ދިވެހިރާއްޖޭގައި ޓެރަރިޒަމް ކުރިއަރައި ދާނެކަމުގެ ނިޝާންތައް!

ފުނަމާ

މިރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ ދަށުގައި މީސްތަކުން އުޅެމުން ގެންގޮސްފައިވާ ގައުމެކެވެ. ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. ދާދި ފަހާ ޖެހެންދެން ރާއްޖޭގެ މީހުން ތަބާވެ އުޅެމުން ގެންގޮސްފައިވަނީ ޝާފިޢީ މަޒުހަބުގެ އުސޫލުތަކަށެވެ. ދީނީގޮތުން އެންމެންވެސް ގަބޫލުކޮށް އުޅުނީ އެއްގޮތެކެވެ. ދެބަހެއްނެތި އެންމެންވެސް ކަންކަމުގައި ގެންގުޅުނު އުސޫލުތައް އެއްގޮތެވެ. ނަމަވެސް މިއަދު މިގައުމުގައި ދީނީގޮތުން ތަފާތު ގޮތްތައް ކުރިއަށްނެރެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދިނުން މިދަނީ އިތުރު ވަމުންނެވެ.

މިސާލެއްގެ ގޮތުން އެންމެފުރަތަމަ ފަތިސްނަމާދުގައި ގުނޫތު ކިޔުމުގެ މައްސަލައިގައި ޢިލްމުވެރީން ދެއްވަމުން ގެންދެވި ފަތުވާތައް ރައްޔިތުންގެ ގިނަބަޔަކަށް ވެގެންދިޔައީ ގަބޫލުނުކުރެވޭ ކަމަކަށެވެ. ޒަމާނުއްސުރެ ކުރަމުން އާދަ ހިފިފައިވާ ކަމެއް ދޫކޮށްލުމަށް އެއްބަޔަކު މިއަދުވެސް އިންކާރު ކުރެއެވެ. ސޮލަވާތް ފާތިޙާ ކިޔަވަން ޖެހޭގޮތާމެދު ޢިލްމުވެރީން ދަށްކަވަންފެށި ވާހަކަތައްވެސް މަދުބަޔަކު މެނުވީ ގަބޫލެއް ނުކުރެއެވެ. މާލޫދު ކިޔުމުގެ މައްސަލަވެސް އެހާމެ ބޮޑަށް ޚިޔާލުތަފާތުވެ އަރާރުމަށްވެސް ބަދަލުވެގެން ދިޔައެވެ.

އެހެނަސް މިމައްސަލަ ތަކުގައި މާބޮޑު ހަމަނުޖެހުމަކަށް ބަދަލުނުވެ އެންމެން އެއްގަލަށް ނޭރިނަމަވެސް ވިސްނައި ފިކުރުކޮށް ހައްލުތަކެއް ހޯދުނު ކަމުގައި ދަންނަވާން ޖެހެއެވެ. އެކަމަކު މިއަދު އަނެއްކާ އިތުުރު މައްސަލަތައް ކުރިމަތިވެ އިލްމުވެރީންގެ މެދުގައި ބަހުޝްތައް ހިނގާ އިތުރު މައްސަލަތައް ފެންމަތިވެއްޖެއެވެ. ލަވަކިޔުމާ މިއުޒިކު ކުޅުމާމެދު ޚިޔާލު ތަފާތުވެއްޖެއެވެ. ޓެކްސް ނެގުމުގެ މައްސަލައިގައިވެސް ތަފާތު ފަތުވާތައް އަޑުއިވެމުން ދާން ފެށިއެވެ.

އިސްލާމް ދީނުގެ މުހިންމު މައްސަލަތައް ކަމުގައިވާ ރިބާގެ މައްސަލައާއި މިނޫންވެސް ޝަރީއަތުން ގާއިމުކުރާންޖެހޭ ޙައްދުތައް ގާއިމު ކުރުމުގެ މައްސަލާގައި ވާހަކަ ދެކެވޭ މިންވަރު ކިތަންމެ އިތުރު ނަމަވެސް މިއިން ކަމެއް ޢަމަލީގޮތުން ބަދަލުކުރާން އުޅޭތަނެއް ހަމަނުފެނެއެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް ރާއްޖެއޭ ، އިސްލާމުންނޭ ، ޙައްދޭ ގޮވޭއަޑު މެދުނުކެނޑި އިވެމުން ދެއެވެ. މިއަޑުތައް މިހާރަކަށް އައިސް ބޮޑަށް އިވެމުންދަނީ އެކިއެކި އިންތިޚާބު ތަކުގެ ތެރޭގައި ހިންގޭ ކެމްޕޭން ތަކުގައެވެ. ނޫންނަމަ ސިޔާސީ ފޯރަމް ތަކުގައެވެ.

