އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މުޤައްރިރަކަށް ޙާމިދު، ނައިބު މުޤައްރިރަކަށް އިންތި

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މުޤައްރިރަކަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް އެފެއަރޒް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު އަދި ނައިބު މުޤައްރިރަކަށް އެމްޑީޕީގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހަމަޖައްސައިފިއެވެ. މި 2 ބޭފުޅުން ވެސް މި މަގާމުތަކަށް ހޮވިވަޑައިގެންފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.

4 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިތުރު މެންބަރުންނަކީ ރައީސް ނަޝީދުގެ ކެބިނެޓްގެ ހެލްތް މިނިސްޓަރ ޑރ.އާމިނަތު ޖަމީލް އާއި، ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ކަނޑައެޅުމަށާއި، އެ ކޮމިޓީ ހިންގާނޭ ގޮތް ކަނޑައެޅުމަށް ބޭއްވި މި ބައްދަލުވުމުގައި އެ ކޮމިޓީގެ ކޯރަމަކީ 3 ކަމަށާއި، އެހެން ނަމަވެސް ނިންމުންތައް ނިންމުމުގައި ކޮމެޓީގައި ހިމެނިވަޑައި ގަންނަވާ 4 މެމްބަރުން ހިމަނައިގެން ނިންމުމަށާއި، މިގޮތުން ފޯން، ސްކައިޕް އަދި އީމްއިލް ފަދަ މުވާސަލާތްތައް މެދުވެރިކޮށް ކޮމެޓީގެ ނިންމުންތަކާއިމެދު ކޮމެޓީއަށް ހާޒިރުވެވަޑާއިނުގެންނެވުނު މެންބަރެއް ދެކެވަޑައިގަންނަވާގޮތް ކޮމެޓީއަށް ހޯދުމަށްފަހު ކޮމެޓީއިން ގޮތެއް ނިންމިދާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ޕާޓީގެ އެއްވެސް މެމްބަރަކާއި މެދު ފިޔަވަޅު އަޅާނަމަ، އެމެންބަރަކު ނިސްބަތްވާ ދާއިރާގެ މަޝްވަރާ ހޯދުމަށާއި، އެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން އެބައްދަލުވުމުގެ އެޖެންޑާއާއި ގުޅޭ ލިޔެކިޔުންތަކާއި، އަދި އެބައްދަލުވުމުގެ ކުރީ ދުވަހުގެ ޔައުމިއްޔާ ކޮމެޓީން މެމްބަރުންނަށް އީމެއިލް ކުރަންވާނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.