އެމްޑީޕީގެ ސީދާ ހަރަކާތް ފޯރިއާ އެކު ކުރިޔަށް

އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތް މިއަދު ވެސް ރީފްސައިޑް ކައިރީގައި ވަރަށް ފޯރިއާ އެކު ކުރިޔަށް އެބަދެއެވެ.

އިއްޔެ މެންދުރުފަހުން ފެށިގެން ރޭގެ ފަތިހާ ހަމައަށް މި އިހުތިޖާޖު ކުރިޔަށް ގެންދިއުމަށް ފަހު އިހުތިޖާޖީން ވަނީ މިއަދު ހެނދުނު އަނެއްކާ ވެސް ފޯރީގައި އިހުތިޖާޖުކުރަން ފަށާފައެވެ. މި އިހުތިޖާޖުގައި މީގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެން ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ ދީދީ އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް އެހެން މެންބަރުން ވެސް ވާހަކަފުޅުދެއްކެވިއެވެ.

ރޭގެ އިހުތިޖާޖުގައި 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީގެ ވެބްސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު އާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެ 2 ބޭފުޅުން ވެސް ވަނީ ދޫކޮށްފައެވެ.

މި އިހުތިޖާޖުގައި އިންސާފަށް ލޯބިކުރާ ހުރިހާ ފަރާތަކުން ބައިވެރިވުމަށް އެމްޑީޕީން ގޮވާލާފައިވާ އިރު، މިހާރު ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމްޑީޕީގެ ސީދާ ހަރަކާތުގައި ބައިވެރިވުމަށް މާލެ އައިސްފައެވެ.