އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ޒައާމަތުގައި އެމަނިކުފާނު ކުރައްވާފައިވާ ކަންކަން ބެލުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ރައީސް ނަޝީދު ހާޒިރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލެއްވުން ދެއްވައި، ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަންނަވާނޭ ކަމަށާއި، މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމަށް ވަޑައިގަންނަވާއިރު ރަށްރަށުން މާލެ އައުމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއެކު ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަކީ މުހިންމު ކަމެއް ކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރައްވަނީ ރައްޔިތުންނާ އެކު ހުރެވޭނޭ ގޮތެއް ހޯއްދެވުމަށް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ފަދައިން އެކިއެކި ސިޔާސީ ޕާޓީތަކުގެ ވެރިންގެ ބޭންކް އެކައުންޓް ރައްޔިތުންނަށް ދައްކަވަން އެބޭފުޅުން ތިއްބެވީ ތައްޔާރަށްތޯ އާއި، ދިގު 30އަހަރުގައި ޖަލުތަކުގައި ހިންގި ކަންތައްތަކާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެނގިވަޑައިގަންނަވަނީ ކިހާވަރަކަށްތޯ އާއި، ގާމާދޫ ޖަލުގައި ކުށްވެރިންގެ ގަޔަށް ބަޑިޖަހަން ވިދާޅުވިންތޯ އޮޅުންފިލުއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ހުރިހާ ބޭންކް އެކައުންޓެއްގެ ތަފްސީލް މައުލޫމާތަކާއި، ބޭރު ގައުމެއްގައި އެމަނިކުފާނުގެ އިތުރު ބޭންކް އެކައުންޓެއް ވޭތޯ ބަލައި ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބާރު އަޅައްވައިދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ބޭފުޅުންގެ ތެލުގެ ވިޔަފާރި ވެސް އަދި އެބޭފުޅުންގެ ރިސޯޓު ވިޔަފާރި ވެސް އަދި އެ ބޭފުޅުންގެ ހުރިހާ ބޮނަކުއާ ފުޅިއަކާއި ދެން ވެސް އެންހެން ހުރި ވީޑިއޯތަކާއި ފުލުސް އޮފީހުގައި ހުރި އެންމެ މައުލޫމާތު ވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ ކަމަށް އުއްމީދުކުރަން
ގައުމީ ސަލާމަތަށްޓަކައި ޢަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ އަށް ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރޭ އަލިއަޅުވާލެއްވިއެވެ. އަދި އެކަމާ ބެހޭ ގޮތުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ފުލުހުންނާއި ސިފައިން އަދި އާއްމު ފަރާތްތަކުން މި ދެންނެވި ގާޒީއާ ގުޅޭގޮތުން އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތުގެ ފުންމިނަށްޓަކައި، މި ދެންނެވި މައުލޫމާތުގެ ތަފްސީލު އަޅުގަނޑު މިހިރީ ރައްޔިތުންގެ މަޖިލީހަށް އެރުވުމަށް ތައްޔާރަށް،” ރައީސް ނަޝީދު ވިދާޅުވިއެވެ.