23 ޑިސެމްބަރ އިއްތިހާދޭ ކިޔައި ނަންއެރުވި އެއްވުމަކީ ރާއްޖޭގައި މިފަހަކަށް އައިސް ބޭއްވުނު ބޮޑެތި އެއްވުން ތަކުގެ ތެރެއިން އެއްވުމެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެއްވުން އިންތިޒާމު ކުރުމުގައި ކުރީސަފުން އެންމެންނަށްވެސް ފެންނަމުން ދިޔައީ ރާއްޖޭގެ ދީނީ ޢިލްމުވެރީންގެ ތެރެއިން އޭރު މަގުބޫލު މޫނުތަކެކެވެ. އެއެއްވުމުގައި ބޮޑު ހަމަނުޖެހުމަކަށް މަގުފަހި ނުވިނަމަވެސް އިސްލާމްދީން ޙިމާޔަތް ކުރުމުގެ ނަމުގައި މިބޭއްވި ބައްދަލުވުން ނިމިގެން ދިޔައިރު ފާޅުވެ އެނގުނު ޙަގީގަތްތަކެއް ހުއްޓެވެ. އެއްކަމަކީ އެއެއްވުމަކީ ރާއްޖޭގައި އިސްލާމް ދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރަށްވައި އެއެއްޗަކީ ހުރިހައި ނުބައި ކަންތައް ތަކުގެ މައިމީހާ ކަމުގައި އަންގަވާފައިވާ ރަލުގެ ވިޔަފާރި ކުރަމުން ގެންދާ މަހުޖަނުންތަކެއް އަޑީގައި ތިބެގެން ހިންގި ހަރަކާތެއް ކަން އެނގުމެވެ. މީގެއިތުރުން އެއިރުއޮތް ސަރުކާރާ އެންމެ އިދިކޮޅު ސިޔާސީ ފަރާތްތަކުން މިއެއްވުމުގައި ނަގާކިޔަމުން ގެންދިޔަ ކަމެވެ. ފާޅުގައި މުސްލިމުން މުސްލިމުންނާ އިދިކޮޅަށް ޖިހާދު ކުރުމަށް ގޮވާލި ކަމެވެ. މިއަޑުތަކުގެ ތެރެއިން އެއްވި މީސްތަކުންނާޢިގެން މަގުމައްޗަށް ނުކުމެ ހައިޖާނު ކުރުމަށް ގޮވާލައި ބާރުއަޅަމުން ގެންދިޔަތަން ވެސް ފެނިގެން ދިޔައެވެ.

ނަމަވެސް ޢިލްމުވެރީންގެ ގޮތުގައި ތިބިމީހުން ބޭނުންކުރި ދަށުދަރަޖައިގެ ބަސްތަކާއި އިސްލާމް ދީން ޙިމާޔަތް ކުރުމަށްވުރެ ބޮޑަށް ސިޔާސީ ހަމަނުޖެހުން ގަނޑަކަށް މިބައްދަލުމުން ސިފަކުރެވެން ފެށުމާއިއެކު ހަމައެކަނި ދީނުގެ ހައްގުގައި ނުކުތް ގިނަބަޔަކަށް މިއެއްވުމުގެ މާނައޮޅި އިތުރަށް ކުރިއަށް ނުދިއުމުން އެއްވުން ނިންމާލީ އިންތިޒާމުކުރި ފަރާތްތަކުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވުމަށް ބައިވެރީން ލައްވައި ހުވާވެސް ކުރުވާފައެވެ.

މިބައްދަލު ވުމަށްފަހު ރޭވިގެން ހިންގުނު އެތަކެއް ހަރަކާތްތަކަށް އެފަދަ ގާތް ތަރުޙީބެއް ނުލިބުނު ނަމަވެސް ޢިލްމުވެރީންގެ ނަމުގައި ނުކުމެ އެއުޅުނު މީހުންނަކީ އެއްވެސް ގޮތެއް، ފޮތެއްނެތް ، ބުނާބަހާ ޢަމަލާ ދިމާނުވާ ބައެއްކަން މީހުންަނަށް އެނގި ކަށަވަރުވަމުން ދިޔައެވެ. މީގެ ސަބަބުން ބައެއްގެ ހިތްތަކުގައި އިސްލާމް ދީނާއިމެދު ކުށްހީތައް ކުރެވުމަށް މަގުފަހިވެގެން ދިޔަކަމުގައި ދަންނަވާން ޖެހެއެވެ. އިލްމުވެރީންނާޢި މެދުގައި ކުރީން ކުރަމުން ގެންދިޔަ އިޙްތިރާމްއާއި ގަދަރު ކުޑަވެގެން ދިޔައެވެ. އަދި މިގޮތުން ނުކުތް ބޮޑުތުނބުޅީގެ އަހުލު ވެރީންގެ މާޟީގެ ބިތުފަންގިނެގި އެމީހުން ހިންގާފައިވާ ބައެއްކަހަލަ ހުތުރު އަމަލުތައްވެސް ހާމަވާން ފެށިއެވެ.

