ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރަމުންދާ ފަރާތްތައް ހިފައިހައްޔަރުކުރަމުންދާތީ އެކަން ކުއްވެރިކުރުން

އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގެއް ނަމަވެސް، ބާޣީ ފުލުހުން އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެ ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރަމުންދާ ފަރާތްތައް ހިފައި ހައްޔަރުކުރަމުން ގެންދާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މި ގޮތުން ހިފައި ހައްޔަރުކުރަމުންދާ ފަރާތްތަކުގެ ތެރޭގައި މި ޕާޓީގެ އެކި ދާއިރާތަކުގެ މަގާމްތަކަށް އިންތިޚާބުކޮށްފައިވާ ފަރާތްތަކާއި، ޕާޓީގެ އާންމު މެންބަރުންނާއި، މި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކާއި، ނޫސް ވެރިން ހިމެނޭކަން ފާހަގަކުރަމެވެ. މި ގޮތުން އިއްޔެއިން ފެށިގެން އެމްޑީޕީން “ސީދާކުއްލި ހަރަކާތުގެ” ނަމުގައި ކުރިޔަށް ގެންދާ ސުލްހަވެރި އިހްތިޖާޖުތަކުގައި 25 އަށްވުރެ ގިނަ މީހުން ހިފައިހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު މި ޕާޓީއަށް ވަނީ ލިބިފައެވެ.

ފުލުހުން ގާނޫނީ އިމުގެ ބޭރުން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ބައެއް ނޫސްވެރިން ހައްޔަރުކޮށްފައި މިވަނީ ރާއްޖޭގައި ފުލުހުން ސުލްހަވެރި މުޒާހަރާތައް ރޫޅާލައި، ރައްޔިތުންނަށް އަނިޔާކުރާ މައްސަލައާއި، މީޑިއާއަށް ގޯނާކުރުމުގެ މައްސަލައިގައި އެމެރިކާގެ ސަފީރު ޕެޓްރީސިއާ ބުޓެނިސް އިއްޔެ ކަންބޮޑުވުންފާޅުކުރައްވާފައިވަނިކޮށެވެ. އަދި ފުލުހުންނަށް ތަމްރީން ދިނުމަށް އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ބާރުއަޅައި އެގޮތުގެ މަތިން ކަމަށް ވެސް އެކަމަނާ ފާހަގަކުރައްވާފައިވަނިކޮށެވެ.

އެހެން ކަމުން އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް މި ޕާޓީން ގޮވާލަމެވެ.


ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ
ސްޕޯކްސްޕާސަން
7777852