އެވެރިން ކުރި ހުރިހާ ކަމެއް ބޭކާރުވެދަނީ!

ފުނަމާ

އެމްޑީޕީގެ ވެރިކަންފެށި ރައްޔިތުންނަށް ތާހިރު ދިރިއުޅުމަކާއި، ހެޔޮވެރިކަމެއްގެ ލާބައާއި މަންފާ ލިބެންފެށި ހިސާބުން ފެށިގެންވެސް އޭގެ ކުރީން ވެރިކަމުގައި ތިބެގެން އެކިއިރު އެކިގޮތަށް ދިވެހިރައްޔިތުންގެ ލޭބޮއެ، މަސްކައި ހަދަމުން ގެންގޮސްފައިވާ މީހުންތަކެއް ތަންތަނަށް އަރައި ރައްޔިތުން ގާނޫނީ ގޮތުން އިންތިޚާބު ކޮށްފައިވާ ރައީސުލް ޖުމްހޫރިއްޔާ އަށާއި އެމްޑީޕީއަށް ތަފާތު ގޮތްގޮތަށް އާޑަފުރައްސާރަ ކުރުމުގައި ދެމިތިއްބެވެ.

އަބަދުވެސް ސަރުކާރުން ރައްޔިތުންނަށް ޓަކައި ދޭންބޭނުންވާ ޚިދުމަތްތަކަކީ ޚިޔާލީ ހުވަފެނެއް ކަމުގައި ދޭހަކޮށްދޭން މަސައްކަތް ކުރިވެސް މެއެވެ. ނަމަވެސް އެމީހުންގެ އެފުލޯކު ދޮގުވާހަކަތައް ފެންނުހިފައި ރައްޔިތުންނަށް ސަރުކާރުން އޭގެކުރީން ދުވަހަކުވެސް ހީކުރެވިފައިނުވާ ކިތަންމެ، ކިތަންމެ ޚިދުމަތްތަކެއް ދޭންފެށުމުން އެވެރީންގެދޫތައް ލަދުން ބަންދުވުމުގެ ބަދަލުގައި، ހިތުގައިވާ ގިންޏާއި، ނަފުރަތު ބޭރުކުރާން ފެށިއެވެ. ސީދާކޮށް ސަރުކާރު ދެމިއޮތަ ނުދޭނޭ ކަމުގައި ގޮވަމުން ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދިޔަ ހުރިހައި ޚިދުމަތެއް ދިނުން ހުއްޓުވާލުމަށް ތަފާތު މަސައްކަތްތަކެއް ކެނޑިނޭޅި ކުރަމުން ގެންދިޔައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ފާޑުފާޑުގެ ބިލްތައް ފާސްކުރުވުމާ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ނަމުގައި ސަރުކާރަށް ހުރަސްތައް ކުރިމަތި ކުރުވިއެވެ. މީގެއިތުރުން އެކިއެކި ނަންނަމުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ހައްލައިގެން މަގުތަކަށް ނެރުވައި ތަފާތު މުޒާހަރާތައް ކުރަމުން ، ހަމަނުޖެހުންތައް ގެންދިޔައީ ހިންގަމުންނެވެ.

އެއިރު އިދިކޮޅު ފަރާތްތަކުން އާންމުގޮތެއްގައި އަބަދުވެސް ދަށްކަމުން ގެންދިޔަ އެއްވާހަކައަކީ ގާނޫނީ ގޮތުން އިންތިޚާބު ކުރެވިފައިވާ ރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނު ހިމެނިވަޑައި ގަންނަވާ ޕާޓީގެ އެންމެންހެން ހިފައި ހައްޔަރުކޮށް ދިގުމުއްދަތަކަށް ޖަލުގައި ބަންދުކުރާނެ ވާހަކައެވެ. މީގެއިތުރުން އެމްޑީޕީގެ އެންމެހައި މެންބަރުންނަކީ ލާދީނީ ބައެއްގެ އިތުރުން ރީނދޫހުން ޖެހިފައިވާ ބައެއް ކަމުގައިވެސް ފާޅުގައި ދިޔައީ ގޮވަމުންނެވެ. ސުލްހަވެރި އެއްވުން ތަކުގެ ނަމުގައި އާންމުންނާއި ގެދޮރާއި މުދަލުގެ އިތުރުން، ދައުލަތުގެ މުދަލަށާއި އިމާރާތްތަކަށްވެސް ގެންދިޔައީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.