އެންމެ ފަހުން ޢާންމު ރައްޔިތުންގެ ފަރާތުން އެންމެ އެދެވޭ ތަރުޙީބެއް މިވެރީންނަށް ނުލިބި ދިއުމުން ، ކޮންމެގޮތަކުންވެސް ބަހަނާއެއް މަތިކޮށްގެން ވެރިކަން ވަށްޓާލަން ނުކުތް މިވެރީން ރާއްޖޭގައި އެބަޔަކަށް އެންމެ ގަދަރު ކުރަމުންދިޔަ ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއްގެބޯ ކާލައިގެން އެންމެފަހުން ހަތިޔާރުގެ ބޭނުންކޮށް ސަރުކާރު ވަށްޓާލިއެވެ. ބަޣާވާތަކުންނެވެ. މިއަކީ ދިވެހީންނަށް މިއަދަކު އޮޅޭނޭ ކަމެއް ނޫނެވެ.

ބަޣާވާތައް ރާވަމުން ބާރުދެމުން ހިންގުނު ކަމުގައި އެމީހުންގެ އަމިއްލަ ދުލުން ދަށްކާފައިވާ ވާހަކަ ތަކަށް ބަލާލާއިރު އެމީހުންގެ ބައިވެރީން ތަކަކަށް އަސްކަރީ ތަމްރީނު ތަކެއްވެސް ދެމުން ގެންދިޔަކަމަށް މޭރުންވާ ގޮތަކަށް ވާހަކަ ދެއްކިއެވެ. މިއަޑު ގައިމުވެސް ގިނަބަޔަކަށް އިވޭނެއެވެ. ރާއްޖޭގެ ދިފާއީ މަރުކަޒުތަކަށް ހަމަލާ ދިނުމަށާ ، ދޭނޭގޮތާމެދު ވާހަކަދަށްކަމުން ގޮވައިހެދީ ފާޅުގައެވެ. ބަޣާވާތުގައި އެހީތެރިވެ ދިންކަމުގައި ގިނަބަޔަކު ތުހުމަތު ކުރަމުން ގެންދާ ދެޓީވީ ޗެނަލުން ސައްވީސް ގަޑިއިރު މިއަޑުތަކާއި އިތުރު ޕުރޮޕެގެންޑާތައް ގެންދިޔައީ ފަތުރަމުންނެވެ. އެންމެ ފަހުން ބަޣާވާތްކޮށް ސަރުކާރު ވަށްޓާލީއެވެ. ކޮމާންޑު ސެންޓަރ ހަދައި އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާއަށް މަރުގެ އިންޒާރުވެސް ދިންކަމުގައި ކަންކުޅަ މީހުން ފާޅުގައި އެވަނީ އެއްބަސް ވެފައެވެ.

