އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 115 ވަނަ ބައްދަލުވުން މިއަދު އެ ޕާޓީގެ މައި ސެކްރެޓޭރިއަޓް ގައި ބާއްވައިފިއެވެ.
މިއަދު މެންދުރުފަހު 3 ން ފެށިގެން ދޮޅު ގަޑި އިރަށް ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ބާޣީ ސަރުކާރުގެ ވުޒާރާތަކާ ހަވާލުވެގެން ތިބި ފަރާތްތަކާ ސުވާލުކުރުމާ މެދު ގޮތެއް ނިންމުމާއި، 2012 ވަނަ އަހަރު ބާއްވާ އަވަސް އިންތިޚާބެއް މެދުވެރިކުރުމަށް ރާއްޖެއައުމަށް ޝައުގުވެރިވާ ފަތުރުވެރިންގެ ކިބައިން އެދުމާއި، އޮގަސްޓް 27 ން 30 ގެ ނިޔަލަށް އެމެރިކާގެ ފްލޮރިޑާ ގައި “އިންޓަރނޭޝަނަލް ލީޑަރސް ޕްރޮގްރާމް” އަށް އެމްޑީޕީގެ ފަރާތުން ފޮނުވާނޭ މީހަކު ހަމަޖެއްސުމާއި ބެހޭ ގޮތުންނެވެ.
އެ ގޮތުން ބަޣާވާތަކުން ވެރިކަމަށް އައިސް ވުޒާރާތަކާ ގަދަކަމުން ހަވާލުވެގެން ތިބި ބަޔަކާ ސުވާލުކުރަން ނުފެންނަ ކަމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އަދި “އިންޓަރނޭޝަނަލް ލީޑަރސް ޕްރޮގްރާމް” އަށް އެމްޑީޕީގެ ފަރާތުން ފޮނުވާނޭ ފަރާތެއްގެ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ނަން ހުށަހެޅި އެ ނަން ވަނީ ފާސްވެފައެވެ.
23 މެންބަރުން ހާޒިރުވި މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ ޢަލީ ޝިޔާމް އެވެ.