ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 61
ތާރީޚް: 11 ޖުލައި 2012 (ބުދަ)
ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމަށް ފަށާފައިވާ ސީދާ ހަރަކާތުގައި ބައިވެރިވުމަށް ރަށްރަށުން ވީހާވެސް ގިނަ ބަޔަކު މާލެ އައުމަށް ގޮވާލުން
ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމަށްޓަކައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި، އަދި ބަޣާވާތުގެ ވެރިކަން ނެގެހެއްޓުމަށް ފުލުހުން ދިވެހި ރައްޔިތުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެމްޑީޕީން 8 ޖުލައި 2012 ވީ އާދީއްތަ ދުވަހު އެމްޑީޕީން ފަށާފައިވާ “ސީދާ ކުއްލި ހަރަކާތް”، މާލޭގައި ވަރަށް ބާރަށް ކުރިޔަށްދާ ހިނދު، ރައްޔިތުންގެ ވެރިކަމެއް ހޯދުމަށްޓަކައި އެމްޑީޕީން ކުރަމުން މިދާ މަސައްކަތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން އިންސާފަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން މާލެ އައުމަށް މި ޕާޓީން ގޮވާލަމެވެ. އަދި މާލެ ނާދެވޭ ފަރާތްތަކުން ރަށްރަށުގައި އިހުތިޖާޖުކުރުމަށް ވެސް މި ޕާޓީން ގޮވާލަމެވެ.
މާލޭގައި އެމްޑީޕީގެ ސީދާ ހަރަކާތް ކުރިޔަށްދާއިރު، އަވައްޓެރި ގައުމުތަކުގައި ވެސް މިކަމަށް ގޮވާލައި އެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން 15 ޖުލައި 2012 ވާ އާދީއްތަ ދުވަހު ހަވީރު 4.00 ގައި ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީގައި ވެސް ބޮޑު އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާތީ ސްރީލަންކާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިރައްޔިތުން މި އެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދެމެވެ.
އެމްޑީޕީން މިހާރު ފަށާފައި މިވާ ސީދާ ހަރަކާތަކީ ބަޣާވާތަކުން ގެނެސްފައިވާ ސަރުކާރު ނިމުމަކަށް ގެނެސް، ރައްޔިތުންގެ ވެރިކަމެއް އަލުން ގާއިމްކުރުމުގެ މަސައްކަތް ކަމަށްވީ ހިނދު، މި ހަރަކާތް ހުއްޓުވުމަށް ބަޣާވާތުގެ ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތްކޮށް، ކިތަންމެ ވަރަކަށް ބިރުދައްކައި ރައްޔިތުންނަށް އަނިޔާކުރަމުން ދިޔަ ނަމަވެސް މި މަސައްކަތަށް ކުޑަވެސް ލޮޅުމެއް އަދި މަޑުޖެހުމެއް ނައިސް ދިވެހި ލޮބުވެތި ރައްޔިތުން އެދޭފަދަ ރައްޔިތުންގެ ވެރިކަމެއް ގާއިމްވުމުގެ މަގު ފަހިވުމުން ނޫނީ، އެމްޑީޕީގެ ސީދާ ހަރަކާތް ހުއްޓާނުލާނޭ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި އެމްޑީޕީގެ މެންބަރުންނަށާއި، އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް އަރުވަމެވެ.
ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ (އިންތި)
އެމްޑީޕީގެ ސްޕޯކްސްޕާސަން
7777852