ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ގަދަރާއި ހައިބަތު ނަގަހައްޓައި ގައުމުގެ އަމަންއަމާންކަމަށް އިސްކަންދިނުމަށް ގޮވާލައި މާފަންނު ދެކުނު ދާއިރާގެ މެންބަރު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ގަދަރާއި ހައިބަތު ނަގަހައްޓައި ގައުމުގެ އަމަންއަމާންކަމަށް އިސްކަންދިނުމަށް ގޮވާލައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މި އަދު ހުށަހެޅި ކުއްލި މައްސަލައަކީ ރާއްޖޭގައި ހިނގަމުންދާ މާރާމާރީއާއި، މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވަން ބާޣީ ސަރުކާރު ނުކުޅެދި، ސިލްސިލާ މާރާމާރީ އާއި ގޭންގު ކުށްތައް މާލެ އާއި ރާއްޖޭގެ ކަންކޮޅުގައި ތަކުރާރުވަމުން ދާއިރު، ފުލުހުންނާއި ސިފައިން ރާއްޖޭގައި ހަލަބޮލިވެފައިވާ ސިޔާސީ މާހައުލުތެރެއަށް ވަދެ ސިޔާސީ އެއަވުންތަކުގައި ރައްޔިތުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ކުރަމުންގެންދާ އަނިޔާއާއި އެފަރާތްތަކުގެ މުދަލަށް ގޯނާކުރުން ހުއްޓާލުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ގަދަރާއި ހައިބަތު ނަގަހައްޓައި ގައުމުގެ އަމަންއަމާންކަމަށް އިސްކަންދިނުމަށް ގޮވާލައި ހުށަހެޅި ގަރާރެކެވެ.

ފުލުހުންނާއި، ސިފައިންގެ މުޥައްސާގެ ހިދުމަތުގައި ހިމެނޭ ބައެއްފަރާތްތަކުން އެފަދަ އަމަލުތަކުގައި ބައިވެރިވެ ދުނިޔޭގެ ފަތުރުވެރިކަމަށް މަޝްހޫރު ދިވެހިރާއްޖޭގެ ރީތި ގޮނޑުދޮށް ތަކާއި އަމާންވެށި ނާމާން ބިރުވެރި ވެއްޓަކަށް ބަދަލުވެފައިވާ ކަމަށް ވެސް މި ކުއްލި މައްސަލައިގައި އިބްރާހީމް ރަޝީދު ފާހަގަކުރައްވާފައިވެއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ އެ މައްސަލައާއި ބެހޭ ގޮތުން މަޖިލީހުގައި މިއަދު ވަނީ ބަހުސްކޮށްފައެވެ.