ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަމީމަށް އެމްޑީޕީގެ ޗެއަރޕާސަން ފާޑުވިދާޅުވެއްޖެ

ޓުއަރިޒަމް ޤާނޫނާއި ލާމަރުކަޒީ ޤާނޫނުން ލިބިދޭ އެންމެހައި ބާރުތަކަށް ފުށުއަރާގޮތަށް ބާޣީ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަމީމް ކައުންސިލްތަކަށް ދީފައިވާ ޤާނޫނީ ބާރުތަކެއް ކަނޑާލެވޭގޮތަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ޝަމީމަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.

މޫސަ ތުހުމަތުކުރައްވާ ގޮތުގައި ޝަމީމް ގެންދަވަނީ ކަނޑައެޅިގެން ވަކި ބައެއްގެ ރިސޯޓުތަކުގެ މަސްލަޙަތު ޙިމާޔަތްކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ޓުއަރިޒަމް ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޓޫރިސްޓް ޒޯންތަކުގައި ސަރުކާރުން ޓެންޑަރ އުސޫލުން ރިސޯޓު ހެދުމަށް ދޫކުރާ ފަޅުރަށްތައް ދޫކުރުމާއި، ކައުންސިލްތަކަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން ރަށްރަށުގައި ދިރިއުޅޭ ޢާއްމު ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ސިޓީ ކައުންސިލްތަކާއި ރަށުކައުންސިލްތަކުން ވިޔަފާރިކުރުމަށް ދޫކުރާ ބިންތަކުގައި ތަފާތު އެބަހުރިކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

“ޓުއަރިޒަމްގެ ވިޔަފާރީގެ ފައިދާ އާއްމު ރައްޔިތުންނަށް ސީދާ ގޮތުގައި ފޯރުކޮށްދިނުމަށްއެދި 16ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަށްވެސް އެއްވެސް ބެލުމެއް ނެތި މި ބާޣީ ސަރުކާރުން ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ސަބަބުން ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ އެތައް ރައްޔިތެއްގެ އެތައް ހައްޤުތަކެއް ގެއްލެމުންދާތީއާއި މިމަޖިލީހުން ފާސްކުރަމުންދާ ޤާނޫނުތަކަށް، ޤަރާރުތަކަށް ބެލުމެއްނެތި ސަރުކާރުން ކަންކަން ކުރަމުންގެންދާތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ.” އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤު ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ. އެހެން ނަމަވެސް ބަޣާވާތަކުން ވެރިކަން ފޭރިގެންފައިވާ ފަރާތްތަކުން ދަނީ އާންމު ރައްޔިތުންނަށް ދަތިވާ ގޮތަށް ތަފާތު ސަރކިއުލަރތައް ނެރެ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކޮށް މި ބާޣީ ސަރުކާރު ގެނައުމަށް މަސައްކަތްކުރި ފަރާތްތަކަށް މަންފާ ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.