ޑިމޮކްރަސީގެ ޅަފަތުގައި މުޅިމި ނިޒާމް ހަލާކުކޮށްލުމުގެ ބޭނުމުގައި މުޅިގައުމު ހަލަބޮލި ކޮށްލައި ރައްޔިތުންނަށް މަލްޓިޕާޓީ ސިސްޓަމަކީ ބިރުވެރި ކަމެއްގެ ގޮތުގައި ދެއްކުމަށް އެފަރާތްތަކުން ކުރަމުން ގެންދިޔަ މަސައްކަތްތައް ކާމިޔާބު ވިޔަ ނުދިނުމުގެ ވިސްނުމުގައި އެމްޑީޕީ ސަރުކާރުން ގެންގުޅުނީ ކެތްތެރިކަމާއެކު އެކަންކަމާ ކުރިމަތިލައި ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޭގެ ދާއިރާ ހަނިނުކޮށް ކުރިޔަށް ދިޔުމުގެ ސިޔާސަތެކެވެ. އެއްވުންތައް ރޫޅާލާން ޖެހިއްޖެ ހިނދެއްގައިވެސް ވީއެންމެ ކުޑަ ގޮތަކަށް ބާރުގެ ބޭނުން ކުރުމާ ވާހަކަ ދަށްކައިގެން ކަންކަން ނިންމުމުގެ ސިޔާސަތެކެވެ.

މިގައުމު މިއަދު ގޮސްފައިވާ ހާލަތުން ރައްޔިތުންގެ ތެރެއިން މަދުބަޔަކު ނުކުމެ މަގުމަތީން ސަރުކާރު ވަށްޓާލުމަކީ އެއްގޮތަކަށްވެސް ނުކުރެވޭނެ ކަމެއްކަން އެންމެ ރައްޔިތުންވެސް ގަބޫލުކުރާނެއެވެ. އެއްވެސް އިރެއްގައި މިގައުމުގެ ސިފައިންނާޢި ފުލުހުން ވެރިކަމާ އިދިކޮޅަށް ނުކުމެ ބަޣާވާތެއް ގެނެސް ވެރިކަން ބަދަލު ކޮށްލަފާނެ ކަމުގައި ދިވެހި އެއްވެސް ރައްޔިތަކު ނުވިސްނާނެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެމީހުންނަށް އެސަރުކާރުން ދީފައިވާ ދޫދިނުންތަކުގެ ބޭނުން ކުރުމުގައި ހައްދު ފަހަނަ އަޅައިގޮސް ފުލުހުންނާޢި ސިފައިން ނެރެގެން މިގައުމުގެ ވެރިކަން މިވަނީ ބަޣާވާތަކުން ފޭރިގަނެފައެވެ. މިކަމާ ކުޑަވެސް ޝައްކެއް ހިނގާ މީހަކު ހުރިނަމަ ވެރިކަން ބަދަލުވެގެން ދިޔައިރު ކަންހިނގައި ދިޔަގޮތް ބަލާލުން މުހިންމެވެ. މިއަދުވެސް އެކަންކަން ހިންގަމުން ގެންދިޔައިރު ނަގާފައިވާ ފޮޓޯތަކާއި ، ވީޑިޔޯތައް އެހެރީ ފެންނާށެވެ. ކުރިމަތީން އެހާދިސާ ތަމްސީލްވެލަ ވެލައެވެ.

