300 މިލިޔަން ރުފިޔާގެ ލޯންގެ މައްސަލައަކީ ޑރ.ވަހީދާއި ބަޣާވާތުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދު ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެއް ކަމަށާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ނައިބު ރައީސް ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ބަޖެޓް ސަޕޯޓުގެ ގޮތުގައި ކަމަށް ބުނެ ބާޣީ ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް އިން 300 މިލިޔަން ރުފިޔާގެ ލޯނެއް ނެގުމަށް ހުށަހަޅާފައިވަނީ އެފައިސާ ނެގުމަށްފަހު، ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އޭނާ ވަނީ މިމައްސަލަ ތަހުޤީގުކޮށް ކަމާގުޅޭގޮތުން ރިޕޯޓެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ސަމީރު ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން 300 މިލިއަން ރުފިޔާގެ ލޯނެއް ނަގަން ފާސްކުރަން މަޖިލީހަށް ހުށަހެޅި އިރު، މީގެ 2 ހަފްތާ ކުރިން މި ލޯނުން ބޭންކް އޮފް މޯލްޑިވްސްގެ ލޯން އެކައުންޓުން އެމްއެމްއޭގައި އޮންނަ މިނިސްޓްރީ އޮފް ފިނޭންސްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
ގަރާރު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ، ރައްޔިތުން ހިއްސާވާ ބޭންކުން 300 މިލިޔަން ރުފިޔާ ނެގުމުން ވިޔަފާރިއާއި ރައްޔިތުންގެ ގެދޮރު އިމާރާތްކުރުމަށާއި، މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ލޯން ދޫކުރުމަށް ބޭނުންކުރެވެން ހުރި ފައިސާ، ދިގު މުއްދަތަކަށް ސަރުކާރުގެ ތެރޭގައި ތާށިވެފައި ހުރުމަން ރައްޔިތުންނަށް އޭގެ ނުހަނު ބޮޑު ގެއްލުން ކުރާނެ ކަމެއް ކަމަށެވެ.