އަދަބީ ނަޒަރަކުން ރައީސް މުޙައްމަދު ނަޝީދު (އަންނި)

ލިޔުނީ: މުއާޒް މުޙައްމަދު (މޯލާ)

ރާއްޖެ ދުށް އެންމެވަރުގަދަ އެއް އަދީބަކީ އައްޝައިޚުލް މަރްހޫމް މުޙަންމަދު ޖަމާލުއްދީން އެވެ. ނުވަތަ ދިވެހީން އާންމުކޮށް ކިޔާގޮތަށް ނަމަ ނައިބު ތުއްތު އެވެ. އޭނާގެ ލިޔުންތެރިކަން ފެނިފައިވަނީ އަދަބިއްޔާތުގެ ފިރުކެން ފެށި ދައުރުގައެވެ.މަރުހޫމް ނައިބު ތުއްތުގެ ޒަމާނުގައި ހިނގާފައިވާ ކަންތައްތަކުގެ ތަސްވީރުތައް ދިވެހި މުޖުތަމައުގައި ފޭއްދި ޗާޕްކުރެވިފައި ނުވި ނަމަވެސް ބައެއް ބޭބޭފުޅުންގެ ލިޔުންތަކުން ކޮންމެވެސް ވަރަކަށް ފެންނާން އެބަހުއްޓެވެެ. އަޅުގަނޑުގެ ދިރާސާތަކުން ދައްކާގޮތުން ދިވެހި ދީބަށް މިފަދަ ދެވަނައެއް ނުވާ އަދަބީ ފަހުލަވާނަކަށް ވެފައިމިވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް ގ. ގެނެރީގޭ މުޙައްމަދު ނަޝީދުއެވެ. ނައިބުތުއްތުއާއި ރައީސް ނަޝީދާއި އެއްގޮތް ކަންތައްތަކެއް އެބަހުރިވެސް މެއެވެ.

1974އިން 1981 ވަނަ އަހަރާ ހަމައަށް ރައީސް ނަޝީދު ތަޢުލީމް ހާސިލްކުރެއްވީ މާލޭގެ މަޖީދިއްޔާ ސްކޫލުންނެވެ. 1981 އިން 1982 އަށް ތައުލީމް ހާސިލްކުރެއްވީ ލަންކާގެ ކޮޅުނބުގައި ހުންނަ އޯވަސީސް ސްކޫލްގައެވެ. 1982 އިން 1984 އަށް ރައީސް ނަޝީދު “އޭ ލެވަލ”ް އިމްތިހާނަށް ކިޔަވައިވިދާޅުވެ، އެއިމްތިހާނު ފުރިހަމަކުރެއްވީ އިނގިރޭސި ވިލާތުގެ ވިލްޓްޝައަރ ގެ ޑޯޓްސީސް ސްކޫލުންނެވެ. 1984 އިން 1989 އަށް އިނގިރޭސި ވިލާތުގެ ލިވާޕޫލްގެ ޖޯން މޯރޒް ޔުނިވާސިޓީން މެރިޓައިމް ސްޓަޑީޒް ޑިގްރީއެއް ފުރިހަމަކުރެއްވިއެވެ. ގިނަމީހުންނަށް ރައީސް ނަޝީދު އެނގިފައިވަނީ ސިޔާސީ މީހެއްގެ ގޮތުގައި ނަމަވެސް އަޅުގަނޑުގެ މިދިރާސާގައި ބަލާލައިފައިމިވަނީ އަދަބީ ނަޒަރަކުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށެވެ.“ސަންގު” މަޖައްލާއެއްގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ރައީސް ނަޝީދު މަސައްކަތް ކުރައްވަން ފެއްޓެވީ 1990 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ހަމަޔަގީނުންވެސް ރައީސް ނަޝީދަކީ އަޅުގަނޑުގެ އަދީބުންގެ ލިސްޓްގައި ހިމެނޭ ބެފުޅެކެވެ.
ރައީސް ނަޝީދު އެންމެ ފުރަތަމަ ފޮތެއް ޝާއިއުކުރީ 1996 ވަނަ އަހަރުއެވެ. ދަގަނޑު ދަހަނާ ކިޔާ މިފޮތަކީ ރާއްޖޭގެ ބޮޑުންގެ މެދުގައި ހިނގި ކޯޅުންތަކުގެ ނަތީޖާއެއްގެގޮތުން ރާއްޖެ އިނގިރޭސި ވިލާތުގެ ހިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވި ވާހަކަ ބަޔާންކުރާ ތާރީޚު ފޮތެކެވެ. އޭރުގެ ސިޔާސަތާބެހޭ އެއްވެސް ވާހަކައެއް އެފޮތަކު ނުވެއެވެ. އެހެނަސް، އެފޮތަކީ ދައުލަތާއި ޚިލާފް ޣައިރުގާނޫނީ ފޮތެއްކަމަށް ދެކި އެފޮތް ވިއްކުން އެޑިޔުކޭޝަން މިނިސްޓްރީން މަނާކުރިއެވެ. ރައީސް ނަޝީދު ލިޔުއްވި އަނެއްފޮތަކީ “ހިތާއި ހިތުގެ ގުޅުން” ކިޔާ ލޯބީގެ ވާހަކައެކެވެ. އެހެންނަމަވެސް މިފޮތް ޝާއިއުކުރީ އެހެންމީހެއްގެ ނަމުގައެވެ. މިފޮތް ރާއްޖޭގައި ވިކުނެވެ. މިއީ އެއްވެސް ވަރަކަށް ސިޔާސީ ކުލަވަރެއް އެކުލެވިގެން ނުވާ ފޮތެކެވެ. މީގެ އިތުރުން ސްރީލަންކާގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ ”ދި އައިލެންޑް” މަޖައްލާއަށް އިންސާނީ ހައްޤުތަކާއި ތިމާވެއްޓާއި ގުޅޭ ކޮލަމެއް އެމަނިކުފާނު ލިޔުއްވިއެވެ. ދަގަނޑުދަހަނާ ނެރުނުތާ މާގިނަދުވަސްތަކެއްނުވެ ރައީސް މައުމޫނުގެ ސަރުކާރުން ރައީސް ނަޝީދުގެ ކޮމްޕިއުޓަރާއި، ހުރިހާ ލިޔެކިޔުމަކާއި، އެވަގުތު އަދި ޝާއިއުނުކޮށް ހުރި އެތައް ލިޔުމެއް ފުލުހުން ގެންދިއައެވެ. މިދެންނެވި ލިޔުންތައް މިހާތަނަށްވެސް ރައީސް ނަޝީދަށް އަނބުރާ ރައްދުކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ލިޔުއްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފޮތަކީ ”ދަގަނޑުދަހަނާ” އެވެ. މިފޮތަކީ އަދަބީ ނަޒަރަކުން އަދި ދިރާސީ ނަޒަރަކުން ބެލިކަމުގައިވިޔަސް އޭގެ ފުންމިން މަދުބަޔަކަށް ނޫނީ ޝަރަހަނުކުރެވޭނެފަދަ މޮޅު ފޮތެކެވެ. އެފޮތަކީ ނައިބުތުއްތުގެ ދަގަނޑުދަހަނާގެ ޝަރަހައެކޭވެސް ބުނެވޭކަށްނެތެވެ. ރައީސް ނަޝީދު ލިޔުއްވާފައިވާ ދަގަނޑު ދަހަނާ މެނުވީ އެހެން އެއްވެސް ފޮތެއް ކިޔާލުމުގެ ފުރުސަތު އަޅުގަނޑަކަށް ނުލިބެއެވެ. އަޅުގަނޑު މިލިޔަނީ ހަމައެކަނި އޮފޮތުގެ މައްޗަށް ބުރަވެހުރެއެވެ. މޮޅު އަދީބެއްގެ ލިޔުމުން ފެންނަން ހުރި ހުރިހާ ލިޔުމެއް މިފޮތުން ފެންނާން އެބައޮތެވެ. ބަސްމަގާއި ފަށުވިކަމީ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމެވެ. ލިޔުމެއް މޮޅުވާން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ފަށުވިވުމާއި ބަސްމަގު މުއްސަނދިވެފައި ތަނަވަސްވުމެވެ. މީގެ މިސާލަކަށް ބަލައިލަމާ ހެއްޔެވެ. ދަގަނޑު ދަހަނާގެ ބޭރުގަނޑުގައި ލިޔުއްވާފައިވާ ފޮތުގެ ތަޢާރަފްގައި ނަޝީދު ލިޔުއްވާފައިވެއެވެ. ” ވެރިކަން އޮތީ ވަކިފާޑަކަށް ކެނޑި،ފެތި ހިމުންވެފައެވެ” އެހެން އިބާރާތަކަށް ބަލައިލަމާހެއްޔެވެ. ތަޢާރަފްގެ ނިމޭ ޖުމަލައިގައި ލިޔުއްވާފައިވެއެވެ. މިދުވަސްވަރު ކުލަގަދަވެފައި އޮލައެވެ.”ބަސްތައް އަތުރާލެވިފައިވާ ގޮތް ނުވަތަ އެމުނި އެކުލެވިގެންވާ ގޮތް ކިތަންމެހާވެސް ފުރިހަމެވެ. އޮލައެވެ. އިބާރާތްކުރުން އެހާ ސާދާއެވެ.