ޓެރަރިސްޓުންނާއި ގުޅިގެން އުޅޭ ކަމުގައި ގިނަބަޔަކު މިއަދުވެސް ޝައްކު ކުރަމުން ގެންދާ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ބަޔަކާއި އިދިކޮޅު ހުރިހައި ފަރާތްތަކެއް އެކުއެކުގައި ގުޅިގެން ނުކުމެ ގެންދިޔައީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި މުޅިގައުމު އެފުށް މިފުށަށް ޖަހަމުންނެވެ. އެންމެ ފަހުން މިއަދު މިއޮތީ އެމީހުންގެ ރޭވުންތައް ކާމިޔާބުކޮށް މިގައުމުގެ މައްޗަށް ވެރިވެގަނެފައެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއްގެ ތެރެއިން ލިބެމުންދިޔަ މަންފާއާއި ފައިދާ މުޅީން ހުއްޓުވާލައި މުޅިގައުމުގެ ރިޒާވްއަށް ދާންދެން ލޫޓުވައި ތަޅާ ހުސްކުރަމުން އެތިބަގެން ގެންދަނީ ލަދެއް ހަޔާތެއްވެސް ނެތިއެވެ. މިއަދު ވެރިކަމަށް އަރައި ގަދަބާރު ދަށްކައިގެން އެތިބަމީހުން އިއްޔެދުވަހު ގަތްހާ ހުތުރު ގަނޑުތަކާއި ޖެހިހައި ލަދުހުތުރު ކުޅިތައް އެހެރީ ފެންނާށެވެ. ގާނޫނީ ސަރުކާރު ކޮންމެ ގޮތަކުންވެސް ވަށްޓާލައި ރައްޔިތުންގެ ޙައްގުތައް ފޭރިގަނެ ލޫޓުވާލާނެ ކަމުގައި މަށްދިވެހި ބަހުން ގޮވަމުން ގެންދިޔަ އަޑުތައް މިއަދުވެސް އަހަރެމެންގެ ކަންފަތުގައި އެބަހުއްޓެވެ. އެދުވަހު އެވެރީންނަކީވެސް މިގައުމުގެ ބައެއްކަން ދަނެގެން އަހަރެމެންގެ ސަރުކާރުން އެވެރީންނާއި ދޭތެރޭވެސް އިޚުލާސްތެރި ވުމުގެ ނާޖާއިޒު ފައިދާ ނަގައިގެން މިއަަދު އެތިބީ ވެރިކަމަށް އަރައެވެ. ފޭރިގަނެގެންނެވެ. ބަޣާވާތް ކޮށްގެންނެވެ.

ވެރިކަމަށް އެރުމަށް ފަހުވެސް ތަކުރާރުކޮށް އެވެރީންގެ ދުލުން އިވެނީ ހަމައެއް އަޑުތަކެކެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ހިފައި ހައްޔަރުކޮށް ދިގުމުއްދަތައް ޖަލަށް ލާނެ ވާހަކައެވެ. މިކަަމުގައި އެންމެ ކެހެނި އަޅައިގެން އުޅޭ އެކަކީ ބޮނޑިބަތް ތަކުރުގެ ނަމުން މަޝްހޫރުވެފައިވާ ބުއްރާސް ކުކުޅެއްގެ ޚަސީލަތް ގެންގުޅޭ ބާޣީ ވަޒީރެވެ. މީނާގެ ބަސްމަގާ މުޅީން އެއްގޮތް ނުވިނަމަވެސް ބާޣީންގެ ސަފުގައި އެއުޅޭ އެންމެންގެވެސް ގޮވެލިފަތި އެހެރީ މިހެންނެވެ. އެކަމަކު އަދިއަދާ ޖެހެންދެންވެސް އެމީހުންނަށް ގާނޫނީ އިމުގެ ތެރެއިން މިއިން މީހަކަށް އެއްކަމެއްވެސް ނުކުރެވެއެވެ. ކޮންމެވެސް ދޮގު ބުހުތާނެއް ހަދައިގެން ގަނޑެއް ގަނެވޭތޯ ނޫޅޭ ހަމައެންމެ ދުވަހެއްވެސް ނުދެއެވެ. އެކަމަކު އަދިއަކު ކާމިޔާބެއް ނުލިބެއެވެ.

