އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ ނޫސް ބަޔާން

ދެ ވެރިން ދެގޮތަށް!

ނޯޓް: މި ނޫސް ބަޔާން މި ނެރުނީ ހުނަރު ޕްރޮގްރާމްގެ ޙަޤީޤަތްތައް އޮޅޭގޮތަށް މިނިސްޓްރީ އޮފް އޑިޔުކޭޝަނުން ވާހަކަދައްކަވަމުން ގެންދަވާތީއެވެ.

“43 މިލިއަން ރުފިޔާ ޚަރަދު ކުރި ހުނަރު ޕްރޮގްރާމް ފުރިހަމަކުރީ 10 ކުދިން” ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިމާދު ސޯލިހް ވިދާޅުވިކަމަށް ހަވީރު ނޫހުގެ 25 ޖޫން ދުވަހުގެ އަދަދުގައި މުޙަންމަދު އަފްރާޙު ލިއުއްވާފައި ވެއެއެވެ. ހަމަ އެ ތާރީޚުގައި ހަވީރު ނޫހުގައި ޙުސައިން ފިޔާޒު މޫސާ މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިކަމަށް މިފަދައިން ލިޔުއްވާފައި ވެއެވެ.

“ކުރީގެ ސަރުކާރުން ފެށި ހުނަރު ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 3،555 މީހުން ތަމްރީންކުރަން ކަނޑައެޅިޔަސް، މިހާތަނަށް ތަމްރީނުކޮށްފައިވަނީ 240 މީހުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.” “ހުނަރު ޕްރޮގްރާމަށް ޖުމްލަ 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 10.7 މިލިއަން ރުފިޔާ ދިނީ ތަމްރީނު ދޭ މަރުކަޒުތަކަށް ކަމަށް ވެސް ޑރ. އާސިމް ވިދާޅުވި އެވެ.” ހުނަރު ޕްރޮގްރަމަކީ ރަނގަޅު މަޤްޞަދެއްގައި ފެށި ރަނގަޅު ޕްރޮގްރާމެއްކަމަށާއި އެހެންނަމަވެސް އެއީ “ކާމިޔާބު ޕްރޮގްރާމެއް ނޫން” ކަމަށް ޑރ. އާސިމް ވިދާޅުވި ކަމަށް ވެސް އެ ނޫހުގައި ވެއެވެ. ތަމްރީނުދޭ މަރުކަޒުތަކަށް ‘ދީފައި’ވާކަމަށް އެ ވިދާޅުވާ ފައިސާއަކީ އެފަރާތްތަކާ އެކުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ތަމްރީނުކުރުމަށް އެތަންތަނާ ހަވާލުކުރި ކުދިންގެ ކޯސް ފީއަށް ހިނގި ޚަރަދެވެ. ހުނަރު ޕްރޮގްރާމް ކާމިޔާބު ނުވީ ބަޣާވާތަކުން ސަރުކާރު ވައްޓައިލުމުންނެވެ. އެމްޑީޕީގެ ސަރުކާރު ދެމި އޮތްނަމަ އެ ވާނީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށެވެ.

ހުނަރު ޕްރޮގްރާމާ ބެހޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން އެކި ދުވަހު އެކި ތަންތަނުގައި ވާހަކަ ދައްކަވަމުން ގެންދަވަނީ އެކި ގޮތަށެވެ. ޢާންމު ރައްޔިތުންނަށް ޙަޤީޤަތް އޮޅޭފަދަ ގޮތްގޮތަށެވެ.

ހުނަރު ޕްރޮގްރާމް

އެ ވިދާޅުވާ ފަދައިން ހުނަރު ޕްރޮގްރަމަކީ ރަނގޅު މަޤްޞަދެއްގައި ފެއްޓި ފްރޮގްރާމެކެވެ. 2011 ވަނަ އަހަރުގެ ޖުލައި 26 ގައި މި ޕްރޮގްރާމް އެމްޑީޕީގެ ސަރުކާރުން ފެއްޓީ ރާއްޖޭގައި ވަޒީފާ އަދާކުރާ ހުނަރުވެރި ޒުވާނުންގެ ނިސްބަތް މަތިކުރުމަށެވެ. 2012 ނިޔަލަށް 8500 ޒުވާނުން ތަމްރީނުކުރުމަށެވެ. އަދި ރާއްޖޭގައި ފަންނީ ހުނަރު ދަސްކޮށްދޭ ތަންތަން މި ޕްރޮގްރާމްގެ ތެރެން ތަރައްޤީކުރުމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގާން ކަނޑައެޅުނު ކޯސްތަކަށް އިޢުލާންކުރުމުން 8000 ވުރެގިނަ ޒުވާނުން އެކަމަށް ކުރިމަތި ލިއެވެ. މި ޕްރޮގްރާމްގެ ބޭނުންތެރިކަން މި އަދަދުން ހާމަވެއެވެ.

