީ ޓޯކްސް ގައި ބައިވެރި ނުވާނޭ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ބަސްފުޅު އަނބުރައި ގެންނަވާފައި ނަމަވެސް، އޯލްޕާޓީ ޓޯކްސް ކުރިޔަށް ގެންދަން ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި ޕީޕީއެމުން މިހެން ބުނެފައިވާ އިރު، އެ ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު (މާޒް) ސަލީމް އާއި އެ ޕާޓީގެ ވަގުތީ ނައިބު ލީޑަރު އުމަރު ނަސީރު ވަނީ އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނެވުނީ ކުރީގެ ޚުދުމުޚްތާރު ވެރިޔާ މައުމޫންގެ ސަބަބުން ކަމަށް ވިދާޅުވެފައިކަން އިންތި ފާހަގަކުރެއްވިއެވެ.

އިންތި ވިދާޅުވީ މިއަދަކީ އެމްޑީޕީގެ ބުރާސްފަތި ދުވަސް ކަމަށާއި، މިއަދު އެމްޑީޕީގެ ހަރަކާތްތައް “ގިޔަރު އެތައް ގުނައެއް މައްޗަށް ޖައްސައި” އިތުރު ޖޯޝަކާއި އެކު ކުރިޔަށް ގެންދާނޭ ކަމަށެވެ. އަދި ރަށްރަށުން ވެސް މި ހަރަކާތުގައި ބައިވެރިވުމަށް މާލެ އަންނަމުންދާ ކަމަށާއި، އެމްޑީޕީގެ ސީދާ ހަރަކާތްތައް ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބާރަށް ކުރިއަށްދާނޭ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ވެސް ބައިވެރިވެވަޑައިގެން އޯލްޕާޓީ ޓޯކްސްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވިއެވެ.