ނޫސްބަޔާން: ރާއްޖެ ޓީވީގެ ޗެއާމަން އަކުރަމް ކަމާލުއްދީނަށް ބާޣީ ސަރުކާރުގެ ވަޒީރަކު ދިން ހަމަލާ ކުއްވެރިކުރުން

MDP-2012-PR-ނަންބަރު: 58
ތާރީޚް: 6 ޖުލައި 2012 (ހުކުރު)

ރާއްޖެ ޓީވީގެ ޗެއާމަން އަކުރަމް ކަމާލުއްދީނަށް ބާޣީ ސަރުކާރުގެ ވަޒީރަކު ދިން ހަމަލާ ކުއްވެރިކުރުން

ބަޣާވާތުގެ ސަރުކާރު ރާއްޖޭގެ ވެރިކަމަށް ވެރިވެގަތް ފަހުން މިނިވަން މީޑިއާތަކަށް އެކި ސިފަސިފައިގައި ދެމުންގެންދާ ޙަމަލާތައް އިތުރުވަމުންދާ ހިނދު އަދި ރާއްޖެޓީވީއަކީ ބަޣާވާތުގެ ސަރުކާރުގެ ބޮޑު ޝިކާރައަކަށް ވެފައިވާ އިރު މިގޮތުން އެންމެ ފަހުން އެފަދަ ޙަމަލާއެއް ކުރިމަތި ކުރުވާފައިވަނީ ރާއްޖެޓީވީގެ ޗެއާރމަން އަކުރަމް ކަމާލުއްދީނަށް ކަމަށްވެފައި އަދި ރޯމާދުވާލު ގޭންގް ސްޓާރެއް ފަދައިން ހަޑިހުތުރު ބަހުން މުޢާމަލާތްކޮށް އެވަރުން ނުފުދިގެން އަތްއިސްކޮށް ޖިސްމާނީ ޙަމަލާދީފައިވަނީ މިބަޣާވާތުގެ ސަރުކާރުގެ ޓްއަރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނަ އަޙްމަދު އަދީބު ކަމަށް ރާއްޖެ ޓީވީގެ ޗެއާރމަން އަކުރަމް ކަމާލުއްދީން މަޢުލޫމާތު ދެއްވާފައިވާތީ މިޕާޓީން މިޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

ރާއްޖެޓީވީގެ ނޫސްވެރިންނަށާއި މުދަލަށް ޙަމަލާއާއި ގެއްލުން ދެމުންގޮސް އެންމެ ފަހުން ރާއްޖެޓީވީގެ ވެރިންނަށް ބަޣާވާތުގެ ވެރިން ޖިސްމާނީ ޙަމަލާދޭ ދަރަޖައަށް ކަންކަން ގޮސްފައިވާކަމީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށާއި މީޑިއާގެ މިނިވަންކަން ނައްތާލުމަށް ބަޣާވާތުގެ ސަރުކާރުގެ އެޖެންޑާ އޮތްގޮތް ހާމަވާ ހައްދު ފަހަނަޅާފައިވާ ނާތަޙުޒީބީ ޢަމަލެކެވެ.

މިފަދަ ބިރުވެރި ކަމުގެ ތެރޭގައިވެސް ރާއްޖެޓީވީ ފަދަ މިނިވަން މީޑިއާތަކުން ނޫސްވެރި ކަމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވަމުން ގެންދަވާ ގެންދެވުމަށް މިޕާޓީން ތަޢުރީފް ކުރަމެވެ.

ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ
ސްޕޯކްސްޕާސަން