ހުނަރު ޕްރޮގްރާމްގެ ދަށުން ދެވޭ ތަމްރީނުކޯސްތަކުގެ ތެރޭގައި ޤައުމީ ސަނަދު ތަކުގެ ލެވެލް 1 ން ފެށިގެން މާސްޓާރސް ފެންވަރުގެ ކޯސްތައް ހިންގުމަށް ކަނޑައެޅިފައިވެއެވެ. މި ކޯސްތައް ހިންގުމަށް ރާވާފައިވަނީ އަމިއްލަ މުއައްސަސާތަކާއި ދައުލަތުގެ ތަންތަނުންނެވެ. މީގެތެރެއިން ވިލާކޮލެޖާއި ގުޅިގެން ހިންގާން ފެށުނު އޭސީސީގެ ތިންލެވެލް ގެ ކޯސްތަކަށް އެކަނި ވެސް 200 ދަރިވަރަކަށް ހުނަރުން ޕްރޮގްރާމުން ފުރުޞަތުދެވުނެވެ. މީގެއިތުރުން ރާއްޖޭގެ އެހެނިހެން ކޮލެޖުތަކާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ޔުނިވަރސިޓިގެ އެކި ފެކަލްޓީތަކުގައި 900 ވުރެގިނަ ޒުވާނުން ހުނަރު ޕްރޮގްރާމްގެ ދަށުން ތަމްރީނުވަމުން ދިޔައެވެ.

އެއްކަމެއް ވެސް ނުކުރައްވާ

ހުނަރު ޕްރޮގްރާމް ހިންގުމަށްޓަކައި 2012 ވަނައަހަރުގެ ބަޖެޓުގައި 101 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. ހުނަރު ޕްރޮގްރާމްގެ ދަށުން ހިންގާން ރޭވިފައިވާ ކޯސްތަކުގެ ތެރެއިން މުހިއްމު އެތައް ޕްރޮގަރާމެއް ހިންގުމަށް ތަމްރީނުދޭ ފަރާތްތައް ހޯދުމާއި އެކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވެ ކުރިމަތިލާފައިވާ ދިވެހި ޒުވާނުންނަށް ފުރުޞަތު ހުޅުވާލުމާއި، ކޯސްތައް ނިންމާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުމާއި، އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުންފަދަ މުހިއްމު އެތައް މަސައްކަތެއް ކުރަންޖެހިފައިވާއިރު އެއިން އެއްވެސްކަމެއް ވޭތުވެ ދިޔަ 5 މަސްދުވަހުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވާފައެއްނެތެވެ. ކުރައްވާކަމަކީ އެމްޑީޕީ ސަރުކާރުން ފެބްރުއަރީ 7 އާ ހަމަޔަށް ހިންގަމުން ގެންދިޔަ ކޯސްތަކާއި އެކޯސްތައް ހިންގާ މަރުކަޒުތަކުގެ ވާހަކައާއި އެ ދަރިވަރުންގެ ވާހަކަ ޢާންމުންނަށް އޮޅުން އަރާގޮތަށް އެކި މޭރުމުން ދެއްކެވުމެވެ. ހުނަރު ޕްރޮގްރާމަކީ 7 ފެބްރުވަރީއާ ހަމައަށް ކުރިޔަށްގެންދާގޮތަށް ރާވާފައިވާ ޕްރޮގްރާމެއްނޫނެވެ. އެ ޕްރޮގްރާމަކީ މިހާރުވެސް ކުރިޔަށްދާންޖެހޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދައްކަވަމުންގެންދަވާ ވާހަކައިންނާއި ޕްރޮގްރާމާ ގުޅޭގޮތުން ކަމެއް ނުކުރައްވާތީ ލަފާކުރެވެނީ މި މުހިންމު ޕްރޮގްރާމް ހުއްޓަވާލައްވަން އުޅުއްވާ ކަމަށެވެ. އެ ޕްރޮގްރާމަށް ކަނޑައެޅިފައިވާ 101 މިލިޔަން ރުފިޔާ އެހެން ކަމަކަށް ޚަރަދުކުރައްވަން ބެނުންފުޅުވާހެންނެވެ.

ގޮވާލުން
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޢަމަލުތައް މިހެން ހުރުމާއި، ހުނަރު ޕްރޮގްރާމަށް 101 މިލިޔަން ރުފިޔާ ބަޖެޓްކުރެވިފައިވުމާއި، އަދި ހުނަރު ޕްރޮގްރާމަށް 8000 ދިވެހި ޒުވާނުން އެދިފައިވާތީ މި ޕްރޮގްރާމް ކުރިޔަށް ނުގެންދެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދައްކަވަމުން ގެންދަވާ ބަހަނާ ހުއްޓަވާލައްވައި ކަނޑައެޅިފައިވާ ގޮތަށް އެޕްރޮގްރާމްގެ ފުރިހަމަ ފައިދާ މުޅިރާއްޖެޔަށް ލިބޭނެގޮތަށް ކޯސްތައް ހިންގެވުމަށާއި، ކޯސް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވުންފަދަ މުހިއްމު މަސައްކަތްތައް ކުރިޔަށް ގެންދެވުމަށް ގޮވާލަމެވެ. އަދި ކޯހަށް އެދިފައިތިބި 8000 ކުދިން މާޔޫސްވާފަދަ ގޮތްގޮތަށް ކަންތައް ނުކުރެއްވުމަށާއި، ހުނަރު ޕްރޮގްރާމުގެ ދަށުން ކޯސްތައް ހިންގެވުމަށް ހަވާލުވެތިއްބެވި ކޮލެޖްތަކާއި ފެކަލްޓީތަކުގެ ޝައުޤުވެރިކަން ގެއްލޭގޮތަށް އެތަންތަން ބަދުނާމު ނުކުރެއްވުމަށާއި ހުނަރު ޕްރޮގްރާމާއި ބެހޭގޮތުން އާންމުންނަށް އޮޅޭ ފަދަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުއްވުމަށް ވެސް ގޮވާލަމެވެ.

ބަޔާން ނެރުނީ: މުޞްޠަފާ ލުޠުފީ
ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު