އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން

2012 ޖުލައި 10 ވީ އަންގާރަ ދުވަހުގެރޭ ރައްޔިތުން ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުން ހިނގަމުން ދިޔައިރު އެސަރަހައްދު ބަލަހައްޓަމުންދިޔަ ފުލުހުންގެ ޔުނީފޯރމް ލައިގެން ތިބި ބައެއްގެ ހުއްދަ ލިބިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރ އަޙުމަދު ސަމީރާއި މިލަންދޫ ދާއިރާގެ މެންބަރ އަލީ ރިޒާ މަސްޖިދުލް ސުލްތާން މުހަންމަދު ތަކުރުފާނުލް އައުޒަމް ،އިސްލާމީ މަރުކަޒަށް ނަމާދަށް ވަޑައިގަންނަވަނިކޮށް ފުލުހުންގެ ޔުނީފޯރމް ލައިގެންތިބި ބަޔަކު ހުރަސްއަޅާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އަތް އަނބުރާލާ ގައިކޮޅަށް އަތްލާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމަބަރުންނަށް ލިބިދީފައިވާ ގާނޫނީ އިމްތިޔާޒަށް އަރައިގަތް މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެންއަންނަނީ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ކިބައިން ކަމަށް ވީހިނދު އަދި އެބާރުތަށް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ވީހިނދު ރައްޔިތުން ވޯޓަކުން އިންތިހާބު ކޮށްފައިވާ ވެރިކަން ފުލުހުންގެ މަދުބަޔަކު ނިކުމެ 7 ފެބުރުއަރީ 2012ގައި ބަދަލުކުރުމަށްޓަކައި ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސިފައިންނާއި ފުލުހުންގެ އެންމެ މަތީވެރިޔާ ގެ އަމުރަށް ނުކިޔަމަންތެރިވެ ގާނޫނީ ސަރުކާރު ވައްޓާލުމަށްފަހު ގާއިމުކޮއްފައިވާ ބައާވާތުގެ ސަރުކާރާ ދެކޮޅަށް ކެނޑިނޭޅި ރައްޔިތުން ކުރަމުންދާ ސުލްހަވެރި މުޒާހަރާގެ ތެރެއިން ރައްޔިތުން ހައްޔަރުކުރުމަކީ ގާނޫނުއަސާސިގެ ރޫހާ ގާނޫނުތަކާ ހިލާފު ކަމަކަށް ވީހިނދު ރައްޔިތުން ހައްޔަރުކުރުން ހުއްޓާލުމަށް ގާނޫނީ ފުލުހުންނަށް ގޮވާލަމެވެ .އަދި ޕޮލިސްކޮމިސަނަރުގެ މަގާމުގައި ޢައިރު ޤާނޫނީގޮތެއްގައި މިހާރު ހުރި މީހާއަކީ ޕްރޮސިކިޓަރ ޖެނެރަލްގެ އޮފީހުން ބަލަމުންދާ ޖިނާއީ މައްސަލަތަކަކާއި ގުޅިގެން ފުލުހުންގެ ހިދުމަތުން ވަކިކޮއްފައިވާމީހަކަށްވެފައި އަދި މއ ޔޫރޭކާ މުހަންމަދު ވަހީދު ހަސަންމަނިކު ކުރަމުންދާ ޢައިރު ގާނޫނީ އަމުރަށް ކިއަމަންތެރި ނުވުމަށާއި މިދެމީހުން ހިފާހައްޔަރުކުރުމަށް ގޮވާލަމެވެ. ގާނޫނުއަސާސީ އިން ލިބިދޭ ހުރިހާ ހައްގެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށާއި އެ ހައްޤުތަކަށް ފުލުހުން ހުރުމަތްތެރިކޮށް ހިތުމަށްވެސް ގޮވާލަމެވެ. ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ހައްގުތަށް ފުރިހަމައަށް ދެއްވައި ދިވެހިރައްޔިތުންނާއި ދެކޮޅަށް ކުރިމަތި ނުލުމާ ގާނޫނީ “ބެރެކޭޑް” ތެރެއަށް ޤައުމީ ފުލުހުން ވަނުމަށް އިލްތިމާސްކުރަމެވެ.

މުޒާހަރާގައި ރައްޔިތުން އަޑުއުފުލުމަށް ގެންގުޅޭ އަޑުގަދަ ކުރާ އާލާތްތައް އެއްވެސް ޝަރުއީ ހުކުމަކާއި ނުލާ އަތުލުމަކީޚިޔާލު ފާޅުކުރުމުގެ ޤާނޫނު އަސާސީންދީފައިވާ މިނިވަންކަމަށް ހުރަސް އެޅުންކަމުގައިވާއިރު އެއީ ކުށެއްކަން ހަނދާންކޮށްދެމެވެ.

އިސްލާމީ ޝަރީއަތާއި ، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، ބުނެވިދިއަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ދިވެހިރާއްޖޭ ގެ ހިއުމަންރައިޓްސް ކޮމިޝަން 7 ފެބުރުއަރީ ގެ ބަޢާވާތުގެ ހާދިސާއަށްފަހު ރައްޔިތުންނަށް ކުރަމުންދާ އަނިޔާ ނުފެންނަވަރަށް ލޯ ބޯ ކޮށިވެ އަނދިރިވެ އެކޮމިޝަނަކީ މަސްއޫލިއްޔަތާ ވާޖިބު އަދާކުރުމުގައި ނުކުޅެދިފައިވާ މުއައްސަސާއެއްކަމުގައިވުމުން އެކޮމިސަންގެ މެމްބަރުންގެ ތެރެއިން މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުނާޅަނީސް އަމިއްލައަށް އިސްތިއުފާ ދެއްވުމަށްވެސް ގޮވާލަމެވެ. އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ފުލުހުން ތަކުރާރުކޮށް ހިންގަމުންގެންދާ އައިރު ގާނޫނީ އަމަލުތަކަށް ދެލޯ މަރައިގެން ތިބޭ ތިބުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

11 ޖުލައި 2012
ބަޔާން ނެރުނީ :
: މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
: އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
: މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ މެދު ދާއިރާގެ މެންބަރ
)