މަރުހަބާ ދެންނެވުން: އެމްޑީޕީގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޗެއަރޕާސަން މަރުހަބާ ވިދާޅުވުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މި ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާޢީދުކުރައްވާ ހުރިހާ ފަރާތްތަކަށާއި، މި ޕާޓީގެ ގޮފިތަކާއި، ދާއިރާތަކާއި، ޕްރޮވިންސްތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުންނަށާއި، ސެކްރެޓޭރިއަޓްގެ މުޥައްޒަފުންނަށާއި، މި ޕާޓީގެ އެކި ކޮމިޓީތަކުގެ މެންބަރުންނަށާއި، ގައުމީ މަޖިލީހުގެ މެންބަރުންނަށާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެންމެ އިސް ލީޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.

އެމްޑީޕީގެ މެންބަރުންނާއި، މި ޕާޓީއަށާއި ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތަށާއި، އަދި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ މާ ފަހި އަދި މާފާގަތި މުސްތަޤްބަލަކަށް އެދެމެވެ.

އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް އައިއިރު، ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް ފައްކާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ އިތުރުން މިނިވަންކަމަށްޓަކައި ގިރާކުރަން ޖެހިއްޖެ ކޮންމެ ހަރުފަތެއް ގިރާކުރުމުގެ ހިއްވަރާއި ފަންވަރު މި ޕާޓީގެ މެންބަރުންނަށާއި، މި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ތާއީދުކުރައްވާ ހުރިހާ ފަރާތްތަކަށް ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.