މިއަދު ރާއްޖެއަށް މެދުވެރިވެފައި މިވާ ހާލަތު މާދަމާ މިސްރަށް ދިމާވުމަކީ ދުރުކަމެއް ނޫން – އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް

މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހަށް ދިމާވެފައި މިވާ ހާލަތު މާދަމާ މިސްރަށް ދިމާވުމަކީ ދުރުކަމެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްނެސްޓީ އިންޓަރނޭޝަނަލް އާއެކު ބޭއްވި ވަށް މޭޒު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަލަށް ޑިމޮކްރަސީއަކަށް ވާސިލްވާ ގައުމުތަކުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންހިނގާފައިވާ ގޮތާއި، މިހާރު ކަންހިނގަމުންދާ ގޮތަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށާއި، މިއަދު ރާއްޖެއަށް ދިމާވެފައިވާ ހާލަތު މާދަމާ މިސްރަށް ދިމާވުމަކީ ދުރުކަމެއް ނޫން ކަމަށެވެ.

ދުނިޔޭގެ އެންމެ އިސް މަދަނީ ޖަމިއްޔާތަކާއި، އެމެރިކާގެ ކޮންގްރެސް އާއި ސެނެޓްގެ ބައެއް އޮފިޝަލުންނާއި، ތިންކްޓޭކްތަކުން މަންދޫބުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ މުހިންމީ އެމަނިކުފާނު ރައީސް ކަމުގައި ހުންނެވުން ނޫން ކަމަށާއި، މުހިންމީ ރައްޔިތުންގެ ބައިވެރިވުމާއެކު އިންތިޚާބު ކުރެވޭ ޑިމޮކްރެޓިކް ވެރިއަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރުން ކަމަށެވެ.

މި ޖަލްސާގައި އެމްނެސްޓީ އިންޓަރނޭޝަނަލް އިން އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކުރަމުން ގެންދާ އަގުހުރި މަސައްކަތްތަކަށް ތައުރީފްކުރައްވައި، ކުރިއަށް އޮތްތަނުގައި ވެސް ސާބިތުކަމާއެކު ކުރިޔަށް ދިއުމަށް ހިއްވަރުދެއްވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ޑިމޮކްރަސީއަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ނެޝަނަލް އެންޑޯވމެންޓް ފޮރ ޑިމޮކްރަސީ (ނެޑް) އާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހީނަރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މީޑިއާ އާއި، ސުލްހްވެރިކަމާއެކު ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންނާއި، ބަޣާވާތާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް ސިފައިންނާއި ފުލުހުން ބިރުދައްކައި އެ ފަރާތްތަކާއި ޒާތީ ގޮތުން ދިމާކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަވަސް އިންތިޚާބެއް ނުބޭއްވިއްޖެ ނަމަ ޑިމޮކްރަސީއަށް ކުރިމަތިވާނޭ ގޮންޖެހުންތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ތެރޭގައި އިންތިޚާބެއް ނުބާއްވައި، ބަޣާވާތުގެ ކުރިން ވެސް އިންތިޚާބު ބާއްވަން އޮތް ތާރީޚްގައި ބާއްވައިފިނަމަ އެ ދެވެނީ ވަރަށް ގޯސް މެސެޖެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ގޮތުން 2013 ގައި ރިޔާސީ އިންތިޚާބު ބާއްވައިފިނަމަ އެ ކަމުން ދޭހަކޮށްދެނީ ބަޣާވާތްކޮށްގެން ސަރުކާރު ވައްޓާލުމަކީ އެންމެ ރަގަޅު ކަމެއް ކަމަށާއި، އެއީ ކުރިޔަށް އޮތްތަނުގައި ވެސް ރައްޔިތުން އިންތިޚާބުކޮށްފައިވާ ގާނޫނީ ސަރުކާރު، ބަޣާވާތަކުން ބަދަލުކުރުމަށް ފުލުހުންނާއި ސިފައިންނަށް ލިބިގެންދާނޭ އިތުރު ހިއްވަރެއް ކަމަށް ވިދާޅުވިއެވެ.