ރައީސް ނަޝީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 54
ތާރީޚް: 26 ޖޫން 2012 (އަންގާރަ)

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު

ތިރީގައި މިވަނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިހާތަނަށް ބައިވެރިވެވަޑައިގެންފައިވާ ބައެއް ހަރަކާތްތަކާއި ބެހޭ ޚުލާސާ ބަޔާނެކެވެ.

1. އެމެރިކާގެ ސެނެޓްގެ ފޮރިންގ ރިލޭޝަންސް ކޮމިޓީއާ ބައްދަލުކުރެއްވުން: މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި ބެހޭ މައުލޫމާތު ރައީސް ނަޝީދު މި ކޮމިޓީގެ ބޭފުޅުންނާ ހިއްސާކުރެއްވިއެވެ. އަދި ފެބްރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކާއި، އެމަނިކުފާނަށް އިސްތިއުފާދެއްވުމަށް މަޖުބޫރުކުރުވި ހާދިސާގެ ތަފްސީލް އެމަނިކުފާނު ދެއްވިއެވެ. އަދި ދިވެހިރައްޔިތުން އެތައް ގުރުބާނީއެއް ވެގެން ރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރެސީ ނެތިނުދާނޭ ކަމުގެ ޔަގީންކަން ހޯދުމަށް، އެމެރިކާއާއި ބައިނަލްއަޤްވާމީ ދުނިޔެއިން ރާއްޖޭގެ ސިޔާސީ މަސްރަޙް މޮނިޓަރ ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ހާދިސާގެ ހަގީގަތް ހޯއްދެވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއެކު މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން މި ކޮމިޓީން ރައީސް ނަޝީދަށް އެރުއްވިއެވެ.

2. ސަބް ކޮމިޓީ އޮން މިޑްލްއީސްޓް އެންޑް ސައުތު އޭޝިއާ ކޮމިޓީ އޮން ފޮރިންގ އެފެއަރޒް އާ ބައްދަލުކުރެއްވުން:މި ކޮމިޓީގެ ޓީމެއް މިއަހަރު ކުރީކޮޅު ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ސިޔާސީ މަސްރަޙް ދިރާސާކޮށްފައި ވެއެވެ. މި ކޮމިޓީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން ރައީސް ނަޝީދު ވާހަކަފުޅުދެއްކެވިއެވެ. އަދި، އަވަސް އިންތިޚާބެއް ނުބޭއްވިއްޖެ ނަމަ ދެން ދުވަހަކުވެސް ރާއްޖޭގައި އިންތިޚާބެއް ނުބޭއްވިދާނޭ ކަމާއި، އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ބަޣާވާތުން ގެނެސްފައިވާ ސަރުކާރުން އެމްޑީޕީއަށް ދެން ދުވަހަކުވެސް އިންތިޚާބެއްގައި ބައިވެރި ނުވެވޭނޭ ގޮތް ހެދުމަށް، އެމްޑީޕީ ބައިބައިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ވެސް އެ މަނިކުފާނު މި ކޮމިޓީއާ ހިއްސާކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރުމުގައި އެމެރިކާގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

3. ޔޫއެސްއައިޕީ: (މި އިވެންޓް ލައިވް ވެބްކާސްޓް ކުރެވުނެވެ.)

4. ޔޫއެސް ސްޓޭޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ސެކްރެޓަރީ ރޮބަރޓް ބްލޭކް އާ ބައްދަލުކުރެއްވުން:މި ބައްދަލުކުރެއްވުމުގައި 2 ބޭފުޅުން މަޝްވަރާކުރެއްވީ ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމާއި، ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް ހަރުދަނާކުރުމަށް އެމެރިކާގެ އެހީތެރިކަން އިތުރަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމާއި ބެހޭ ގޮތުންނެވެ. އަދި އެމެރިކާއިން ރާއްޖޭގެ ކަންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެމެރިކާއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިރައްޔިތުންނާ އެކުގައި ކަމަށް ރޮބަރޓް ބްލޭކް ވިދާޅުވިއެވެ. އަދި އިންކުއރީ ކޮމިޝަން އަލުން އެކުލަވާލައި، އެ ކޮމިޝަނުގެ މަސައްކަތް ފެށިފައިވާ އިރު، އެ ކަންތައް ހިނގާނުހިނގާ ގޮތް އެމެރިކާއިން ވަރަށް ކައިރިން ބަލަމުންދާ ކަމަށް ވެސް ބްލޭކް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި މިނިވަން މީޑިއާގެ ދައުރާއި ބެހޭ ގޮތުންނާއި، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް ގާތުން ބަލަމުންދާނޭ ކަމަށް ވެސް ބްލޭކްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

5. އިންޓަރނޭޝަނަލް ރިޕަބްލިކް އިންސްޓިޓިއުޓް އާއި ބައްދަލުކުރެއްވުން:

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ބެހޭ މައުލޫމާތާއި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ގޮތުގެ މައުލޫމާތު ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.

6. ދި އައިލެންޑް ޕްރެޒިޑެންޓް ސްކްރީން ކުރުން: މި ފިލްމު ސްޕޮންސަރކޮށްފައިވަނީ އެމްނެސްޓީ އިންޓަރނޭޝަނަލް އިންނެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް