އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ޓްވިޓަރ އާއި ފޭސްބުކް މެދުވެރިކޮށް އާންމުންގެ ޚިޔާލު ހޯދަން ފަށައިފި

އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރު ސޯޝަލް ނެޓްވޯރކްތައް ކަމަށްވާ ޓްވިޓަރ އާއި ފޭސްބުކް މެދުވެރިކޮށް އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީން މެންބަރޝިޕާއި ކެމްޕެއިން ކޮމިޓީގެ އެހީތެރިކަމާ އެކު ޓެލްއެމްޑީޕީގެ ނަމުގައި ހުޅުވާފައިވާ ޓްވިޓަރ އެކައުންޓާއި، ހަމައެނަމުގައި ހުޅުވާފައިވާ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފަށާފައިވާ މި ކެމްޕެއިނަށް އެކަށީގެންވާ ތަރުހީބެއް ލިބެމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ.

” އަޅުގަނޑުމެންގެ ބޭނުމަކީ އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އެކި އުމުރުފުރާތަކުގެ ވީހާ ވެސް ގިނަ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި ބައިވެރިވުން ހޯދުން. އަޅުގަނޑުމެން މި އެދެނީ އެމްޑީޕީ ކައިރީގަ ބުނާށޭ އެމްޑީޕީގެ ސަރުކާރެއްގަ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ. އެ ކަންތައް ކުރުމަށް ރައްޔިތުން ބޭނުންވަނީ ކޮންގޮތަކަށްތޯ. ކޮބައިތޯ ރައްޔިތުންގެ ޚިޔާލަކީ. ރައްޔިތުންގެ ބޭނުންތައް ހޯދުމަށް ފަހު ދެން އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވާލައި، އެ މެނިފެސްޓޯ އާއެކު ގޮސް އަޅުގަނޑުމެން މިއެދެނީ ރައްޔިތުންގެ ވޯޓަކަށް.” އެމްޑީޕީގެ ކެމްޕެއިން ކޮމިޓީގެ މުގައްރިރު އަބްދުލް މާޖިދު ވިދާޅުވިއެވެ.