ކުރީގެ ރައީސް މައުމޫނުގެ ލާއިންސާނީ އަނިޔާތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ކުބޭ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައެއް ނުގަތް

ކުރީގެ ރައީސް މައުމޫނުގެ ލާއިންސާނީ އަނިޔާތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު (ކުބޭ) މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

މި ކުއްލި މައްސަލައަކީ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަގާމުގައި ހުރެ މއ. ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލް ގައްޔޫމު ޝަރުއީ ހުކުމަކާއި ނުލައި ގައިދީން ރުއްރުކުގައި ބަނދެ، ގަޔަށް ހަކުރުއަޅައި، ގަޔަށް ހިނިއަރުވައި، ރުއްރުކުގައި ފުރަގަހަށް ބިޑިއަޅުވާ އަނދަގޮނޑިޖަހައިގެން ގައިދީންނަށް ލާއިންސާނީ އަނިޔާކުރި ކަމަށް ވިދާޅުވެ ކުބޭ ހުށަހެޅުއްވި މައްސަލަ އެވެ.

“ދިވެހިދައުލަތަކީ އެކުވެރި ދައުލަތުގެ މެމްބަރަކަށް ވީހިނދު އަދި ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކަން ހިތަން ލާޒިމުވާ މިނިވަން ދިމިކްރާތީ ދައުލަތަކަށްވީހިނދު ފަރުދުންނާއި ޖަމާއަތުގެ ހައްގުތަކަށް ރައްކާތެރިކުރުމަށް ރައްޔިތުން ގާއިމުކުރާ ސަރުކާރެއްގެ އިސްމައްސްއޫލިއްޔަތާއި ހަވާލުވާ ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމުގައި ހުންނަމީހަކަށް ލާޒިމުވާ ކަމަކަށްވީހިނދު ރައްޔިތުންގެ ހައްގުތައް ގަސްތުގައި ނިގުޅައިގަނެ ވަކިފަރުދުންނާ ޖަމާއަތަށް ލާއިންސާނީ އަނިޔާ ދީފައިވާ”، ކަމަށް ކުބޭގެ ބަޔާނުގައި ވެއެވެ.

މި ކުއްލި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައި ނުގަނެފައިވަނީ ގަވައިދުގެ މައްސަލައެއް ކަމަށް ބުނެއެވެ.