ގަލަމުގެ ކުޅަދާނަކަމުގެ އިތުރުން ރައީސް ނަޝީދަކީ ދުލުގެ ކުޅަދާނަކަންވެސް ލިބިލައްވާފައިވާ އަދީބެކެވެ. ލިޔުންތެރިކަމާއި އެއްވަރަށް ވާހަކަދެއްކުމުގެ ހުނަރު ލިބިފައިވަނީ މަދުބަޔަކަށެވެ. އާއްމު ތަންތާނގައި, ގިނަ ބައެއްގެ ކުރިމަތީގައި ރައީސް ނަޝީދާ އެއްފެންވަރަށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ވަރަށް މަދެވެ. އޯޑިއެންސާ ގުޅުން ބާއްވާ ގޮތާއި, މިސާލު ޖައްސަވާ ގޮތާއި, ފަށްކުރައްވާ ގޮތާއި, ރާގަށް ގެންނަވާ ބަދަލުތަކަކީ ރައީސް ނަޝީދުގެ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމެވެ. މި ފަހުގެ ތާރީޚްގައި ފެނިގެން ދިޔަ މޮޅު ވާހަކަދެއްކުން ތެރިންގެ ލިސްޓްގައި ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. ރައީސް ނަޝީދުގެ ވާހަކަތަކުން އަޑު އިވެންފެށި ބަސްތަކަކީ މިހާރަކަށް އައިސް ގިނަ މީހުންނަށް ރީތިވެ ލިޔުންތަކާއި އެކި ތަޤްރީރްތަކުގައި ބޭނުންކުރައްވާ ބަސްތަކެވެ. އަޅުގަނޑަށް އެންމެބޮޑަށް އަޅައިގަތީ 2008 ވަނަ އަހަރުގެ އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ގެންގުޅުއްވި ޝިއާރު ” ތާހިރު ދިރުޅުމަކަށް” މިބަހެވެ. ގިނަ މީހުންނަށް އެޝިއާރު ވެގެން ދިޔައީ ވަރަށް އާ ހައިރާންކުރުވަނި ޝިއާރަކަށެވެ. އެންމެ ގަދަޔަށް ވައިގައިހިފި ބަސްތައް ކަމަށްވާ ހަޖަމްވުން، ބޮޑުމަންޒަރު، އަތްފޯރާފަށުގައި ފަދަ ބަސްތަކަކީވެސް ރައީސް ނަޝީދުގެ ބަލާޣާތްތެރި ވާހަކަފުޅުތަކުން ވުޖޫދުވި ބަސްތަކެވެ.

ދެން އަޅުގަނޑު އަލައިއަޅުވައިލަން ބޭނުމީ ރައީސް ނަޝީދާއި ނައިބު ތުއްތުގެ ހުރި އެއްގޮތް ކަންކަތައްތަކަށެވެ. މާޗް 2004 ގައި އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތަށް އެދި ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ރިޕޯޓްގެ ދިވެހި ތަރުޖަމާގައި ވެއެވެ.

” ނޮވެންބަރ 1990 ގެ ފަތިސް ވަގުތެއްގައި އަޅުގަނޑު ދޫނިދޫ ޖަލަށް ގެންދިޔައެވެ. އެތަނުގައި އަޅުގަނޑުގެ މައްޗަށް ތަހްގީގު ހިންގުމުގެ އިތުރުން ކުރިއަށް އޮތް 18 މަސްދުވަހު އަޅުގަނޑު އިނީ ކުޑަގޮޅީގައި އެކަހެރިކޮށް ބައިންދާފައެވެ. މިދުވަސްވަރުގެ ބޮޑުބައެއްގައި އަޅުގަނޑު ބައިންދާފައި އިނީ 4 ފޫޓު 6 ފޫޓުގެ ޓިނު ގޮޅިއެއްގައެވެ. ފެންވެރުމުގެ ފުރުސަތު ދެވެނީ ހަފްތާއަކު އެއް ފަހަރުއެވެ. ދުވާލަކު އެއް ލީޓަރުގެ ފެން ދެއެވެ. މިއީ، ޓިނު ގޮޅިއެއްގައި ދިވެހިރާއްޖޭގެ ހޫނު މޫސުމުގައި އިންނަ މީހަކަށް ވަރަށް ކުޑަ އެއްޗެކެވެ.- އަޅުގަނޑު އެމީހުންނަށް އެއްބާރުލުން ނުދޭކަން ގަބޫލުކުރެވުމުން އަޅުގަނޑަށް އަދަބުދިނެވެ. ހަފްތާއެއް ވަންދެން، ނިދިން މަހުރޫމްކޮށް، ނިދިޔަދެނީ ރެއަކު ދިހަމިނެޓު ނުވަތަ ފަނަރަ މިނެޓަށެވެ. ފުޅިތޮއްޓާއި ބޭރަށް ހިންގުން ޖެހޭފަދަ ބޭސް އަޅުގަނޑުގެ ކާނާއަށް އެޅިއެވެ. އަޅުގަނޑު އިނީ ކަސްތޮޅުއަޅުވާފައެވެ. އަދި، އެންމެ ނިކަމެތިވީ ދުވާލަކު އެންމެ ބައި ލީޓަރު ފެންދޭތީއެވެ. އެއް ފަހަރު 12 ދުވަސް ވަންދެން ޗޭނުޖަހާއިފައި ގޮނޑިއެއްގައި ވާރޭގައި އަޅުގަނޑު ބޭންދިއެވެ. އަދި، އިތުރު 14 ދުވަސް ވާންދެން ކަރަންޓު ޖަނަރޭޓަރެއްގައި އަޅުގަނޑު ބަނދެފައި ބެހެއްޓިއެވެ.”