ދުނިޔޭގެ ކޮންމެވެސް ގައުމަކަށް ގޮސްފައި އާދެވޭ ކޮންމެފަހަރަކު ބާޣީ ރައީސްގެ ވާހަކަގަނޑު ހުންނަނީ އެއްމޭރުމެއްގައެވެ. ދުނިޔޭގެ ހުރިހައި ވެރީންނާއި ބައިނަލް އަގުވާމީ ހުރިހައި ޖަމާއަތް ތަކަކުންވެސް މިސަރުކާރު ވަރުގެ ފުރިހަމަ ސަރުކާރެއް ނެތިގެން މަރުހަބާ ކިޔާވާހަކައަކީ އެކަލޭގެ ދުލުގައި ރެކޯޑު ކޮށްގެން އުޅޭ ވާހަކައެކެވެ. ނަމަވެސް އަހަރެމެންގެ ކަންފަތްތަކަށް މިއިވެނީ ދުނިޔޭގެ ކޮންމެ ދިމާލަކުންވެސް މިކަލޭގެއަށް ހަޖޫޖަހަމުން ގެންދާ އަޑެވެ. ބާޣީ ސަރުކާރަށް އެއްބާރުލުން ނުދިނުމަށް ގަރާރު އެކަށައެޅޭ އަޑުތަކެވެ. އަދި އެހެންމެ ދިވެހި ރާއްޖޭގެ ރިޔާސީ މިދައުރުގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ބައިނަލް އަގުވާމީ ޖަމާއަތްތަކުން ނަންމަޝްހޫރު އެވޯޑުތައް އެދަނީ ދެމުންނެވެ. އެމެރިކާގެ ސެނެޓުގައާއި ދުނިޔޭގެ ނަންމަޝްހޫރު ޓީވީ ޗެނަލްތަކުގައި އެމަނިކުފާނުންގެ އަޑުފުޅު އެދަނީ ގުގުމަމުންނެވެ. ތާރީފާއި ހިތްވަރުގެ ބަސްތައް އެދަނީ އެމަނިކުފާނަށް އަބަދުވެސް އޮހެމުންނެވެ.

ތިމާމެން ހޭވިހަޑި ކުނިވެ ފުޅައަޅައި ބަޣާވާތަކުން މިގައުމުގެ ވެރިކަން ފޭރިގަނެގެން އަމިއްލައަށް ބުނިގޮތެއް ހަދާނެހެން ހީވާ ދެތިން މީހަކު ލައިގެން ހެދި އިންކުއަރީ ކޮމިޝަން ދުނިޔެ ގަބޫލުނުކުރުމުން ދުނިޔޭގެ ޗާޓުން މިގައުމުގެ ނަންފުހެލަންވެސް މިވެރީން ތެޅިގަތްއިރު ހީވީ މިއީ މުޅިދުނިޔޭގެ މައްޗަށް ހުކުމް ކުރެވޭވަރުގެ އުރަތްޕަކައިގެން ފުންމައިގަތް ބައެއް ހެންނެވެ. ނަމަވެސް އެންމެފަހުން އެޅުނު ޅައެތި އަމިއްލައަށް ވިސްނި ދެންހަދާނެ ގޮތެއް ނޭނގުމުން މިއަދު އެއުޅެނީ މާސޯލިހު ބައެއް ކަމުގައި ދެއްކޭން ވެގެންނެވެ. އެކަމަކު ހަތްފެނުި ކަށްކައި ރާހުތުގައި ބޭއްވުމަށްފަހު ސަންފާ އޮނަކަށް ލިޔަސް ” ބަޅެއްގެ ނަގުލެއް ” ތެދެއް ނުވާނެތާއެވެ. ބާޣީންވާނީ ބާޣީންނަށެވެ. އަނިޔާވެރީން ނަކީވެސް ބަޔަކަށް ހަމައެކަނި ވަނަމަކަށް ކިޔާއެއްޗެއް ނޫންކަމުން މިއަދުވެސް މިބާޣީންގެ ދުލުގައި އަބަދުވެސް ލިއުއްވާފައި އޮންނަ އެއް ވާހަކައަކީ ރައީސް ނަޝީދާއި އެމްޑީޕީގެ އެންމެން ހިފައި ހައްޔަރުކޮށް ދިގުމުއްދަތައް ޖަލުގައި ބައިތިއްބާނެ ވާހަކައެވެ. އެކަމަކު މާގިނަދުވަހެއް ނުވެ މިވެރީން ހިންގި ހަޑިމުޑުދާރު އަމަލުތަކުގެ ޖަޒާ މިވެރީންނަށް ލިބި އެބުނާ ދިގުމުއްދަތައް މިވެރީން ޖަލުތަކުގައި ބައިތިއްބާން އެބަޖެހޭކަން ޚޮދު މިވެރީންނަށްވެސް މިއަދު އެހެރަދަނީ ޔަގީނުން އެނގި ކަށަވަރު ވަމުންނެވެ.