ފުނަމާ
މިއަދު މިގައުމުގެ ވެރިކަން ފޭރިގަނެގެން އެތިބީ ދިވެހި ތާރީޚުގައި ވެސް މިފަދަ ހަޑިމުޑުދާރު އަމަލެއް އެންމެ ހުތުރުކޮށް ހިންގައިގެންތިބި ޚާއިނުން ތަކެކެވެ. އެމީހުންނާއި އެމީހުންނަށް އެހީތެރިވި އެންމެން ވެގެން މިގައުމު ސުންނާފަތިކޮށް ބައިއަޅައި ލޫޓުވަމުން އެތިބަ ގެންދަނީއެވެ. ގައުމުގެ ބައިތުލްމާލް ހުސްވެ މުސާރަވެރީންނަށް އުޖޫރަނުދެވި އެންމެފަހުން މިހާރު އިވެނީ ފައިސާ ފުނިފުނިވަރު ޖަހަޖަހައިގެން ގެނެސް ވައްދާ ވާހަކައެވެ. އެހެންކަމަށް ވާނަމަ އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ފިއްތުންތަކާއި ގައުމަށް ކުރިމަތިނުލައި ފަރުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
އަވަށްޓެރި ގައުމުތަކާއި އޮންނަ ގުޅުންތައް ހީނަރުވަމުން ދާއިރު ވިލާތާއި އެކުގައި އޮތް ގުޅުންތައް މުޅީން ކެނޑިގެން ދާފަދަ ސިގްނަލްތައް މިދަނީ ފެންނަމުންނެވެ. އެހެނަސް މިއަދު އެމީހުންގެ ވެރިކަން ހިމާޔަތްކޮށް ގާނޫނީ ކުލަޖެއްސުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރުމުގައި ބާޣީން އެތިބީ ހޭބޯނާރައި މަރުފަލި ޖަހާށެވެ. ވާނީވެސް އެހެންނެވެ. ތިމާމެން މިތިބަ ހިސާބުން ކިރިޔާ ކައްސާލިޔަސް މަރުނޫން އެއްޗެއް ފެންނާކަށް ނެތެވެ. އަދި ގަތްގަނޑުތައް ފޮރުވޭނެ ގޮތެއްވެސް އަމުދުން ނެތެވެ.
މިއަދު މިބާޣީން ހިންގަމުން ގެންދާ ކަންކަމުގެ ނަތީޖާވެސް މިދަނީ މިގައުމަށް ފިސާރި ހިތިކޮށް ފެންނަމުންނެވެ. ވެރިކަމަށް ފުރުނު ކޮންމެ މަހަކަށް އަނިޔާވެރި މަރަކުން މީހަކު މަރާލައިފިއެވެ. ގައިމުވެސް އިއްޔެ އެހައްދުވަހު މަރުގެ ހަމަލާއެއް ދިން ލިޔުންތެރިޔާއަށް މަރުގެ އިންޒާރު ދެމުން އެންމެ ބޮޑަށް ގެންދިޔައީ މިގައުމުގެ ވެރިކަމާ މިއަދު ލާމެހިގެން އެއުޅޭ ނަންމަޝްހޫރު ޓެރަރިސްޓު ” ފަހަރި ޝޭޚުންގެ ” ޖަމާއަތުންނެވެ. މިއަދު މިގައުމުގެ އިސްލާމީ ކަންކަން ކުރިއަރުވާށޭ ކިޔައި ނަމުގައި ހަވާލުވެ އެތިބީ އެމީހުންގެ މީހުންނެވެ. ހުކުރު ޚުތުބާ ތަކުގައި އިސްލާމުންނަށް ބަދުދުޢާ ކުރަމުން އެމީހުން އެގެންދަނީ އެމީހުންގެ ހިތުގައި އިސްލާމުންނާއި މެދުގައިއޮތް ހަސަދަ ވެރިކަމާ ދެފުށްދެގޮތް ކަމުގެ ސަބަބުން ފިޔަވައި ދެން އެހެން ކޮންކަމަކުން ހެއްޔެވެ؟ އެމީހުންގެ އަގަލާއި ކުލުނަށް ބަލާލާއިރު އިސްލާމީ ރިވެތި އެއްވެސް ސިފައެއް ގައިމުވެސް ފެންނާކަށް ނެތެވެ. ބޮޑާކަމާއި ފިތުނަވެރިކަން އިންތިހާއަށް ފެންނާން އެބަހުއްޓެވެ. ދިވެހި ރައްޔިތުން އެމީހުންގެ ދުލުގެ އަވައިގައި ޖައްސައި މުޅިގައުމު ފިތުނަކޮށް މިގައުމުގެ ވެރިކަން ލޫޓުވާލުމުގައި އެންމެކުރީ ސަފުގައި ނުކުމެ ތިބީ އެވެރީންނެވެ. އެމީހުންގެ އަތުގައި ހިފައި ގުނބޯ ނެއްޓުވީ މިގައުމުގެ ބައެއް މަހުޖަނުންނެވެ. އެހެންކަމަކު ނޫނެވެ. ހަމައެކަނި މިގައުމުގެ މުއްސަނދި ކަމާއި ވެރިކަމުގެ ބޭނުމުގައެވެ.
މިއަދު ވެރިކަމުގައި ތިބެގެން އެކުރާހާވެސް ކަމަކީ މިގައުމު ލޫޓުވުމެވެ. ރައްޔިތުންނަށް އަނިޔާކުރުމެވެ. މިއަދާ ހަމަޔަށް މިވީ ފަސްމަހެއްހާ ދުވަހުގެ ތެރޭގައި ފިސާރި އަނިޔާވެރިކޮށް މިގައުމުގައި ފަސްފުރާނަ ދުށްވާލައިފިއެވެ. އެއިންކަމަކާ މިވެރީން ކަންބޮޑެއް ނުވެއެވެ. މުޅިގައުމުގައި މާރާމާރީއާއި ފޭރުމެވެ. އެކަމަކާ މިވެރީން ނުސިހެއެވެ. ވާނީވެސް އެހެންނެވެ. ގައުމުގައި ތިބިއްޔާ ތިބިހާ ލުއްޗާއިން މިއަދުގެ އިސްސަފުގައި އެތިބީ ފެންނާށެވެ. މިއަދު މިގައުމު ސިފަވަނީ ގުންޑާ ރާޖުގެ ގޮތުގައެވެ. ފުލުހުންނާއި ސިފައިންނަކީ ޑާކޫންހެން އަންނަ ނާންނަ ތަނެއް ނުއެނގި ކުއްލި ކުއްލިއަށް ނުކުމެ ރައްޔިތުންނަށް ހަމަލާދީ މުދާކޮޅު ލޫޓުވާލުމަށް ފެންބޮވާފައި ތިބި ބައެކެވެ. އެމީހުންގެ މިއަމަލު ތަކާއި އިދިކޮޅަށް ބަހެއްބުނާ ކޮންމެ މީހަކު މަގުމަތީގައި ގަންހިންގައި ތަޅާ ރޯނާ ގެންނެވުމަކީ އެމީހުން ހަމައެކަނި ދަންނަ ގާނޫނެވެ. ވެރިކަމަށް ބައި އަހަރު ނުވެއުޅެނިކޮށް ސިޔާސީ ކުށްވެރީންގެ ގޮތުގައި ހާހެއްހައި މީހުން ހިފައި ހައްޔަރު ކޮށްފިއެވެ. މިއަދު އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ގޮވައިގެން އެތިބަގެން ދައުވާކުރަނީއެވެ. ގާނޫނީ ހަމައެއް ސައްޚަނުވެތިބި ބަޔަކަށް މިގައުމުގެ ވެރީން ކަމުގައިވާ ރައްޔިތުންގެ މައްޗަށް ދައުވާކޮށް އަދަބުދެވޭނެ ހަމަޔެއް އޮތިއްޔާ އޮތީ އެމީހުންގެ އަމިއްލަ އުސޫލުތަކުގެ ތެރޭގައި އެކަންޏެވެ. އެމީހުން އެގޮވަނީ މިގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ޖަލުތަކުގައި ރޯނާގަންނުވާނެ ވާހަކައެވެ. ތަޅާމަރާނެ ވާހަކައެވެ. މިމީހުންގެ ބަސްފޮތުގައި އަނިޔާވެރި ކަމުގެ ބަސްތައް މެނުވީ ލިޔެވިފަކާ ހަމަގައިމުވެސް ފެންނާކަށް ނެތެވެ.
