މިގައުމު މިވަނީ މިންޖުނުވާނެ އަނދަވަޅަކަށް ވައްޓާލާފައެވެ

ފުނަމާ

ސިންގަޕޫރަށްވުރެ ކުރީން މިނިވަންކަން ހޯދި ދިވެހިރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާލާއިރު މިގައުމުގެ އަހުލުވެރީން ލަދުގަންނާން ޖެހެއެވެ. ހިކިކަނޑުމަހާއި މިނޫންވެސް މަދު ބާވަތެއް ނަމަވެސް ޒަމާނުއްސުރެ ދިވެހީން ބޭރުގައުމުތަކަށް އެކްސްޕޯޓު ކުރިނަމަވެސް ސިންގަޕޫރުގެ އަހުލުވެރީންނަކީ އެމީހުން ބޯފެންފޮދު ވެސް އިމްޕޯޓު ކުރާންޖެހުނު ބައެކެވެ. ނަމަވެސް ގައުމުގެ ވެރީންގެ ހިތްވަރާއި ދުރުވިސްނުމުގެ ސަބަބުން މިއަދު ސިންގަޕޫރަކީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމެކެވެ. ފޮރިން އިންވެސްޓަރުންނަށް އިތުބާރުއޮތް ލާމަސީލު ނަމޫނާއެކެވެ.

މިގައުމުގެ ގިނަވެރީންނަކީ ހަމައެކަނި އަމިއްލަ ބޮނޑި ބޮޑުކުރުމަށް ވިސްނި ބައެއް ކަމުން މިއަދުވެސް ހަގީގަތުގައި މިގައުމު މިއޮތީ އެކާވީސް ވަނަ ގަރުނުގެ ތަރައްގީއާއި ބީރައްޓެހި ގޮތެއްގައެވެ. ވެރީން ދިނިއްޔާ މެނުވީ ތަނަވަސްކަމެއް އަމުދުން ނުލިބޭފަދަ ގޮތެއްގައި މިގައުމުގެ ރައްޔިތުން އުޅެމުން ގެންދާތާ އެތަކެއް ގަރުނުވަނީ ފާއިތުވެ ގޮސްފައެވެ. ދުލުގެ މިނިވަންކަމެއް ނަފުސުގެ އިތުބާރެއް އަމުދުން ނެތިއެވެ. ރައްޔިތުން އިންދާލުމަށް ، ވެރިމީހާ މަތިވެރިވުމަށް އަބަދުވެސް މިގައުމުގައި އިސްލާމްދީން އައްޑަނައެއް ކަމުގައި ބޭނުންކުރެވެމުން ގޮސްފައިވެއެވެ.

މިއަނިޔާވެރި ކަސްތޮޅުތަކުން މިގައުމާއި ރައްޔިތުން ސަލާމަތްވުމުގެ މަތިވެރި ނިޔަތުގައި މިގައުމަށް މަލްޓިޕާޓީ ސިސްޓަމެއް ތައާރަފުކޮށް އެންމެފުރަތަމަ ބަޔަކަށް ޝައްކުން ސަލާމަތްވި ރިޔާސީ އިންތިޚާބަށްފަހު މިގައުމުގެ ވެރިކަމަށް އަހަރެމެން ރައްޔިތުން ވެރިކުޅައީ މިދައުރުގެ އިންތިޚާބީ އަދި ގާނޫނީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ޒަމާނީ ތަރައްގީއާއި ދުނިޔޭގެ ސަފުގައި ދިވެހީންގެ ފައިތިލަތައް ސާބިތު ކޮއްލުމުގެ މަތިވެރި ނިޔަތުގައެވެ. ވޯޓުފޮށީގައި ބަނޑުއަޅައި ވޯޓުއޮޅުވާލައި ރައްޔިތުން ގުނބޯ ނެއްޓުވި ވެރިކަމުގެ އެތަކެއް ދައުރަށް ފަހުގައެވެ.

