އެމްޑީޕީގެ ޕޮލިސީ ކޮމިޓީން އެމްޑީޕީ ޔޫތު ވިންގަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
އެމްޑީޕީ ޔޫތު ވިންގަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުން - ފޮޓޯ: ހަމްދާން (ކޮންކޯޑް)

އެމްޑީޕީގެ ޕޮލިސީ ކޮމިޓީން އިންތިޒާމްކޮށްގެން އެމްޑީޕީ ޔޫތު ވިންގަށް އަމާޒުކޮށްގެން ރޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

އެމްޑީޕީގެ މެނިފެސްޓޯ އަލުން އެކުލަވާލުމަށް ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސިޓީ ހޯލުގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި 32 ޒުވާނަކު ބައިވެރިއިރު، އެ ފަރާތްތަކަށް މައުލޫމާތުދެއްވީ އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއި ބެހޭ ކޮމިޓީ (ޕޮލިސީ ކޮމިޓީ)ގެ މުގައްރިރު އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ ސިވިލްއޭވިއޭޝަން މިނިސްޓަރ މަހުމޫދު ރާޒީ އާއި، ޕޮލިސީ ކޮމިޓީގެ މެންބަރު އިބްރާހީމް ރަޝީދު (ކަރަންކާ އިބޫ) އެވެ.

އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް އާންމުންގެ ބަސް ހޯދުމަށް ތަފާތު އެކި ރަށްރަށުގައި ވެސް އެ ޕާޓީގެ ޕޮލިސީ ކޮމިޓީން ވަނީ މި ފަދަ މަސައްކަތު ބައްދަލުވުން ބާއްވާފައެވެ. އަދި ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރު ސޯޝަލް ނެޓްވޯރކްތައް ކަމަށްވާ ޓްވިޓަރ އާއި ފޭސްބުކް މެދުވެރިކޮށް އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ކެމްޕެއިނެއް ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީން ވަނީ ހިންގާފައެވެ.

އެމްޑީޕީގެ މެންބަރޝިޕާއި ކެމްޕެއިން ކޮމިޓީގެ އެހީތެރިކަމާ އެކު ޓެލްއެމްޑީޕީގެ ނަމުގައި ހުޅުވާފައިވާ ޓްވިޓަރ އެކައުންޓާއި، ހަމައެނަމުގައި ހުޅުވާފައިވާ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހިންގި މި ކެމްޕެއިނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.