ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކޮށް، ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ބާރަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީ އޮފީހުގައި މިއަދު ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއް ގައި މޫސަ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގައި މިހާރު ކުރަންޖެހިފައިވާ އެންމެ ފުރަތަމަ މަސައްކަތަކީ ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ހޮވުން ކަމަށެވެ. އަދި އެފަދަ ވެރިއަކު ހޮވުމަށް އަވަސް އިންތިޚާބެއް ބޭއްވުމަށް އެމްޑީޕީން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.
އެމްޑީޕީއާ ވާދަކުރެވޭނޭ އެހެން ސިޔާސީ ޕާޓީއެއް އެބައޮތްތޯ ސުވާލުކުރުމުން މޫސަ ވިދާޅުވީ “މުޅި އޮޑީގައި ހަސަނުގެ ދެފައި އޮންނަހެން އޮންނަން އެމްޑީޕީ ބޭނުމެއް ނޫން”، ކަމަށާއި، ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އެމްޑީޕީއާއި ވާދަކުރެވޭނޭ ކަމަށާއި، އެހެން ނަމަވެސް “އެމްޑީޕީއަށް ވުރެ މޮޅެއް” ނުވެވޭނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީން ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން މޫސަ ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކޮށް، އިންސާނީ ހައްގުތަކާއި ފަރުދީ މިނިވަންކަމަށް ވަކާލާތުކުރަން ފެށީ އެމްޑީޕީން ކަމަށާއި، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދީ، 18 އަހަރު ފުރިފައިވާ ޒުވާނުންނަށް ގެއްލިފައިވާ ވޯޓުލުމުގެ ހައްގު ހޯދައިދިނީ އެމްޑީޕީން ކަމަށާއި، އާ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއް ވީ އެމްޑީޕީ ކަމަށެވެ. މީގެ އިތުރުން ގިނަ ޕާޓީ އެކުލެވޭ ފުރަތަމަ އިންތިޚާބެއް ބޭއްވުމުގެ މަގުފަހިކޮށް އެ އިންތިޚާބުގައި 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެނައީ އެމްޑީޕީން ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ހުރިހާ ގުނަވަންތަކަށާއި، އާންމު މެންބަރުންނަށް އެ ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ “ފެށުނީއްސުރެ ދެ ގޮތެއް ނުވެ، ވޭތުވެދިޔަ 7 އަހަރުގައި ވެސް ފަރުދީ މިނިވަން ކަމާއި، ޑިމޮކްރަސީއަށް ޓަކައި މަސައްކަތްކުރާ ހިއްވަރުގަދަ ބައެއް” ކަމަށެވެ.