އެމްޑީޕީގެ ތަޢުލީމާއި ތަމްރީނާ ބެހޭ ކޮމިޓީން ޖަމާލުއްދީނު ސްކޫލްގެ އެކްސްކޯއާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ތަޢުލީމާއި ތަމްރީނާއި ބެހޭ ކޮމިޓީން ޖަމާލުއްދީނު ސްކޫލްގެ އެކްސްކޯއާ ބައްދަލުކޮށްފިއެވެ. އެއީ އެމް ޑީ ޕީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތަކާ އެ ސިޔާސަތުތައް ހިނގާފައިވާގޮތާ، ހިނގަމުންދާގޮތާ، އަދި ކުރިޔަށް އޮތްތަނުގައި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ބެލެނިވެރިންނާ މަޝްވަރާކުރުމަށް. މި ބައްދަލުވުމުގައި އެކްސްކޯގެ 7 މެންބަރަކު ބައިވެރިވެވަޑައިގަތެވެ. އަދި ތަޢުލީމާއި ތަމްރީނާއި ބެހޭ ކޮމިޓީގެ މުގައްރިރު ޑރ. މުޞްޠަފާ ލުޠުފީ، ލީލާ އަޙުމަދު، އިބްރާހިމް ރަޝީދު، ޢަލީ ހާޝިމް، މޫސާ އަޝްފާޤު، އަދި އަހުމަދު ޚަލީލު ބައިވެރިވެވަޑައިގަތެވެ.

“މި ބައްދަލުވުމުގައި ފާހަގަކުރެވުނީ އެމްޑީޕީގެ ތަޢުލީމީ ސިޔާސަތުތަކާ މެދު ބެލެނިވެރިން ޢާންމުކޮށް ހިތްހަމަޖެހޭކަން. އެހެން ނަމަވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ބައެއްކަންކަން ބެލެނިވެރިން ފާހަގަކުރެއްވި. ބެލެނިވެރިން އެންމެ ބޮޑަށް ބޭނުންވާކަމަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސްކޫލް އެއްދަންފަޅިޔަށް ބައްދަލުވެ ފެންވަރު ރަނގަޅު ވަށައިޖެހޭ ތަޢުލީމެއްދެވުމާއި، ހުރިހާ ޓީޗަރުންނަކީ ދަށްވެގެން ޑިގްރީ ފެންވަރުގެ ޓީޗަރުންކަމުގައިވުން.” އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހޭ ކޮމިޓީގެ މުޤައްރިރު ޑރ.މުސްތަފާ ލުތުފީ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިޒަމާނުގެ ތަޢުލީމެއްދޭ ކްލާސްރޫމެއްގައާއި ސްކޫލެއްގައި ހުންނަންޖެހޭ ވަސިލަތްތަކާއި ކަންކަން ކަނޑައަޅައި އެ މިންވަރު ލިބިގެނެވޭނެ ބަޖެޓެއް ލިބުމާއި، އެކިއެކި ކަންކަމާ ގުޅިގެން ޓީޗަރުން ޙާޒިރުނުވާ ދުވަސްދުވަހު ވަގުތީގޮތުން އެ ގަޑި ނަގާނެ ރިސޯސްޓީޗަރުން ލިބޭނެގޮތެއް ހަމަޖެހިފައި އޮތުން ފަދަ ކަންތައްތައް ހަމަޖެހިފައި ހުރުމަށް ބެލެނިވެރިން ބޭނުންވާ ކަމަށް ޑރ.މުސްތަފާ ލުތުފީ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ވަނީ މިފަދަ ދެ ބައްދަލުވުމެއް ބާއްވައިފައެވެ.