ރާއްޖެޓީވީ ބްރޯޑްކާސްޓްކުރުމަށް ބަޣާވާތުގެ ސަރުކާރުން ހުރަސްއަޅަމުން ދާތީ އެކަން ކުށްވެރިކުރުން

MDP-2012-PR-ނަންބަރު: 57
ތާރީޚް: 1 ޖުލައި 2012 (އާދީއްތަ)

ރާއްޖެޓީވީ ބްރޯޑްކާސްޓްކުރުމަށް ބަޣާވާތުގެ ސަރުކާރުން ހުރަސްއަޅަމުން ދާތީ އެކަން ކުށްވެރިކުރުން

މިނިވަން މީޑިއާ އަކީ ޑިމޮކްރެޓިކް ވެއްޓަކަށް އެހާމެ މުހިންމު އަދި ޑިމޮކްރަސީގެ 4 ވަނަ ބާރު ކަމަށްވާ އިރު، އަދި ޤާނޫނު އަސާސީން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީ ހިނދު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން، ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވާ، ރާއްޖެޓީވީ ފަދަ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޚަބަރު ފަތުރާ ވަސީލަތަކުން ޚަބަރުފެތުރުމަށް ބަޣާވާތުގެ ސަރުކާރުން ހުރަސްއަޅަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން ގެންދަނީ އަތޮޅުތަކުގައި ކަމަށްވެފައި، މީގެ ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކަށް ރާއްޖެޓީވީން ދެމުން ގެންދިޔަ ޚިދުމަތް ނުދެވި އެތައް މަހެއް ފާއިތުވެ ގޮސްފައި މިވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އަތޮޅުތަކަށް ރާއްޖެޓީވީ ދޫކުރުމަށް ދޭންޖެހޭ ހުއްދަ ނުދިނުމުގެ ސަބަބުން ކަމަށް ވާތީ އާއި، ރާއްޖޭގައި ދެން ހިންގަމުން ގެންދާ އެހެން ޓީވީ ޗެނަލްތަކާ ތަފާތުކޮށް ރާއްޖެ ޓީވީއާ މެދު އަމަލުކުރަމުން ދާތީ، މި ކަމަކީ ރާއްޖެ ޓީވީން ރައްޔިތުންނަށް ބޭނުންވާ ޚަބަރުތައް ވަގުތުން ވަގުތަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އާންމުކޮށް ފޯރުކޮށްދެމުން ގެންދިޔަ ގެންދިއުމަށް ގަސްދުގައި ހުރަސްއެޅުމަށް ބަޣާވާތުގެ ސަރުކާރުން ހިންގާ ބޭ އިންސާފު، ފިނޑި އަމަލެއް ކަމަށް މި ޕާޓީން ދެކެމެވެ.

ރާއްޖޭގެ އެންމެހާ ރައްޔިތުން ދިރިއުޅޭ، ރާއްޖޭގެ އެންމެހާ ސަރަހައްދުތަކަށް ރާއްޖެޓީވީގެ ޚަބަރުތައް ވާސިލްކުރުމުގެ ފުރުސަތު ފަހިވެފައި އޮންނަންޖެހޭނެ ކަމަށް ވާތީ، ރާއްޖެޓީވީން އާންމުކޮށް ޚަބަރުފަތުރަމުން ގެންދާ ގެންދިއުމަށް ބަޣާވާތުގެ ސަރުކާރުން ހުރަސްއަޅަމުން ގެންދާ ގެންދިއުން ވަގުތުން ހުއްޓާލައި، އެހެން ޓީވީ ޗެނަލްތަކެކޭ ވެސް އެއްފަދައިން ރާއްޖެޓީވީއަށް ވެސް އެ ފުރުސަތު މިހިނދުން މިހިނަދަށް ފަހިކޮށްދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށާއި، ބަޣާވާތުގެ ސަރުކާރުގެ ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.


ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ
ސްޕޯކްސްޕާސަން
7777852