އެމްޑީޕީން އަނެއްކާ ވެސް ސީދާ ހަރަކާތަށް ނިކުމެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އަނެއްކާ ވެސް ސީދާ ހަރަކާތަށް ނިކުމެއްޖެއެވެ.

އަވަސް އިންތިޚާބަކަށް ގޮވާލައި އެމްޑީޕީން މިއަދު މުޒާހަރާ ފެށީ އުސްފަސްގަނޑުންނެވެ. މުޒާހަރާގެ ބައިވެރިން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އުޅުއްވާ ގެކޮޅުގެ ކައިރީގައި ސޯސަން މަގު ގައި މަޑުކޮށް އަޑުއުފުލުމަށް ފަހު މިސްރާބުޖެހީ ވެލާނާގެ އާ ދިމާލަށެވެ. ވެލާނާގޭ ސަރަހައްދު ފުލުހުން ވަނީ އޭރު ވެސް ބަންދުކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި ބަޣާވާތުގެ ސަރުކާރަ ދެކޮޅަށް އަޑުއުފުލައިފައެވެ. އަދި އެ ސަރަހައްދުން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފައެވެ.

ފެބްރުއަރީ 7 ވަނަ ދުވަހާއި، 8 ވަނަ ދުވަހުގެ އިތުރުން ގަދަފައިވިއްދައިގެން ރިޔާސީ ބަޔާން އިއްވުމަށް މާރޗް 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގަ އާއި އެމްޑީޕީގެ އެހެން ހަރަކާތްތަކުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނަށް ސަލާމަތީ ބާރުތަކުން އަނިޔާކޮށްފައިވާއިރު ވެސް މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެ މެންބަރުންގެ ހައްގުގައި މަސައްކަތްކުރައްވާފައި ނުވާތީ އެކަމާ ދެކޮޅަށް ވެސް މިއަދުގެ މުޒާހަރާގައި ބައިވެރިން ވަނީ އަޑުއުފުލާފައެވެ.