އެމްޑީޕީން އިއްޔެ ފެށި ސީދާ ކުއްލި ހަރަކާތް ރީފްސައިޑް ކައިރީގައި އަދި ވެސް ކުރިއަށް

އެމްޑީޕީން އިއްޔެ ފެށި ސީދާ ކުއްލި ހަރަކާތް އަދި ވެސް ރީފްސައިޑް ކައިރީގައި ކުރިޔަށް އެބަދެއެވެ.

އުސްފަސްގަނޑުން ފެށި މި މުޒާހަރާގެ ބައިވެރިންނަށް ވެލާނާގެއާ ހަމައިން ފުލުހުން ހުރަސްއަޅައި، މަޖީދިއްޔާ ކައިރިން ސޯސަން މަގު ލައިޓާއި ހަމައަށް ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާ ހުއްޓާ ނުލައި ފޯރިއާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ. ރޭ އިރުއޮއްސި 6:30 ހާއިރު މުޒާހަރާ ކޮންމެވެސް ވަރަކަށް ރޫޅާލި ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ އަނެއްކާވެސް އިޝާ ނަމާދަށް ފަހު މުޒާހަރާ އަލުން ފަށައި، އެމްއެމްއޭ ސަރަހައްދަށް އެއްވެފައެވެ.

އެމްއެމްއޭ ކައިރީ މުޒާހަރާކުރުމަށް ފަހު ރީފް ސައިޑް ކަންމަތީގައި ވެސް މުޒާހަރާކުރަން ފެށިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ރީފްސައިޑް ކަންމަތިން މުޒާހަރާއާ ގުޅިވަޑައިގެންނެވިއެވެ. އަދި ރޭ ދަންވަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވެސް މުޒާހަރާ އާއި ގުޅިވަޑައިގެން އެ ސަރަހައްދުގައި ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ.

ރޭ ބޯކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ބޯ ވިއްސާރައިގައި ވެސް ބަޣާވާތުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ޝުއޫރުފާޅުކޮށްފައެވެ. މި މުޒާހަރާގައި މިހާތަނަށް 25 އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނެއެވެ.

މި މުޒާހަރާ ރީފްސައިޑް ކައިރީގައި މިހާރު ވެސް ކުރިޔަށްދާ ކަމަށް އެމްޑީޕީން ބުނެއެވެ.