ރައީސް ނަޝީދުގެ ވެރިކަމަށް ބަލާލާއިރު ވެރިކަން ފެށިގެން އައީ މުޅިދުނިޔެއަށް އިގްތިސާދީ ބޮޑު ހައިޖާނުގަނޑެއް ކުރިމަތިވެފައިވާ ދުވަސް ވަރެއްގައެވެ. އެހީދޭ ގައުމުތަކުގެ ސުންބުލިތަކަށް ވެސް ބާރުބޮޑުވެފައިވާ ދުވަސްވަރެއްގައެވެ. އެއާއެކު ރާއްޖޭގެ ފަސްގަނޑުގައި ހަމައެކަނި ހިންދަމާލައިގެން ތިބި މަދުމީސްކޮޅަކީ ކުރީގެ ވެރިކަމުގައި ” ރަންއިލޮށިން ކަދުރުކައި އުޅުނު ” މީހުންނެވެ. އެމީހުންގެ އާރާއި ބާރު ވަނީ މުޅި ގައުމުގެ މައްޗަށް ހިންގޭނެހާ ގޮތަކަށް ބައްޓަން ކޮށްފައެވެ. ﷲގެ ރަހްމަތް ފުޅުން ވެރިކަން ބަދަލުވެގެން ދިޔަކަމާމެދުވެސް ޝުކުރު ކުރާހައި ވެއެވެ. އެދުވަހު ވެރިކަން ބަދަލުވެދާނެ ކަމުގައި ހީކޮށް އުޅުނީ އަހަރެމެން ކަހަލަ އޭރުގެ ނަމުންނަމަ މޮޔައިންނެވެ. ” ދިވެހި ރައްޔިތުން ބަދަލަކަށް ބޭނުމެއް ނުވެޔޭ ، ތިމަންނޫން މީހަކު ވެރިކަމުގައި ހުރުމަކަށް ނޭދެޔޭ ” އޭރުގެ ވެރިމީހާ އަނގަފޭކޮށް ގޮވަމުން ދިވެހިން ޅޮސްއުނދޯއްޔަށް އަރުވައިގެން ޖައްވާ ހަމަޔަށް އުހަށް އެރުވިދާނެ ކަމުގެ ހުވަފެން ދެއްކިވެސް މެއެވެ. ނަމަވެސް ތަދުބީރުގެ ކުރިމަތީގައި ތަގުދީރު އަބަދުވެސް ހުންނަނީ ހީލަ، ހީލައޭ ބުނެވޭ ބީދައިން އެއަނިޔާވެރީންގެ ތަދުބީރުތަކާ މަކަރުވެރި ރޭވުންތައް ބޮއްސުންލައި ގައުމު ބަދަލަކާ ކުރިމަތިލީއެވެ.

ފެނިދިޔަ ހުރިހައި މަންޒަރެއް މިއަދު ދިރިމިތިބަހާ ދިވެހި ރައްޔިތުންނަށް ފެނިފައިވާ ފަދައިން އެއަނިޔާވެރީން އެންމެ ފުރަތަމަ ދުވަހުއްސުރެ ބަލިގަބޫލު ނުކޮށް ނުކުމެ އެންމެފަހުން މިގައުމުގެ ވެރިކަން ބަޣާވާތަކުން މިއަދު މިވަނީ ފޭރިގަނެފައެވެ. ތިމަންނާ މެންނަކީ ﷲގެ މިންވަރުފުޅުން މިގައުމަށް ވެރިކުރެއްވި ބައެއް ކަމުގައި ބުނެ އަޑުއުފުލާއިރު ޣައިރު ގާނޫނީ ގޮތުން ، ނުވަތަ އިންސާފުން އެއްކިބާވެ ކަމެއް ކޮށްފައި އެކަމަކީ ﷲގެ މިންވަރުފުޅުން ނިންމެވި ނިންމެވުމެއް ކަމުގައި ބުނުމުގެ ޙައްގެއް އެކަން އެކުރި މީހުންނަކަށް ނޯންނާނެކަން އެނގެން ވާނެތާއެވެ. ވަގަކު މީހެއްގެ މުދާތަކެއް ލޫޓުވާލާފައި މިއީ ﷲ ތިމަންނާއަށް ދެއްވި ނިޢުމަތެކޭ ބުނީމައި އެކަން ގަބޫލުކުރާން ޖެހޭނެ ހެއްޔެވެ؟ ބަޣާވާތަކުން ފޭރިގަނެވުނު ވެރިކަމަކީ ޙައްގުގޮތުގައި ހޯދުނު އެއްޗެއް ކަމުގައި ނިންމޭނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ހެޔޮބަދަލާ އެކުއެކުހެން މިގައުމަށް ނުހަނުއަވަހަށް ގެންނާން ފެށުނު ކުރިއެރުންތައް ދިރިތިބި ލޯތަކަށް އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދު އެވަނީ ދަށްކުވައި ދެއްވާފައެވެ. ބޭރުދުނިޔެއާއި ރާއްޖޭގެ ގުޅުންތައް އިންތިހާއަށް ބަދަހިވެގެން ދިޔައެވެ. ގައުމުގައި ބޭރުގެ އިންވެސްޓަރުންނަށް އިތުރު ފުރުސަތުތައް ހުޅުވާލަދީ އިތުބާރު އުފެއްދެވިއެވެ. މުޅިރާއްޖެއަށް އަމާޒުކޮށް ތަރައްގީގެ ހަލުއި މަޝްރޫޢުތައް ހިންގަވާން ފެއްޓެވިއެވެ. މިއިން ކޮންމެ ކަމެއް ކުރާން ޖެހިވަޑައިގަތީ އިންތިހާ އުނދަގުލާއި އިދިކޮޅު ފަރާތްތަކުން ކުރިމަތިކުޅަ ގޮންޖެހުންތަކާއި ވަރުގަދައަށް ހަނގުރާމަ ކުރަށްވަމުންނެވެ. ވެރިކަމަށްވުރެ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނަވައިގެން ކުރިއަށް ވަޑައިގެންނެވުމުން އޭގެ ފައިދާ ހޯދައިގެން އިދިކޮޅު ފަރާތްތަކުން ނުކުމެ ވެރިކަން ވަށްޓާލީއެވެ. މީގެކުރީގެ ހުރިހައި ވެރީންވެސް ކަންކުރިގޮތަކީ، ރައްޔިތުންނާއި ގައުމުގެ ލާބައާއި، މަންފާއަށް ނުވިސްނައި ހަމައެކަނި ވެރިކަން ދިފާއު ކުރުމެވެ. އެހެންކަމުން ވެރިކަމާ ކުޅެނުލެވޭނެ ހުރިހައި ގޮތެއް އޮންނަނީ ހަދާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވިސްނެވުން ހަމައެކަނި ހުރީ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އެކަންޏެވެ. އެހެންނޫންނަމަ މިއަދު ބާޣީންނަށް ފަތަރާސީވާކަށް މިގައުމުގެ ވެރިކަމެއްގައި ނުތިބެވުނީހެވެ.

