ރާއްޖެޓީވީ އަށް ބަޣާވާތުގެ ސަރުކާރުން ހުރަސްއަޅާތީ އެކަން ކުށްވެރިކޮށް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް

ރާއްޖެޓީވީ އަށް ބަޣާވާތުގެ ސަރުކާރުން ހުރަސްއަޅާތީ އެކަން ކުށްވެރިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައި ނުގަނެ، އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

ޚަބަރާ މަޢުލޫމާތު ގެ ގޮތުގައި މަންޒަރާއި އަޑު ރައްޔިތުންނަށް ފޯރުކޮއްދިނުން ހުއްޓުވަން ބާޣީ ސަރުކާރުން ކުރާ މަސައްކަތް ކުއްވެރި ކޮށް، އެއަމަލުތައް ވަގުތުން ހުއްޓާލުމަށް އެދިވަޑައިގެން ބޮންޑަ ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމި އިރު، މި މައްސަލައިގައި ދިވެހި ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ ރާއްޖެ ޓީވީގެ ސިގްނަލް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުން ހުއްޓުވުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ވަގުތުން ހުއްޓާލައި، އެމުއައްސަސާގެ ޢަމަލުތަކުގައި ފޮރުވިފައިވާ އެއްވެސް ނާޖާއިޒު ނިޔަތެއް ނެތްކަން ހުރިހާ ދިވެހިރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް އެފަރާތަށް އަންގާ ގޮވާލައްވާފައި ވެއެވެ.

ރާއްޖެ ޓީވީ އަކީ ވަތަނިއްޔާ މެދުވެރިކޮށް މީގެ ކުރިންވެސް މުޅިރާއްޖެ އަށް ސިގްނަލް ފޯރުކޮއްދީފައިވާ، އެކަމުގެ ތަޖުރިބާ ލިބިފައިވާ އަދި އެޓީވީގެ ޚިދުމަތަށް އަތޮޅުތަކުގައި ތިބި ރައްޔިތުންގެ މަގުބޫލުކަން ލިބިފައިވާ ޗެނަލަކަށްވާއިރު ވަތަނިއްޔާ މެދުވެރިކޮށް ފޮނުވަމުން ދިޔަ ސިގްނަލަށް ތަފާތު ހުރަސްތަކާއި ހުއްޓުންތައް ތަކުރާރުކޮށް ކުރިމަތިކުރުވަމުން ދިއުމުން އެޗެނަލްގެ ސިގްނަލް އެފަރާތުން ސެޓެލައިޓަށް ފޮނުވުމަށް އެދި ހުށައެޅި ހުށައެޅުމަށް ހަފްތާތަކެއް ވުމަށް ފަހު އެލައިސަންސް ނުދީ ލަސްވަނީ ކުރިން އިޢުލާން ކުރުމަކާ ނުލައި ސިޔާސަތަށް ބަދަލެއް ގެންނަން ބޭނުންވާތީ ކަމަށް ދިފައިވާ ޖަވާބުގައި ފޮރުވިފައިވާ ކަންތައް ތަކެއް ނެތް ކަން ހާމަކޮށްދިނުމަށާއި، އެހެން ޓީވީ ޗެނަލްތަކާ އެއްފަދައިން ރާއްޖެ ޓީވީ އަށް ވެސް އެލައިސަންސް މިހާރުން މިހާރަށް ލިބިދޭން ޖެހޭކަން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގެ ޢަމަލުތަކުން ރައްޔިތުންނަށް ސާބިތުކޮއްދިނުމަށް މި ކުއްލި މައްސަލައިގައި ގޮވާލައްވާފައިވެ އެވެ.

މީގެ އިތުރުން ވެސް ބަޣާވާތަކުން ވެރިކަމުގެ ބާރުތަކާ ޙަވާލުވެ ތިބި ފަރާތްތަކުން ޓޭމް ގެ މަސައްކަތަށް ނުފޫޒު ނުފޯރުވުމަށާއި، ރާއްޖެޓީވީ އާއި އެއްވެސް ނޫސްވެރިއަކަށް ބަހުން ނުވަތަ ޢަމަލުން ވިޔަސް ހަމަލާ ދިނުން ހުއްޓާލުމަށް މި ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ. އަދި، ރާއްޖޭގައި ހިނގަމުން މިދާ މިފަދަ ކަންކަން ވީހާގާތުން ބަލައި، މިހައްގުތަކަށް ހުރަސްއަޅާ ފަރާތްތަކުގެ އަމަލުތަކާ މެދު ސަމާލުވެ ތިބުމަށް ދިވެހިރައްޔިތުންނަށާއި، ރައްޔިތުންގެ މަޖިލީހަށް މި ކުއްލި މައްސަލައިގައި ގޮވާލައްވާފައިވެ އެވެ.