ރައީސް ނަޝީދަށް ޖޭމްސް ލޯވްސަން އެވޯރޑް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދަށް ޖޭމްސް ލޯސެން އެވޯރޑް ފޯރ އެޗީވްމެންޓް އިން ދަ ޕްރެކްޓިސް އޮފް ނޮން ވަޔަލަންޓް އެކްޝަން، އަރުވައިފިއެވެ.

ރައީސް ނަޝީދަށް މި އެވޯރޑް ލިބިވަޑައިގަެންނެވީ އެމަނިކުފާނު ރާއްޖޭގައި އޮތް ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ހިންގާފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތުގެ އަގު ވަޒަން ކުރުމަށާއި، މިއަހަރުގެ ކުރީ ކޮޅު ރާއްޖޭއަށް ގެނައި ބަޣާވާތާ ދެކޮޅަށް އެމަނިކުފާނު ދައްކަވާފައިވާ ހިއްވަރާއި، ރާއްޖޭގައި އަލުން ޑިމޮކްރަސީ އަށަގެންނެވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މި އެވޯރޑް ރައީސް ނަޝީދާ ހަވާލުކުރެއްވީ އެމެރިކާގެ “ސިވިލް ރައިޓްސް މޫވްމަންޓްސް”ގެ ނަމުގައި 1960ހުގެ އަހަރު ތަކުގައި، ޑރ. މާރޓިން ލޫތަރ (ޖރ)ގެ އެންމެ އަރިސް އެއް އެޑްވައިޒަރު އަދި ސުލްހަވެރި ހަރަކާތްތަކުގެ މުޝީރު ކަމުގައިވާ ޑރ. ޖޭމްސް ލޯވްސަންގެ އަތްޕުޅުންނެވެ. ޑރ. މާރޓިން ލޫދަރ ކިންގް ވަނީ ޑރ. ޖޭމްސް ލޯވްސަންއަށް “ދަ ލީޑިންގް ތިއަރިސްޓް އެންޑް ސްޓެރެޓެޖިސްޓް އޮފް ނޮން ވަޔަލަންސް އިން ދަ ވޯލްޑް” (ދުނިޔޭގެ އެންމެ އިސް ސުލްހަވެރިކަމުގެ ސިޔާސަތުތައް އެކުލަވާލައްވާ މުޝީރު)ގެ ނަމުން ނަން ދެއްވާފައެވެ. މިއެވޯޑް ދެނީ ކޮންމެ އަހަރަކު އިންޓަނޭޝަނަލް ސެންޓަރފޯ ނޮން ވަޔަލެންސް ކޮންފްލިކްޓްސްގެ ފަރާތުން ޓަފްޓްސް ޔުނިވަރސިޓީގެ، “ދަ ފްލެޗަރ ސްކޫލް” ސަމަރ އިންސްޓިޓުއުޓްގައި “ސުލްހަވެރި ހަރަކާތްތަކުގެ ދިރާސާ” މިނަމުގައެވެ.

މިދިޔަ އަހަރު މި އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މިސްރުގެ ހުސްނީ މުބާރިކުގެ ވެރިކަން ވައްޓާލުމުގައި އެންމެ އިސް ސުލްހަވެރި އެއް އެކްޓިވިސްޓް ކަމުގައިވާ ގާދާ ޝާހުބެންދަރު އާއި، ބަހުރެއިންގައި ހިނގާ ދިޔަ ސުލްހަވެރި އެއްވުންތަކުގެ ކްރޯނިކްލް ލިޔުއްވި ނޫސްވެރިޔާ ނަދާ އަލްވާދީ، ޓިބެޓްގެ އަމިއްލަ ހިއްވަރުގެ އިސް އެކްޓިވިސްޓް ލާޑޮން ތެތޮންގް އަދި ސުލްހަވެރި އިޙްތިޖާޖްތަކުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ޑރ. މޭރީ ކިންގްއެވެ.

އެންމެ ފުރަތަމަ ނޫސްވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ރައީސް ނަޝީދު، ޔުނިވަރސިޓީ ތައުލީމް ޙާސިލްކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކޮރަޕްޝަނާއި ބެހޭގޮތުން ސަރުކާރާއި ދެކޮޅު ލިޔުމެއް ލިޔުއްވައިގެން ކަމަށް ބުނެ އެމަނިކުފާނު ވަނީ ޖަލަށްލައި، އެކަހެރިކޮށް އެމަނިކުފާނަށް އަނިޔާކޮށްފައެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގެ ސަބަބުން އެކި ފަހަރުމަތިން 16ފަހަރު ޖަލަށްލާފައެވެ. މިކަމުގެ ސަބަބުން އެމަނިކުފާނުވަނީ ޖަލުގައި ހޭދަކުރެއްވި 06 އަހަރު ދުވަހުގެ މުއްދަތުގައި “އެމްނެސްޓީ އިންޓަނޭޝަނަލްގެ ޒަމީރުގެ ޤައިދީ” ކަމުގައި ވެ ވަޑައިގެންނަވާފައެވެ. އޭގެ ފަހުން 2003ގައި އެމަނިކުފާނު ވަނީ އަމިއްލަފުޅަށް ދިވެހިރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނަވާފައެވެ. އޭރުގެ ސަރުކާރުން ޖަލުގައި ޒުވާނަކު މަރާލުމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ރައީސް ނަޝީދު ސިޔާސީ ޕާޓީ އުފައްދަވައި، “ސިވިލް ޑިސްއޮބީޑިއަންސް” ނުވަތަ މަދަނީ ބަސްނޭހުމުގެ ކެމްޕެއިނެއް ކުރެއްވިއެވެ. ރައީސް ނަޝީދު ގެކޮޅުގައި ބަންދުގައި ބަހައްޓައިގެން އުޅެނިކޮށް ރައްޔިތުންގެ ފަރާތުންނާއި، ޔޫރަޕާއި ދުނިޔޭގެ ޤައުމުތަކުގެ ފިއްތުންތަކާއި ގުޅިގެން އެ ސަރުކާރަށް މަޖުބޫރުވެގެން މިނިވަންކުރެއްވިއެވެ. އަދި އޭގެ ފަހުން 2008ގައި ބޭއްވި މިނިވަން އިންސާފުވެރި އިންތިހާބު ކާމިޔާބު ކުރައްވައިގެން ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްއަށް ވެވަޑައިގަންނަވާފައެވެ.

ބަޣާވާތަކުން ވެރިކަން ވައްޓާލައި، މިހާރުގެ ސަރުކާރުން ކުރީގެ ޚުދުމުހުތާރު ވެރިކަމުގައި ތިބި އެތައް މޫނުތަކެއް ވެރިކަމުގެ ނިޒާމުގެ ތެރެއަށް ވެއްދުމުގެ ސަބަބުން އަނެއްކާވެސް މިއަދު ރައީސް މުހަންމަދު ނަޝީދަށް ޖެހިވަޑައިގެންފައި މިވަނީ ރައްޔިތުންގެ ހައްޤުގައި ސުލްހަވެރި އިޙްތިޖާޖުތައް ކުރިއަށް ގެންދިއުމަށް ނިކުމެވަޑައިގަންނަވާށެވެ. އިންޓަނޭޝަނަލް ސެންޓަރ އޮން ނޮން ވަޔަލެންޓް ކޮންފްލިކްޓްގެ ރައީސް ޖެކް ޑުވާލް ވިދާޅުވެފައިވަނީ، “ދިވެހިރާއްޖޭގެ 300،000 ރައްޔިތުންނަށް ބަޣާވާތަކުން ވެރިކަން ވައްޓާލުމުގެ ސަބަބުން ލިބުނު ގެއްލުން ގުނާލެވެނީ 1989ގެ ޓިއަނަމެން ސުކެއަރ ނުވަތަ 1968ގައި ސޯވިއެޓުން ޔުގޮސްލާވިޔާއަށް އެރުމުން އެއް ދުވަހު މިނިވަންކަމުގައި ތިއްބައި އަނެއްދުވަހު މިނިވަންކަން ގެއްލިގެން ދިޔަ ދިޔުމުގެ ގިންތީގައެވެ.” އަދިވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއާއި ދޭތެރޭ އޮތް ސުވާލަކީ ހަޤީޤީ ޑިމޮކްރަސީއެއް ލިބިދާނެތޯއާއި ދިވެހިރާއްޖޭގައި ވެރިކަން ކުރާނީ އިންތިޚާބުކުރެވިފައިވާ ސުލްހަވެރި ހަރަކާތްތަކުގެ މައްޗަށް ބިނާވާ ވެރިކަމެއްތޯ ނުވަތަ ނޫންތޯ ކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިނޫން ގޮތަކަށް ޤާނޫނީ ވެރިއަކު ނުހޮވޭނެއެވެ.

“އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ރައްޔިތުން އަޅުގަނޑުމެންނާއި އެކު ތިއްބެވިކަން. މުހިންމީ މޮޅުވަނީ ކާކުތޯ ބެލުމެއް ނޫން. މުހިންމީ، ރައްޔިތުންގެ ރުހުން ލިބިފައިވާ ރައްޔިތުންގެ ވެރިއެއް ހޮވުން”. މިއީ ރައީސް ނަޝީދުގެ ދެކެވަޑައިގަންނަވާ ގޮތެވެ. މރ. ޑުވާލް ވިދާޅުވީ “އެމަނިކުފާނުގެ މިއުޞޫލްގެ މަތިން ހިންގަވާ ސުލްހަވެރި ހަރަކާތްތަކަކީ އެމަނިކުފާނަށް އަޅުގަނޑުމެން ޖޭމްސް ލޯވްސަން އެވޯރޑް ދިން ސަބަބު.” މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވޭނެތޯ ނޫސްވެރިން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.