މަރުހޫމް ނައިބުތުއްތުގެ ދުވަސްވަރު ސަރުކާރުން ހިންގި ބައެއް ސިޔާސަތުތަކާއި އެއްބަސްނުވުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ދުވަސްތަކެއްގައި އޭނާ ވެސް އަރުވާލާފައި ހުއްޓެވެ. އަޙްމަދު ޝަފީޤު (1997) ހާމަކުރާގޮތުން 1888 ވަނައަހަރު އޭރު ރަސްކަމުގައި ހުންނެވި މުޢީނުއްދީނުލްއައްވަލު 2 ގެ ރަސްކަމުގައި އިނގިރޭސިންނާއި ދިވެހިންނާދެމެދު ލިޔެވުނު “ޙިމާޔަތުގެ އެގްރިމެންޓް” އަށް ހުރަސްއެޅުމުގެ ސަބަބުން ބ. ފެހެންދުއަށް ތުއްތު އަރުވާލެވުނެވެ. ފެހެންދޫގައި ހުންނެވި އިރު ތުއްތު ތަހައްމަލުކުރަންޖެހުނު ހިތްދަތިކަމުގެ ވާހަކަ ”ސުއްކަތުރާ ޚަބަރު” މިފޮތުގައި ލިޔުއްވާފައިވެއެވެ. ދެވަނަފަހަރަށް ނައިބުތުއްތު އަރުވައިލެވުނީ ޙާޖީ ޢިމާދުއްދީން ރަދުން، ދީނާއި ދުނިޔޭގެ ހަމަތަކުން ޢަޒުލުނުކޮށް ޝަމްސުއްދީނު ރަދުންނަށް ރަސްކަން ބަދަލުކުރުމަކީ ހުއްދަކުރެވޭނެކަމެއްނޫންކަމަށް ފާޅުގައި ވިދާޅުވުމުންނެވެ. 11 ޛުލްޙައްޖާ 1321 ގައި ނާއިބު ތުއްތު ދ.މާއެނބޫދޫ އަށް އަރުވާލެވުނެވެ. އެރަށުގައި ހުންނަވަނިކޮށް 23 ރަމަޟާން 1325 ގައި އުމުރުން 63 އަހަރުގައި ތުއްތު އަވަހާރަވިއެވެ. ނައިބުތުއްތު އަވަހާރަވުމާއި ހަމައަށްވެސް ހުންނެވީ ސިޔާސީ ކުށްވެރިއެއްގޮތުގައެވެ.

ދެބޭފުޅުންގެ ހަޔާތުންވެސް ކުޑަމިންވަރެއް ހިއްސާކޮށްލެވިއްޖެކަމަށް ދެކެވެ. ރައީސް ނަޝީދާއި ނައިބުތުއްތުއާއި ބެހޭ މި މަޢުލޫމާތުކޮޅު ކިޔާލުމުން ކޮންމެވެސް ވަރަކަށް އެއްގޮތް ކަންތައް ފެންނާނެކަން ޔަގީނެވެ. ހަމައެހެންމެ އަދަބީ ނަޒަރަކުން މިލިޔުން ކިޔައިފިނަމަ ރައީސް ނަޝީދަކީ ދިވެހި އަދަބިއްޔާތުގެ މެދުއުޑުގައި ފިޔަޖަހާ އަދީބެއްކަން އަޅުގަނޑާ އެއްފަދައިން ތިބޭފުޅުންވެސް ޤަބޫލުކުރާނެކަން ޔަގީނެވެ.