އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން


ނޫސް ބަޔާން

9 ޖުލައި 2012ގައި ރައްޔިތުން ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމުގެ ތެރެއަށް ފުލުހުން ވަދެ ވަކިވަކި ފަރުދުންނަށާއި ރާއްޖެޓީވީ ރިޕޯޓަރުންނަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ދީފައިވާ އަނިޔާއާއި ހިންގާފައިވާ ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. ގާނޫނުއަސާސީ ގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ މިނިވަންކަމާއެކު ފިކުރު ކުރުމާއި ، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަގޮތަކާއި، ހިޔާލުތަށް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވީހިނދު، ރައްޔިތުންނަށް ލިބިދީފައިވާ ހައްގު ތަކަށް ފުލުހުންގެ މުއައްސަސާއިން ތަކުރާރުކޮށް ހުރަސް އަޅަމުންދާ މައްސަލަ ހަރުކަށިއިބާރާތުން ކުއްވެރި ކުރަމެވެ. ގާނޫނުއަސާސީގެ 32 ވަނަމާއްދާއިން ލިބިދީފައިވާ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދޭން ޖެހޭނެއެވެ.

ރައްޔިތުންނަށް ލިބިފައިވާ ގާނޫނީހައްގަށް ފުލުހުންގެ މުއައްސަސާއިން ތަކުރާރުކޮށް ހުރަސް އަޅަމުންދާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މީގެ އިތުރުން ހައްޔަރު ކުރާމީހުންގެ އަތުގައި ހުންނަ މުދާ އެއްވެސް ޝަރުއީ ހުކުމަކާއި ނުލާ އަތުލުމަކީ ގާނޫނީ ކުށައްކަށް ވާހިނދު ބަންދު ކުރެވޭމީހުންގެ ފޯނު އަތުލުމާއި ފޯނުގައި ހުންނަޒާތީ މައުލޫމާތުގެ ބޭނުން ފުލުހުން ހިފަމުން ދިއުމާއި ފޭރެމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

އިސްލާމީ ޝަރީއަތާއި، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، ބުނެވިދިއަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ދިވެހިރާއްޖޭ ގެ ހިއުމަންރައިޓްސް ކޮމިޝަނުން މިކަމާބެހޭގޮތުން އެއްވެސް ފިޔަވަޅެއްއަޅާފައި ނުވާތީ އެކޮމިޝަނަކީ މަސްއޫލިއްޔަތާ ވާޖިބު އަދާކުރުމުގައި ނުކުޅެދިފައިވާ މުއައްސަސާއެއްކަމުގައި ދެކެމެވެ. އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާއި އަދި މުޢާމަލާތް ކުރުމުގެ ހައިސިއްޔަ ލިބިފައިވާ މިނިވަން ޤާނޫނީ ޝަޚްޞަކަށް ވީހިނދު ފުލުހުން ތަކުރާރުކޮށް ހިންގަމުންގެންދާ އައިރު ގާނޫނީ އަމަލުތަށް ބަލާ ތަހުގީގުކުރުމުގައި ޕޮލިސް އިންޓެގުރިޓީކޮމިޝަންގެ މަސްއޫލިއްޔަތާއި ވާޖިބުއަދާ ކުރުމުގައި ނުކުޅެދިފައިފައިވާތީ މިދެންނެވި ހުރިހާ ފަރާތެއް ގުޅިގެން ހިންގަމުންގެންދާ ލާއިންސާނީ އެންމެހާ އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

10 ޖުލައި 2012

ބަޔާން ނެރުނީ : މުހައްމަދު ތޯރިޤު (ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު)
މުޙައްމަދު ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު)
އިބުރާހީމް ރަޝީދު (ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު)
މުޙައްމަދު ރަޝީދު (ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު)
މުޙައްމަދު ޝިފާޒް (ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު)
މުޙައްމަދު ރަޝީދު (ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު)