ބިރުފަހަނަ އަޅައިދިޔުމަށް މިއުޒިކާ ޅެމަކީ ވަރަށް މުހިންމު އެއްޗެއް – ރައީސް ނަޝީދު

ބަޣާވާތުގެ ސަބަބުން މިހާރު ރާއްޖެއަށް ދިމާވެފައި މިވާ ކަންތައްތަކުން ބިރުފަހަނަ އަޅައިދިޔުމަށް މިއުޒިކާ ޅެމަކީ
ވަރަށް މުހިންމު އެއްޗެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފެބްރއަރީ މަހުގެ ހަތް ވަނަ ދުވަހު އެމްޑީޕީގެ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކާއި، ބައެއް ފުލުހުންނާއި، ސިފައިންގެތެރެއިން މަދު ބަޔަކު ގެނައި ބަޣާވާތާއި ބެހޭ ގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް މިއުޒިކް ބޭންޑް ކަމަށްވާ ޓްރެފިކް ޖޭމް އިން “ބަޣާވާތް” މި ނަމުގައި ހަދާފައިވާ ލަވަ ރިލީޒްކޮށް، އެ ލަވަ ރައީސް ނަޝީދަށް ހަދިޔާކުރުމަށް މާލެ ސިޓީ ހޯލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ޅެމާއި، މިއުޒިކާއި އަދި އެހެންވެސް ޚިޔާލުތަކާ އެކުގައި ނޫން ގޮތަކަށް ބިރުފަހަނައަޅައިދާން އަބަދުވެސް އުނދަގޫވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓްރެފިކް ޖޭމްގެ އިތުރުން ބަޣާވާތާއި ދެކޮޅަށް ލަވަ ހަދާފައި ހުރިހާ ފަރާތްތަކަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.