ބާޣީ ސަރުކާރުން ވަކި ރިސޯޓް އޯނަރުންތަކެއްގެ މަސްލަހަތު ހިމާޔަތްކުރާތީ އެކަން ކުށްވެރިކޮށް ރީކޯ މޫސަ ގަރާރެއް ހުށަހަޅުއްވައިފި

ވަކި ބައެއްގެ ރިސޯޓުތަކުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ބާޣީ ސަރުކާރުން މަސައްކަތް ކުރަމުން ދާތީ އެކަން ކުށްވެރިކޮށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރު ހުށަހަޅުއްވަމުން މޫސަ ވިދާޅުވީ މި ފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅުއްވަން ޖެހިވަޑައިގެންނެވީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކަށް ވެސް އެއްވެސް ބެލުމެއް ނެތި ބާޣީ ސަރުކާރުން ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ސަބަބުން ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ އެތައް ރައްޔިތެއްގެ އެތައް ހައްޤުތަކެއް ގެއްލެމުންދާތީއާއި މިމަޖިލީހުން ފާސްކުރަމުންދާ ޤާނޫނުތަކަށް، ޤަރާރުތަކަށް ބެލުމެއްނެތި ސަރުކާރުން ކަންކަން ކުރަމުންގެންދާތީ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އިޤްތިޞާދީ، އިޖުތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓުކުރުމާއި އަދި މިއިންވެސްޓުމެންޓުތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ލާމަރުކަޒީ ޤާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ހިމެނުނު ނަމަވެސް ބާޣީ ސަރުކާރުން ކައުންސިލްތަކުގެ އިޙްތިސާސްތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.

ޓުއަރިޒަމް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޓޫރިސްޓް ޒޯންތަކުގައި ސަރުކާރުން ޓެންޑަރ އުސޫލުން ރިސޯޓު ހެދުމަށް ދޫކުރާ ފަޅުރަށްތައް ދޫކުރުމާއި، ކައުންސިލްތަކަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން ރަށްރަށުގައި ދިރިއުޅޭ ޢާއްމު ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ސިޓީ ކައުންސިލްތަކާއި ރަށުކައުންސިލްތަކުން ވިޔަފާރިކުރުމަށް ދޫކުރާ ބިންތަކުގައި ތަފާތު އެބަހުރިކަމަށް ވެސް މޫސަގެ ކުއްލި މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.

“ޓުއަރިޒަމް ޤާނޫނާއި ލާމަރުކަޒީ ޤާނޫނުން ލިބިދޭ އެންމެހައި ބާރުތަކަށް ފުށުއަރާގޮތަށް ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ސަމީމް ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ކައުންސިލްތަކަށް ދީފައިވާ ޤާނޫނީ ބާރުތަކެއް ކަނޑުވާލެވޭގޮތަށް މިމަހުގެ 17ވަނަ ދުވަހު އަންގަވާފައިވާ އެންގުމަކީ ޣައިރު ޤާނޫނީ ޢަމުރެއް ކަމުގައި ދެކޭ ހިނދު، މިކަން ކޮށްފައިމިވަނީ ކަނޑައެޅިގެން ވަކި ބައެއްގެ ރިސޯޓުތަކުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ކަމުގައި ދެކެމެވެ.” މޫސަ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވެއެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި މޫސަގެ އިތުރުން ވެސް ވަރަށް ގިނަ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.