އަޅުގަނޑުމެން ބޭނުމިއްޔާ މިހާރު ވެސް 48 ގަޑިއިރު ތެރޭ ވެރިކަން ވައްޓާލާނަން – އެމްޑީޕީގެ ޗެއަރޕާސަން

އެމްޑީޕީން މަގުމަތިން ވެރިކަން ވައްޓާލަން ބޭނުން ވެގެން އުޅޭނަމަ 48 ގަޑިއިރު ތެރޭގައި ވެރިކަން ވައްޓާލާނޭ ކަމަށް އެޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އުސްފަސްގަނޑުގައި ރޭ ބޭއްވި އެ ޕާޓީގެ ޚާއްސަ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ވޯޓުން ކަންކަން ނިންމުމަށް އިސްކަންދޭ ޕާޓީއެއް ނަމަވެސް މިހާރު މިއޮތް ސަރުކާރަކީ ބަޣާވާތުން އުފައްދާފައިވާ ސަރުކާރަކަށް ވާތީ އެ ސަރުކާރު ވައްޓާލަން ޖެހޭ ކަމަށެވެ. އަދި ބަޣާވާތުގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް މަޑުޖައްސާލާފައި ވަނީ ބައެއް ކަހަލަ ތަހުގީގުތައް ކުރިޔަށް ގެންދާތީ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ މެންބަރުން އޭނާ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް މި ދަނޑިވަޅު ތަނަވަސް އަޤްލަބިއްޔަތަކުން ހޮވާފައިވަނީ 2 ބޭނުމެއް ގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެއީ ބާޣީ ސަރުކާރު ވައްޓާލުމަށް ޕާޓީގެ ހަރަކާތްތައް އިތުރު ކުރުމާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް އިންތިޚާބު ކާމިޔާބުކޮށްދިނުން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެ ދެ ބޭނުން ވެސް ފުއްދަވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.

ރޭގެ ޖަލްސާ ގައި އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރާއި، އެ ގްރޫޕްގެ މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ވަރަށް ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވިއެވެ.

މި ޖަލްސާގައި އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ ވަރަށް ބޮޑު ކޭކެއް ވެސް ފަޅާފައެވެ. އަދި އެމްޑީޕީއާ ހޯރަފުށިން އަލަށް ގުޅުނު 60 މެންބަރުންގެ ފޯމު ވެސް ރޭގެ ޖަލްސާގައި މޫސަ އާއި ހަވާލުކޮށްދެއްވިއެވެ. މި ފޯމުތައް ހަވާލުކޮށްދެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެވެ.