ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާ ވަކީލުންގެ އަނގަ ބަންދުކުރަމަށް ސުޕްރީމް ކޯޓުން އަންނަނީ މަސައްކަތް ކުރަމުން – އިބުރާ

ސްޕްރީމް ކޯޓަކީ ސިޔާސީވެފައި އޮތް ތަނެއް ކަމަށާއި، ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާ ވަކީލުންގެ އަނގަ ބަންދުކުރަމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ޖޭއެސްސީގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ އާއި، އިބުރާ ދެއްވި ނޫސްކޮންފަރެންސް ގައި އިބުރާ ވިދާޅުވީ ސްޕްރީމްކޯޓުން މުޅި އަދުލުއިންސާފުގެ ދާއިރާއާއި، ފަނޑިޔާރުންނާއި، ފަނޑިޔާރުގެތައް ހައިޖެކްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީނާ ފުށުނާރާހާ ހިނދަކު ކޮންމެ މީހަކަށްވެސް އެމީހެއްގެ ޝުއޫރުފާޅު ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަ ކަމަށާއި، އެހެން ނަމަވެސް ވަކީލުންނަށް ޝަރުއީ ދާއިރާއާ ބެހޭ ގޮތުންނާއި ކޯޓުންތަކުން ކަންކަން ނިންމާ ގޮތާ މެދު ވާހަކަ ނުދެއްކޭ ގޮތަށް ސުޕްރީމް ކޯޓުން ގަވައިދެއް ހަދާފައިވާ ކަމަށެވެ.

ދަށުކޯޓުގައި ބަލަމުންދާ މައްސަލަތައް ނުބަލަން ސްޕްރީމް ކޯޓުން އަންގާކަމަށާއި، އަދި ދަށުކޯޓުގައި ހިނގާ މައްސަލަތައް ނަގައިގެން އެ މައްސަލަތައް ފުރަތަމަ ސުޕްރީމް ކޯޓުގައި ބަލާގޮތަށް ހަމަޖައްސާކަމަށް ވެސް އިބުރާ ތުހުމަތުކުރެއްވިއެވެ. އަދި އެގޮތަށް އަމަލުކުރާނަމަ އިސްތިއުނާފުކުރަން ދާނެ ތަނެއް ނޯންނާނެ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އިބުރާ އިތުރަށް ވިދާޅުވީ ކުރިން ކޯޓުތަކުގައި ދިގުދަންމަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އެކި މެންބަރުންނާ ގުޅޭ މައްސަލަތައް ބަޣާވާތަށް ފަހު އަވަސް އަރުވާލައިގެން ބަލައި، ބާޣީ ސަރުކާރަށް ތާޢީދުކުރާ މީހުންގެ މައްސަލަތައް ސާބިތުނުވާ ކަމަށް ނިންމައި، އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުގެ ގޮނޑި ގެއްލުވާލުމުން ވެސް ސްޕްރީމް ކޯޓުގައި ސިޔާސީ ކުލަޖެހިފައިވާ މިންވަރު ހާމަވާ ކަމަށެވެ.

“7 ފެބްރުއަރީގެ ކުރީގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ހުރި ރައްޔިތުންގެ މަޖިލީހުގެ އެކި މެމްބަރުންނާ ގުޅޭ އެކި މައްސަލަތައް. މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތައްވެސް. އެއިން އެއްވެސް މައްސަލައެއް ނިމޭ ހިސާބަކަށް ނާދޭ. ހަތެއް ފެބްރުއަރީގައި ބަޣާވާތްގެނައުމަށްފަހު އެންމެ ފުރަތަމަ ނިމިގެންދިޔައީ އެމައްސަލަތައް. މި ޝަރީއަތްތަށް ނިމުނުއިރު ބާޣީ ސަރުކާރާ ގުޅިގެން އުޅޭ މީހުންގެ މައްސަލަތަށް ސާބިތެއް ނުވޭ. ބަޣާވާތާނުގުޅޭ ހުރިހާ މަޖިލިސް މެމްބަރުންގެ މައްސަލަ ސާބިތުވެ ނިމުނީ. އެމީހުން މެމްބަރުކަމުން ބޭރު ކުރީ. އެހެންވީމަ ސުޕްރީމުކޯޓު ސިޔާސީ ނުވެޔޭ ބުނީމަ އަޅުގަނޑު ހިނިއާދޭ. ސުޕްރީމް ކޯޓަށްވުރެ ސިޔާސީ އެއްވެސް ޕާޓީއެއް މިއަދަކު މިރާއްޖެއަކު ނެތް” އިބުރާ ވިދާޅުވިއެވެ.

2008 ވަނަ އަހަރު ގާނޫނު އަސާސީ އަލުން އެކުލަވާލައި އޭގެ ފަހުން އެއައި ބަދަލާ ގުޅިގެން އަދުލު އިންސާފުގެ ނިޒާމު ވެސް އައީ އެންމެ އެދެވޭ ވަރަށް ނޫން ކަމަށް ވިޔަސް، މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި، ނަމަވެސް ބަޣާވާތަށް ފަހު ސަރުކާރަށް މިއައި ބަދަލާ އެކުގައިހެން ފެނިގެން މިދިޔައީ އޭގެ ކުރިން އޮތް ދިމާލަށް 2004 ހިސާބުގައި އޮތް ދިމާލަށް އަދުލު އިންސާފުގެ ނިޒާމު އެނބުރިގެން ދިޔަތަން ކަމަށް އިބުރާ ވެސް އިބުރާ މިއަދު ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ވެލެޒިނީ ވެސް ވަނީ ސްޕްރީމް ކޯޓާއި، ޖޭއެސްސީގައި ހުރި މައްސަލަތަކާއި ބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުން ދާއިމީ ކުރުމަށް ކުރި ހުވާ އޭގެތެރެއިން ގިނަ ފަނޑިޔާރުން ކުރެއްވީ ސިޔާސީ ފިއްތުންތަކުގެ ސަބަބުން މަޖުބޫރުވެ އެނޫން އެހެން ގޮތެއް ނެތިގެން ކަމަށެވެ.