އަޅުގަނޑު އެމް.ޑީ ޕީ ދޫކޮށް އެހެންޕާރޓީއަކަށް ބަދަލުވާން އުޅޭ ކަމަށް ސޯޝަލް މީޑިޔާ އާއި ވިޝުވަލް މީޑިޔާގެ ބައެއް ޗެނެލް ތަކާއި އޮންލައިން ނޫސް ތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ހަޤީޤަތެއް އަސާސެއް ނެތް ދޮގު ޚަބަރު ތަކެކެވެ.
ފަހަކަށް އައިސް އަޅުގަނޑުގެ ޝަހްސިއްޔަތު ބަލިކަށި ކޮށްލުމަށްޓަކައި ވާދަވެރި ފަރާތްތަކުން މިފަދަ އެތައް ހަމަލާއެއް އަޅުގަނޑަށް އަމާޒު ކޮށްފައި ވެއެވެ. ނަމަވެސް މިފަދަ ހަޤީގަތެއް ނެތް ވާހަކަތަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ހިތްވަރު ބަލިކޮށެއް ނުލެވޭނެއެވެ.
އެމްް.ޑީ ޕީީގެ ހަރަކާތްތަކާ ތަންކޮޅެއް ދުރުގައި އަޅުގަނޑު މިވަގުތު ހުންނަން ޖެހިފައި މިވަނީ އަޅުގަނޑުގެ އަމިއްލަ ކަންކަމަށް ވަޤުތު ބޭނުންވާތީ އެކަމަށް ވަޤުތު ހުސް ކުރުމުގެ ބޭނުމުގައެވެ. މިއީ ޕާރޓީގެ އިސްވެރިންގެ ހުއްދަ އާ އެކު ނަގައިފައިވާ ޗުއްޓީއެކެވެ. ޕާރޓީގެ އިސް ވެރިންނާއި ޚިޔާލު އެއްގޮތް ނުކުރެވޭވަރުގެ ޚިޔާލު ތަފާތުވުންތަކެއް އަޅުގަނޑުގެ ނެތެވެ. އެހެން ނޫނަސް ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އޮތް ހަމައެކަނި ހައްލަކީ ޕާރޓީ ބަދަލުކުރުން ކަމުގައި ވެސް އަޅުގަނޑު ނުދެކެމެވެ.
އަޅުގަނޑާ ބެހޭ ގޮތުން ވާހަކައެއް ފަތުރާއިރު އެކަމުގައި އަޅުގަނޑުގެ ބަހެއް ހިމެނުމަކީ ޒިންމާދާރު ނޫސް ވެރިކަމުގެ އަސާސެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު އަޅުގަނޑުގެ ބަހެއް ހޯދުމަށް މަސައްކަތް ވެސް ކުރެވިފައި ނުވާކަން ހިތާމައާ އެކު ފާހަގަކުރަމެވެ.
ޕާރޓީ ބަދަލުކުރުމުގެ ސުވާލަށް ޖަވާބު ދިނުމުގައި އަޅުގަނޑުގެ އުފެއްދުންތެރިކަމުގެ ވަގުތުގެ ބޮޑު ބައެއް ހޭދަކުރަންޖެހޭކަމީ ހިތާމަކުރާކަމެކެވެ. މިސުވާލަށް އެކަށީގެންވާވަރުގެ ޖަވާބެއް އެރުވިއްޖެ ކަމުގައި ޤަބޫލުކުރަމެވެ. ކުރިމަގުގައި މިސުވާލަށް ޖަވާބު ދިނުމުގައި އަޅުގަނޑުގެ ވަޤުތުތައް ބޭކާރު ނުކުރާނެ ވާހަކަވެސް ދެންނެވީމެވެ. އަޅުގަނޑާ މެދު އެމް.ޑީ ޕީގެ ލީޑަރޝިޕާއި މެމްބަރުން އަބަދުވެސް އިތުބާރު ކުރައްވާކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ދިވެހި ޤައުމަށް އަޅުގަނޑު އެދެނީ ބާއްޖަވެރި ފާގަތި އަރުތަވެރި ދުވަސްތަކެކެވެ. އެމް. ޑީ. ޕީ އަށް ރޯޝަނީ މުސްތަޤުބަލެކެވެ.
7 ޖުލައި 2012
މުހައްމަދު ނަޝީދު ނޮޅިވަރަމް ދާއިރާގެ މެމްބަރު