މިކަން ފެށިގެން ނިމިދިޔައިރު ފެނިގެން ދިޔައީ އެއްކަލަ އަޑުބާރުކޮށް ވާހަކަދައްކައި ދީނީ މައްސަލަ ތަކުގައި ދެކޮޅަށް ވާހަކަ ދަށްކައި އެއްބަޔަކު އަނެއް ބަޔަކަށް ކާފަރުން ކަމުގައި ބުނަމުން ގެންދިޔަ މީހުން އެއްގަލަށް އަރައި އުޅުނު މަންޒަރެވެ. އެހެންކަމުން މުޅި މަންޒަރު ސިފަކޮށްދެނީ ދީނުގެ ނަމުގައި މިހިންގި ހަމަނުޖެހުން ތަކަކީ ހަމައެކަނި ދުނިޔޭގެ ދަހިވެތިކަމުގައި ، ވެރިކަމުގެ ބޭނުމުގައި ހިންގި ކަންތައް ގަނޑެއް ކަމުގައެވެ. މިފަދަ ބަޔަކު މާދަމާ އެމީހުން ބަލިވެ މިހާރު ފޭރިގަނެގެން އެއުޅޭ ވެރިކަމުން ދުރުވާނެކަން އެނގޭން ފެށުމުން ދެން ހިންގާނީ ކޮންކަންތައްތަކެއްތޯ ސުވާލު ކުރެވިއްޖެނަމަ ވިސްނެނީ އެންމެ ޖަވާބެކެވެ. ދެން އެމީހުން ދީން އައްޑަނައަކަށް ހަދައިގެން ރާއްޖޭގައި ފަށައި ގަންނާނީ އަހުލީ ހަނގުރާމައެކެވެ. ދޭންފަށާނީ ޓެރެރިސްޓު ހަމަލާތަކެކެވެ. މިއަދު މިގެނެސްގެންއުޅޭ ބަޣާވާތް ގެނައުމުގައި ދައުލަތުގެ ސަލާމަތީ ބާރުތަކުގައިހުރި ބައެއް ހަތިޔާރުތައް ބޭނުންކުރިއިރު މިފަދަ ހާލަތެއް އަންނާނެކަން އެމީހުންނަށް ޔަގީންވުމުން މިހާރުއްސުރެ ބަރު ހަތިޔާރުފަދަ ތަކެތި އެއްކޮށް ނުފޮރުވާނެ ކަމެއް ހަމަނޭނގެއެވެ. ބާޣީންނަށް ބާރުގެއްލެނީ ކަމުގައި ހީވާއިރަށް މުޅިގައުމުގައި ގޮއްވުންތައް ގޮއްވައި އެތަކެއް ފުރާނަ ދުއްވާ ނުލާނެ ކަމުގައި ބުނާކަށް ނުވާނެއެވެ. މީގެ ކުރީންވެސް މިފަދަ ގުރޫޕަކުން މާލޭގެ ސަލްޓަން ޕާކުގައި އެވަނީ ބިދޭސީ ބަޔަކަށް އަމާޒުކޮށް އެއްޗެއް ގޮއްވާ ލާފައެވެ. މިމީހުން ބައިވެރިވެ މާލޭގައި ހިންގި ހަމަނުޖެހުން ތަކުގައި ބައެއް މިސްކިތް ތަކުގެ ފާހާނާ ތަކުގެ ތެރޭގައި ޕެޓްރޯލްބޮން ހަދައި ގޮއްވުމަށް ތައްޔާރު ކޮށްފައި ހުއްޓައި އެއިރު ފުލުހުން އަތުލައި ގަނެފައި ވާއިރު މިއަދު އެމީހުންގެ ބާރުގެ ދަށުގައި ރާއްޖޭގެ ހަތިޔާރު ގުދަންތަކާއި އެންމެހައި ވަސީލަތްތައް ހުރިއިރު މިފަދަ ކަމަކަށް ތައްޔާރުނުވެ އަމަށުން ހަމަތިބެދާނެ ބާއެވެ.

ހިނގައިދިޔަ ކަންކަމާ މިފެންނަ މަންޒަރު ތަކަށް ބަލާލާއިރު ޔަގީންވެ އެނގެނީ ރާއްޖޭގައި ޓެރެރިޒަމް ފުޅާކޮށް ހިންގުމަކީ މިއަދު ދެން ނުކުރާނެ ކަމެއް ނޫންކަމެވެ. އެކަމުގެ ނިޝާންތައް މިއަދު މިދަނީ ފެންނަމުންނެވެ. އާޚިރުގައި މިގައުމު ބާޣީންގެ އަތްދަށުން ސަލާމަތް ކުރާން ޖެހޭނީ އެތަކެއް ޢާންމު ރައްޔިތުން ޓެރެރިސްޓުންގެ ހަމަލާތަކުގެ ޝިކާރައެއް ކަމުގައި ވެގެންނެވެ. ނޫންނަމަ ބޭރުގެ ބާރެއް މެދުވެރިވެގެން މިގައުމުގެ ރައްޔިތުން ޙިމާޔަތް ކޮށްދީގެންނެވެ. މިކަންކަމަށް ހަމައެކަނި ބޭނުންވަނީ ﷲ ތަޢާލާގެ މިންވަރު ފުޅެވެ. އެއިލާހުގެ ހަޟްރަތުން ވާގިއެދި ބާޣީންގެ ނުބައި ރޭވުންތައް ބޭޒާރުކޮށް މިގައުމު އެމީހުންގެ ކިބައިން ސަލާމަތް ކުރެވޭނެ އަލިމަގެއް ހޯދުމުގައި ލަސްނުވެ މަސައްކަތް ކުރާންވީއެވެ. މިގައުމުގެ އެންމެ ފުރާނަޔަކީވެސް ނުހަނު އަގުބޮޑު އެއްޗެކެވެ.