ދާއިރާ ރައީސުންނާ ހަވާލުކޮށްފައިވާ މެމްބަރޝިޕް ފޯމުތައް ސައްހަކުރުމަށްފަހު ވީހާ ވެސް އަވަހަށް އެމްޑީޕީ އޮފީހާ ހަވާލުކުރުމަށް އެމްޑީޕީގެ ޗެއަޕާސަން އިލްތިމާސްކުރައްވައިފި

އެމްޑީޕީގެ ދާއިރާ ރައީސުންނާ ހަވާލުކޮށްފައިވާ މެމްބަރޝިޕް ފޯމުތައް ސައްހަކުރުމަށްފަހު ވީހާ ވެސް އަވަހަށް އެމްޑީޕީ އޮފީހާ ހަވާލުކުރުމަށް އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އިލްތިމާސްކުރައްވައިފިއެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ މިއަދު ވިދާޅުވީ މި ފަހުން ވެސް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 1500 އަށްވުރެ ގިނަ ފޯމު ރިޖެކްޓްކޮށްފައިވާތީ އޭގެ ތެރެއިން ހާހެއްހާ ފޯމު އަލުން ފުރުމަށާއި، ފޯމުތަކުގައިވާ މައުލޫމާތު ރަގަޅުކުރުމަށް ދާއިރާ ރައީސުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ ފޯމުތައް ސައްހަކުރުމަށްފަހު އެމްޑީޕީ އޮފީހާ ހަވާލުކޮށްދެއްވުމަށް ދާއިރާ ރައީސުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޖެކްޓް ފޯމުތަކުގެ މަސައްކަތް ބަލަހައްޓާ ވޮލަންޓިއަރުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އެ ޕާޓީގެ މެންބަރޝިޕާއި ކެމްޕެއިން ކޮމިޓީގެ މެންބަރު ޚަދީޖާ އަބޫބަކުރު (އާނިޔަތު) ވިދާޅުވީ ދާއިރާތަކުގެ ރައީސުންނާ ހާހަކަށްވުރެ ގިނަ ފޯމު ހަވާލުކޮށްފައިވާ އިރު، 550 ފޯމު ތަފާތު އެކި ސަބަބުތަކާ ހެދި އަދި ހަވާލު ނުކުރެވިވާ ކަމަށެވެ.

އާނިޔަތު އިތުރަށް ވިދާޅުވީ އިނގިލީގެ ނިޝާން ސާފުނުވާ މައްސަލައިން ފެށިގެން ގޮސް ތިކިޖެހި ތާނައިން ލިޔާއިރު އައިޑީ ކާޑުގައި އޮންނަ ގޮތަށް ނަން ނުލިޔުން ފަދަ ވަރަށް ކުޑަ މައްސަލަތަކާ ހެދި ވެސް އިލެކްޝަނުން ފޯމުތައް ރިޖެކްޓްކޮށް ފޮނުވާތީ ވަރަށް ގިނަ އަދަދެއްގެ ފޯމު ކޮންމެ މަހަކު ވެސް ރިޖެކްޓް ވަމުންދާ ކަމަށެވެ.