އިންޝާﷲ މާދަމާ އަހަރެމެން ރައްޔިތުން ގައިމުވެސް ޙައްގު ގޮތުގައި މިމީހުންގެ މައްޗަށް ގަދަވެ ގަންނާނެއެވެ. އެމީހުންގެ ލުއްޗާ ސިކުނޑި ތަކުގެ ބާރުކެނޑި ކުޑަކަކޫ ޖެހިގެން ދާނެދުވަސް ދެން ﷲއިރާދަ ކުރެއްވިއްޔާ ދުރަކު ނެތެވެ. އަހަރެމެން މިގައުމުން އެމީހުން ލޫޓުވާލި ތަންތަން ފޫބެއްދުމުގައި ރެޔާދުވާ އެއްކުރާނަމެވެ. ގައުމުގެ ކޮންމެ ރައްޔިތަކަށް އުފާވެރި ދިރިއުޅުމެއް އުޅުމުގެ މަގުފަހި ކޮށްދޭނެއެވެ. އިންސާފާ ޙައްގުގެ މަގުން މެނުވީ އެއްވެސް މީހަކަށް މިގައުމުގައި އަދަބެއް ގައިމުވެސް ހަމަހިލައި ނުދެވޭނެއެވެ. ވަކި ޕާޓީއަކަށް ނިސްބަތް ވީތީވެ ، އަހަރެމެންގެ ޕާޓީއަށް ސޮއިނުކުރީތީވެ ފަރަގު ކުރުމެއް ނެތި ހަމަހަމަ ޙައްގުތައް ލިބިދެވޭނެއެވެ. އަހަރެމެންގެ ކުރިމަތީގައި ޙައްގުބަސް ބުނުމުގެ ފުރިހަމަ މިނިވަންކަން އޮންނަ ބީދައިން ، ހަގީގަތާ ޚިލާފަށް ވާހަކަދަށްކާ މީހުންނަކީވެސް ވިސްނައިދީ ހަމަމަގަށް ގެނެވޭ ބައެއް ކަމުގައި ހެދުމުގެ ހިތްވަރާއި ކެތްތެރިކަން އަހަރެމެންގެ ކިބައިގައި ހުންނާނެއެވެ.
މުޖުތަމައުގައި މަގުގެއްލިފައި ތިބިހައި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ ޖަލުތަކުގައި ހަޔާތުގެ ބޮޑުބައި ހޭދަކުރާން ޖެހިފައިވާ މީހުންނާއި މެދުވެސް އަހަރެމެން އޯގާތެރި ވާނަމެވެ. އެމީހުން އިސްލާހުކޮށް މުޖުތަމައަށް ގެނައުމަކީ އަހަރެމެންގެ ވާޖިބެއް ކަމުގައި ދެކޭނެއެވެ. ކިތަންމެ ރުޅި މޫނުތަކާއިވެސް އަހަރެމެން ކުރިމަތިލާނީ އޯގާތެރިކަމާއި ޚުލްގު ހެޔޮކަމާއެކުގައެވެ. މިގައުމުގެ އިސްލާމީ ކަންކަން ހިންގާން އިސްލާހު ކުރާން ތިބޭނީ ކެތްތެރި ބަސްމަދު އިލްމީ ގޮތުން ހުނަރުވެރި ގާބިލް ފަރާތްތަކެވެ. އެމީހުން ބޮނަކުއާގެ ނަމުގައި ރާހުއްދައެއް ނުކުރާނެއެވެ. އެމީހުން ސްޕާތަކުގައި ތެޔޮދަމާކަށް ނުދުވާނެއެވެ. ދީނާ ނަހަމަ ކޮންމެ ކަމެއް މަނާކުރުމުގައި ފުރިހަމަ އިޚްތިޔާރާއި ބާރާއި އެކުގައި މަސައްކަތް ކުރާނެއެވެ.
ރައްޔިތުން ހާއުފާވެރި ކަމުގައި އަނެއްކާވެސް އެކުވެރިވެ އެއްހިތްވެގެން އުޅޭނެ ދުވަހަކަށް އަލިވިލޭއިރު މުޅިގައުމު ﷲގެ ރަޙުމަތުން އޮންނާނީ ” ރަންރީނދޫ ” ކުލައިން ޖަރީވެފައެވެ. މުޅިގައުމުން ފެންނާނީ ހިނިތުންވުމެވެ. މިމީހުންގެ އަތުން އަހަރެމެން އަނބުރާ ގައުމު ހޯދާއިރު މިގައުމުގެ ބޭތިލް މާލުގައި އެންމެ ލޯލާރިއެއް ނެތަސް ގައުމު ހިންގުމަށް ބޭނުންވާ ފައިސާ ހޯދާނެގޮތް އަހަރެމެންނަށް އެނގޭނެކަން ތަޖުރިބާއިން ވާނީ ދަށްކާދީފައެވެ. އުތުރުން ދެކުނަށް މުޅިރާއްޖެ އެކުއެކުގައި ތަރައްގީވެ ކުރިއަރައިގެން ދާނެކަން މިއަދުވެސް ޔަގީނެވެ. މިއަދު ރައްޔިތުންނަށް އަނިޔާވެރި ވުމުގައި އެތިބީވެސް ދިވެހި ރައްޔިތުންނެވެ. އެމީހުންނަކީވެސް ހަމައަހަރެމެންގެ ގައުމުގެ ބައެކެވެ. އެމީހުންގެ ތަފާތަކީ އެމީހުންގެ ހިތްތައް ނިފާގުން ފުރިފައި ވުމެވެ. ދަހިވެތި އެދުމުން ފުރިފައިވުމެވެ. ގައުމުގެ މުއްސަނދިކަމަށް އެދުންވެރި ވުމެވެ. އިސްލާމް ދީނާއި ދުޝްމަން ވުމެވެ. ޔަހޫދީންނާއި ގުޅިގެން އެމީހުންގެ މޫނުމަތި ރީތިކުރެވޭތޯ އެއުޅެނީ މިނޫން ކޮންކަމެއް އޮތީމަހެއްޔެވެ؟ އިއްޔެ އެމީހުން ގޮވާނެގީ އަހަރެމެން ޔަހޫދީންނަށް މިގައުމު ވިއްކާލަން އުޅޭވާހަކައެވެ. އެމީހުން މިއަދު އެތިބީ އަހަރެމެން ކުރާންއުޅޭ ކަމުގައި އެމީހުން ތުހުމަތުކުރި ހަޑިމުޑުދާރު ހުރިހައި ކަމެއް ކޮށްގެންނެވެ. އަމަލާ ބަހުން އެކަން ދަށްކައިގެންނެވެ. އިއްޔެ އެމީހުންނަށް ” ނޯކޭވި ” ހުރިހައިކަމެއް ” އޯކޭ ” ވެގެންނެވެ.
ﷲގެ މިންވަރު ފުޅުން މާގިނަދުވަހެއްނުވެ ދިވެހި ރައްޔިތުންނަށްް މިދުވަސް ދަށްކަވާނެއެވެ. ކެތްތެރިކަމުގެ މޭވާގައިލާ ފޮނިރަހަ އަހަރެމެން އެންމެހައި ދިވެހި ރައްޔިތުން އެއްހިތުން އެކުގައި ތިބެގެން ހިއްސާ ކުރާނެއެވެ. އާނއެކެވެ. ” މިތުރުންގެ ހިތައް ދަތިކުރި ކަޅުކޮންމެ ރެއެއްވެސް ، ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން ” ކީރިތި ﷲ ދިވެހި އެންމެހައި ރައްޔިތުންނަށް ބާއްޖަވެރިކަން ދެއްވާށިއެވެ. އަޅަމެންގެ ތެރެއިން ހެޔޮމަގުން ކައްސާލާ ކޮންމެ ފަރުދަކަށް އެނބުރި ހެޔޮމަގަށް އައުމުގެ ތައުފީގު ދެއްވާށިއެވެ. މިގައުމު ތާއަބަދު މިނިވަންކަންމަތީ ، އިސްލާމްދީނުގެ ނޫރުން އުޖާލާވެ ލަހައްޓަވާށިއެވެ. ވައާޚިރު ދަޢުވާނާ އަނިލްޙަމްދު ލިﷲ ރައްބިލް ޢާލަމީން އާމީން!