ވެރިކަން ފޭރިގަތުމަށްފަހު ތިމަންނާމެންނަށްވެސް ވެރިކަމެއް ކުރެވިދާނެ ކަމުގައި ހިތައި ތެޅިފޮޅިގަތް ގަތީނުން މުޅިގައުމު މިއަދު މިވަނީ އިގްތިސާދީގޮތުން އިނދަޖެހިފައެވެ. ވާނީވެސް އެހެންނެވެ. ތިމާމެން މިތިބީ ޙައްގު ގޮތުގައި ނޫންކަން އެނގޭއިރު އަބަދުވެސް ތިބެވޭނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އެހެން ހުރިހައި ކަމަކަށްވުރެ ވިސްނޭނީ ތިމަންނާމެންގެ އަމިއްލަ މަސްލަޙަތާއި ރައްކާތެރި ކަމަށެވެ. އެގޮތުން ކުރާންޖެހުނު ޚަރަދުތަކާއި ބަޣާވާތް ގެނައުމަށް އެއްބާރުލީ އެންމެންނަށް ގޮތެއް ފޮތެއްނެތި ޚަރަދުކޮށް ގަތްގަތީނުން ގައުމުގެ ރައުސުލްމާލް ހަފުސް ވެއްޖެއެވެ. ބަލަބަލައި ތިއްބައި އެންމެ ހަތަރު މަހެއްހައި ދުވަހުގެ ތެރޭގައި ނޭޝަނަލް ރިޒާވް ހަތްސަތޭކަ މިލިޔަނުން ދެތިން ސަތޭކަ މިލިޔަނަށް ތިރިވެ ކަތުރުފަނި އަޅައިފިއެވެ. ގައުމު ހިންގުމަށްޓަކައި ބޭންކުތަކުން ކޮމާޝަލް ލޯންތައް ނަގަންޖެހި އަވަދި ވެއްޖެއެވެ. ވެރިކަމުގެ އާރާއި ބާރު ޖަހައިގަނެގެން އެތިބަ މީހުންގެ ތެރޭގައި ލީޑަރޝިޕެއް އަމުދުން ނެތެވެ. ބޮޑީ ކާކު ކަމެއް ނޭނގެއެވެ. އެމީހަކާ އެމީހެއް ކައި ނަގަނީއެވެ. ދަމާ ލޫޓުވަނީއެވެ. މާދަމާ ތިމާމެންގެ އަޖަލު އެނގޭތީވެ އަވަހަށް ބޭރުގެ ނަންހިނގާ ގައުމުތަކުން ބިންތައްގަނެ ހަށިރަށްކާ ކުރެވޭނެ މަގު ހޯދަނީއެވެ. ކުރީން ވަގަށް ގެންގުޅުނު އަނބިގޮއްޔެ ދޮށީއަނބީގެ ހުއްދަނެތި ކައިވެނީގެ މަގަށް ނުގެނެވުމުން އަވަސް އަވަހަށް ރާއްޖެއިން ބޭރަށްގޮސް ކައިވެނިކޮށް ރާއްޖެއައިސް ނުގަޑީގައި ކޯޓު ހުޅުވައިގެން ނާޖާއިޒު ފައިދާ ނަގަނީއެވެ. މިއީ އެވެރީންގެ ހާލުހުރިގޮތެވެ. ފަތިފުށް އޮތްގޮތެވެ. ވަދެތިބެ އަޅުކަން ކުރާކަށް ސޮލީބެއް އަލިފާނެއް މިއަދަކު އެމީހުންނަކަށް ތަފާތެއް ނެތެވެ. ގައުމުގެ ވެރިޔަކީ ތިމަންނާއޭ ބުނާމީހާ ސޮލީބީންނާއި އެކުގައި އަޅުކަންކުރާކަށްވެސް ބިރެއް ސިހުމެއް ، ލަދެއް އަގަލެއް ނެތެވެ.

އާޚިރުގައި މިގައުމަށް ކުރިމަތިވާނެ އެންމެހައި ނިކަމެތިކަން މިއަދު މިވަނީ ކުރިމަތި ވެފައެވެ. އިގްތިސާދީ ގޮތުން މިގައުމު ދެންދުވަހަކުވެސް ނުނެގޭފަދަ އަޑިގަނޑަކަށް މިވަނީ ވެއްޓިފައެވެ. ބޭރުގެ އެހީތައް އެދަނީ ހުއްޓެމުންނެވެ. ސަލާމާ ހިނގާއިރުވެސް އަޅާލާނެ ބަޔަކު ނެތެވެ. އިންސާނީ ޙައްގުތައް އޮޔާލައިފިއެވެ. މުޅިދުނިޔެ އެގޮވަނީ މިހެންނެވެ. ބައިނަލް އަގުވާމީ ޖަމާއަތްތަކުގެ ނަފުރަތާއި އިންޒާރުތަކާ ދުވަހުން ދުވަހަށް ކުރިމަތިލާންޖެހޭ މިންވަރު އިތުރު ވެއްޖެއެވެ. މާލީ އިދާރާތަކުން އިތުބާރު ކަނޑާލައިފިއެވެ. ރައްޔިތުންނަށް ލިބެމުންދިޔަ ކުރިއެރުންތައް ހުއްޓި ގައުމުގެ ތަރައްގީ އެތަކެއް އަހަރަށް އަނެއްކާވެސް ފަހަތަށް ސޮއްސާލީއެވެ. ދާޚިލީ ހަމަނުޖެހުމަށް ރާއްޖެ ވެއްޓި ސޯމާލިޔާފަދަ ގައުމުތަކުގެ ލިސްޓާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. އާނއެކެވެ. ބާޣީންގެ ބަޚީލުކަމާ ހިޔަޅުކަމާ ، ދޯދިޔާ ކަމުގެ ސަބަބުން މިގައުމު މިއަދުމިވަނީ މިންޖުނުވާނެ އަނދަވަޅަކަށް ވަށްޓާލާފައެވެ.