
އެމްޑީޕީގެ އިންތިހާބާއިބެހޭ ކޮމިޓީން އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ބައްދަލުކޮށްފިއެވެ.
އޮގަސްޓް 31 ގައި ބެއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މިބައްދަލުވުން އޮތީ ރޭ އެމްޑީޕީ އޮފީހުގެ ކޮންފަރެންސް ރޫމްގައެވެ.
މި ބައްދަލުވުމުގައި ނިމިގެންދިޔަ އިންތިހާބު ކުރިޔަށް ގެންދިޔުމުގައި ދާއިރާތަކަށް ދިމާވި ދަތިތަކާއި ބެހޭގޮތުންވެސް ވާހަކަ ދެކެވުނެވެ. ވޯޓިން ޑޮކިޔުމެންޓްސް ލިބުން ލަސްވުމުން ރަށްތަކަށް އެތަކެތި ފޮނުވުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަން ގިނަބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި އެދަތިތަކާއިއެކު ވެސް ވޯޓު ކަރުދާހާއި އެހެނިހެން ތަކެތިވެސް ވޯޓުލާ ދުވަހުގެ ކުރިން ރަށްތަކަށް ފޮނުވިފައިވާކަން ވެސް ފާހަގަކުރެވުނެވެ. އަދި އިންތިހާބުގެ މައުލޫމާތު އެންމެ ބޭނުންވާ ވަރަށް ފޯރުކޮށްދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި ބެހޭ ގޮތުން ވާހަކަ ދައްކައި، މަޝްވަރާކުރެވުނެވެ. އަދި ކުރިޔަށް އޮތް އިންތިހާބުގެ ކަންތައްތައް ކުރުމަށް ދާއިރާތަކުގެ ރައީސުން ބޭނުންފުޅުވާގޮތުގެ ގައިޑްލައިނެއް ކަނޑައަޅާ އެ ގައިޑްލައިނަށް އަމަލުކުރުމަށް ފާސްކުރެވުނެވެ.
އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ 4 މެމްބަރުންނާއި އެ ޕާޓީގެ ސެކްރެޓެރީޖެނެރަލްގެ ނާއިބުގެ އިތުރުން 28 ދާއިރާއެއްގެ ރައީސުން ބައިވެރިވި މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދެވެ.